އެއްވެއުޅުން ހަނިކުރުން ގާނޫނުއަސާސީ އާ ހިލާފުު، އިސްލާހުކުރޭ: ބާ ކައުންސިލް

ސެޕްޓެމްބަރ 9، 2019: ބާ ކައުންސިލްގެ ފޯރަމްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއްވެ އުޅުން ހަނިކޮށް ގާނޫނަށް ގެނެސްފައިވާ އިސްލާހާއި، އެގޮތަށް އަންގައި ހޯމް މިނިސްޓްރީން ކުރި އިއުލާނަކީވެސް ގާނޫނުއަސާސީއާ ސީދާ ހިލާފު ދެ އެކަށައެޅުން ކަމަށާއި އެހެންކަމުން ގާނޫނު އިސްލާހުކޮށް މިނިސްޓްރީގެ އިއުލާނު ބާތިލުކުރުމަށް ބާ ކައުންސިލުން ގޮވާލައިފި އެވެ.

ބާ ކައުންސިލުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އާންމު މަސްލަހަތާ ގުޅުންހުރި ގާނޫނީ ނުވަތަ ދުސްތޫރީ މައްސަލަތަކާއި، ކަންތައްތަކާ ގުޅުންހުރި ރައުޔާއި، މައުލޫމާތު ހާމަކުރުމަކީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ބާ ކައުންސިލާ މަތިކޮށްފައިވާ މަސްއޫލިއްޔަތެއް ކަމަށާއި ގާނޫނުއަސާސީ ނެގެހެއްޓުމާއި، އިންސާނީ ހައްގުތައް ކުރިއެރުވުމަކީ ރާއްޖޭގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ އެންމެހާ ގާނޫނީ ވަކީލުންގެ ހުވައިގެ ތެރޭގައި ހިމެނިފައިވާ ކަމެކެވެ.

އެހެންކަމުން ހޯމް މިނިސްޓްރީން އޯގަސްޓް، 31، 2016 ގައި ކޮށްފައިިވާ އިއުލާން ތަކުރާރުކޮށް، ޖުލައި، 14، 2020 ގައި އާންމުކޮށްފައިވާ އިއުލާން ބާތިލުކުރުމަށް ދިވެހި ސަރުކާރަށް ބާ ކައުންސިލުން ވަނީ ގޮވާލައިފަ އެވެ.

"އަދި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ޅ) އިސްލާހުކުރުމަަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ގޮވާލަމެވެ. މި ކައުންސިލުން ގަބޫލުކުރާ ގޮތުގައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ އިސްވެދެންނެވުނު މާއްދާއާއި އެ މާއްދާގެ ދަށުން ނެރެފައިިވާ އިއުލާނަކީ ގާނޫނުއަސާސީގެ 32 ވަނަ މާއްދާއާއި ހިލާފު އެކަށައެޅުންތަކެއް ކަމުގައި މި ކައުންސިލުން ދެކެމެވެ." ބާ ކައުންސިލްގެ ބަޔާނުގައިވެ އެވެ.

އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ޅ) ގައި ބުނެފައި ވަނީ އެ ގާނޫނުގައި އެހެންގޮތަކަށް ކަނޑައަޅާފައި ވީނަމަވެސް، ފުލުހުން ލިޔުމުން ދޭ ހުއްދައަކާ އެކު ފިޔަވައި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، ހޯމް މިނިސްޓްރީން ކަނޑައަޅައި އާންމުކޮށް އިއުލާންކޮށްފައިވާ ތަންތަނުގައި އެކަނި ކަމަށެވެ.

ނަމަވެސް ގާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ބުނެފައި ވަނީ ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށެވެ.

ބާ ކައުންސިލުން ބުނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ރައްކާތެރިކޮށް ކުރިއެރުވުމަކީ ގާނޫނުއަސާސީގެ ދަށުން ދިވެހި ދައުލަތުގެ މައްޗަށް މަތިކޮށްފައިިވާ ދުސްތޫރީ ވާޖިބެއް ކަމަށެވެ.

ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް އެ ހައްގު ކަށަވަރުކޮށްދިނުމަކީ ޔުނިވާސަލް ޑެކްލެރޭޝަން އޮފް ހިއުމަން ރައިޓްސް (ޔޫޑީއެޗްއާރް) އާއި ދިވެހި ދައުލަތުން ތަސްދީގުކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ތެރެއިން އިންޓަނޭޝަނަލް ކޮވަނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރް)ގެ ދަށުން ދިވެހި ދައުލަތުން އަމަލުކުރަން އަހުދުވެފައިވާ ކަމެއް ކަމަށެވެ.

ބާ ކައުންސިލުން ބުނީ އެއްވެ އުޅުމުގެ ހައްގު ހަނިކުރާނަމަ އެކަން ކުރެވޭނީ، ކުރިއަރާފައިިވާ ދިމިގްރާތީ މުޖުތަމައުތައް ބަލައިގެންފައިވާ މަައިގަނޑު އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އެއީ:

  • އެފަދަ ހަނިކުރުމެއްގެ ސަބަބުން ގާނޫނު އަސާސީގެ 69 ވަނަ މާއްދާގައި މަނާކޮށްފައިވާ ގޮތަށް، އެ ހައްގުން އެއްކޮށް މަހްރޫމްކުރެވިގެން ނުވާނެ.
  • އެފަދަ ހަނިކުރުމެއްގެ ސަބަބުން އެ ހައްގު ބޭނުންކުރުމުގެ ކުރިން ކުރިއާލާ ސަރުކާރުގެ ހުއްދަ ހޯދަންޖެހޭ ގޮތަށް އޮވެގެން ނުވާނެ.
  • އެފަދަ ހަނިކުރުމަކީ ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މިނިވަން ދީމިގްރާތީ މުޖުތަމައުއެއްގައި އަމަލުކުރާ އުސޫލުތަކާ އެއްގޮތަށް ކުރެވޭ ކަމަކަށް ވާން ޖެހޭނެ.

ބާ ކައުންސިލުން ބުނީ އެފަދަ ހަނިކުރުމެއް ހަނިކުރަންވާނީ އައިސީސީޕީއާރްގެ 21 ވަނަ މާއްދާގައިވާ ސައްހަ މަގުސަދަށްޓަކައި ކަމަށެވެ. އެ މަގުސަދުތަކަކީ ގައުމީ ސަލާމަތާއި އާންމުން ރައްކާތެރިކުރުމާއި، ނިޒާމް އާންމު ރައްކާތެރިކުރުމާއި، އާންމުންގެ ސިއްހަތާއި އަހްލާގީ މިންގަނޑު ރައްކާތެރިކުރުމެވެ.

އެހެންކަމުން އެއްވެ އުޅުން ހަނިކުރުމަށް މާލޭ ސިޓީގެ ސަރަހައްދުގެ ތެރެއިން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަން ނޫން ސަރަހައްދެއްގައި އެއްވުމުގެ ކުރިން ސަރުކާރުގެެ ހުއްދަ ހޯދަން ޖެހޭގޮތަށް ގާނޫނަށް ގެނެސްފައިވާ އިސްލާހާއި، މިނިސްޓްރީން މި މަހުގެ 14 ވަނަ ދުވަހު ނެރެފައިވާ އަމުރުގެ ދަށުން އެގޮތަށް ކުރިއާލާ ހުއްދަ ނުހޯދައި މާލޭގެ ސަރަހައްދުގައި އެއްވެ އުޅެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައި ކަމަށް ކަނޑައަޅާފައި ވާތީ، އެ ދެ އެކަށައެޅުމަކީ ވެސް ގާނޫނުއަސާސީއާ ސީދާ ހިލާފު ދެ އެކަށައެޅުންކަމަށް އެ ކައުންސިލުން ދެކޭ ކަމަށް ބަޔާނުގައިވެ އެވެ.

އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނެސް، ފުލުހުންނަށް ކުރިން ނޯޓިސް ދިނުމަކާ ނުލައި އެއްވެ އުޅެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދަށް ކަމަށް ގާނޫނުގައި ލިޔުނީ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ޕީޕީއެމްގެ މެޖޯރިޓީގަ އެވެ. އެ އިސްލާހަށް އޭރުގެ އިދިކޮޅު، މިހާރު ސަރުކާރުގައި ތިބި އެމްޑީޕީ ޖުމްހޫރީ ޕާޓީ އަދި އަދާލަތުން ވެސް ވަރަށް ބޮޑަށް ފާޑުކިޔެވެ.

އެ އިސްލާހު އުވާލާނެކަމަށް ވެސް ވަނީ ވައުދުވެފަ އެވެ.

އެހެން ނަމަވެސް އެ އިސްލާހު އުވާލަން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިލު މިދިޔަ އަހަރުގެ އޯގަސްޓު މަހު ހުށަހެޅި ބިލު، ސެޕްޓެމްބަރު މަހު މަޖިލީހަށް ބަލައިގަނެ ކޮމިޓީ މަރުހަލާފައި އޮންނަތާ އަހަރެއް ވާން ވަނީ ކައިރިވެފަ އެވެ. އެ އިސްލާހުގެ މަސައްކަތް ކުރިއަކަށް ނުދެ އެވެ.

އެ އިސްލާހު އުވާލަން ސަރުކާރުން ވައުދުވި ނަމަވެސް، ވެރިކަން ބަދަލުވުމަށްފަހު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ އެ އިސްލާހު އުވާލައިފި ނަމަ މުޅި ނިޒާމަށް ބުރުއަރާނެ އެތައް ކަމެއް ކުރިމަތިވެދާނެ ކަމަށް ވިދާޅުވެފަ އެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ޕީޕީއެމްގެ ސަރުކާރުން އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނައި އިސްލާހު އޮތްގޮތަށް ބާއްވާފައި، އެއްވެ އުޅުމަށް އޭގެ ތެރެއިން ދެވެން އޮތް އެންމެ ފުޅާ ފުރުސަތެއް ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ހޯމް މިނިސްޓްރީން މިކަން އަލުން ހަނދާންކޮށްދީފައި ވާއިރު، ފަހަކަށް އައިސް މާލޭގެ އެކި ސަރަހައްދުތަކުގައި އަންނަނީ މުޒާހަރާތައް ބާއްވަމުންނެވެ. އެގޮތުން މަސައްކަތްތެރިންގެ ހައްގުގައާއި، އަންހެނުންނާ ކުޑަކުދިންނަށް ކުރާ އަނިޔާ ދެކޮޅަށް އަޑުއުފުލައި އަންނަނީ މުޒާހަރާތައް ބާއްވަމުންނެވެ. ހަމައެއާއެކު ބިދޭސީން ވެސް އަންނަނީ އެމީހުންގެ ހައްގު ހޯދަން މުޒާހަރާ ކުރަމުންނެވެ.

މީގެ އިތުރުން ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ދިން ލުއިތަކާއެކު ކޭސްތައް އިތުރުވަމުންދާތީ، ކޮންމެހެން ބާއްވަން ޖެހިގެން ނޫނީ ބައްދަލުވުންތައް ނުބޭއްވުމަށާއި އެއްވުންތައް ނުބޭއްވުމަށް އެޗްޕީއޭ އިން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

comment ކޮމެންޓް