އަސާސީ ހައްގުތައް ކަށަވަރުކުރާނަން، އެކަމަކު ހަމަނުޖެހުމަށް ޖާގައެއް ނެތް: ސަރުކާރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު (ވ) އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިރު -- ފޮޓޯ/ ރައީސް އޮފީސް

އަސާސީ ހައްގުތައް ދެމެހެއްޓުން މަތީގައި ދެމިތިބޭނެ ކަމަށާއި އެހެން ނަމަވެސް ހަމަނުޖެހުން ހިންގުމަށް ޖާގައެއް ނުދެވޭނެ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން މިހެން ބުނެފައި ވަނީ، ގާނޫނު އަސާސީއިން ލިބިދީފައިވާ އަސާސީ ހައްގުތައް ހަނިކުރުމުގެ ސަރުކާރަށް ތުހުމަތު ކުރެވިފައި ވަނިކޮށް، މިރޭ ނެރުނު ބަޔާނެއްގައެވެ.

ފުލުހުންނަށް ކުރިން ނޯޓިސް ދިނުމަކާ ނުލައި އެއްވެ އުޅެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދަށް ކަމަށް ގާނޫނުގައި ލިޔުނީ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ޕީޕީއެމްގެ މެޖޯރިޓީގަ އެވެ. ހޯމް މިނިސްޓްރީން އިއްޔެ ވަނީ 2016 ވަނަ އަހަރުގެ އެ ނިންމުން ހަނދުމަކޮށްދޭކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

ހޯމް މިނިސްޓްރީއިން އެގޮތަށް ބަޔާން ނެރުނު އިރު، ޖަމިއްޔާތަކުގެ ކަންކަން ބަލަހައްޓާ ޔޫތު މިނިސްޓްރީން އިއްޔެ ބަޔާނެއް ނެރުނު ބަޔާނާ މެދުވެސް ވަނީ ކަންބޮޑުުވުން އުފެދިފައެވެ. އެ މިނިސްޓްރީގެ ބަޔާނުގައި ވަނީ ބައެއް ޖަމިއްޔާތަކުން ގައުމީ ސަލާމަތާ ރާއްޖޭގެ އާންމު މަސްލަހަތަށް އުނިކަން އަންނަ ގޮތަށް ހިންގާ ހަރަކާތްތަކަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކާކަމަށެވެ. އަދި އެފަދަ ޖަމިއްޔާތަކަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ޔޫތު މިނިސްޓްރީއިން ދިނެވެ. މި ބަޔާން ނެރެފައި ވަނީ ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން ކުރަމުންދާ މުޒާހަރާތަކާ ގުޅޭގޮތުން ބައެއް ޖަމިއްޔާތަކުން ވާހަކަދައްކާފައި ވަނިކޮށެވެ.

މި ކަންކަމާ މެދު ކަންބޮޑުވުން ފާޅުކޮށް، ރާއްޖޭގެ ބައެއް މަދަނީ ޖަމިއްޔާތަކާއި، ދިވެހިރާއްޖޭގެ ބާ ކައުންސިލާއި އަދި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ބައެއް ޖަމިއްޔާތަކުންވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ހިއުމަން ރައިޓްސް ވޮޗުން ރޭ ނެރުނު ބަޔާނެއްގައި ރާއްޖޭގައި އެއްވެ އުޅުމުގެ މިނިވަންކަމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ހަނިވުމުގެ ނުރައްކާ ކުރިމަތިވެފައިވާ ކަމަށް ބުނެފައިވެއެވެ.

ފާޑުކިޔުން އަމާޒުވެފައިވާ މި ދަނޑިވަޅުގައި ރޭ ސަރުކާރުން ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިނގިރޭސިބަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ މި ހާލަތުގައި، އާންމު އެއްވުންތައް ބޭއްވުމަށް ހުރަސް އެޅުމުން ފާޅުކުރަމުންދާ ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށެވެ. އަދި އެއްވުމެއް ބޭއްވުމުގެ ކުރިން ފުލުހުންގެ ފަރާތުން ހުއްދަ ހޯދުމަށް އަންގާފައި އޮންނަ އޮތުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާކަންވެސް ސަރުކާރުން ފާހަގަކުރިއެވެ.

ސަރުކާރުން ބުނީ، ގާނޫނު އަސާސީއިން ލިބިދޭ އަސާސީ ހައްގުތަކާއި މިނިވަންކަން ނެެގެހެއްޓުމުގައި ދެމިތިބޭނެ ކަމަށެވެ. އަދި އެއްވުން ބޭއްވުމާ ގުޅޭގޮތުން އެކުލަވާފައިވާ އުސޫލަކީ ގާނޫނުތަކާއި ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާވުނުވާ އުސޫލުތަކެއް ކަމަށްވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން، ކޮވިޑް-19 ފެތުރިޔަ ނުދިނުމަށް 30 މީހުންނަށް ވުރެ ގިނައިން އެއް ތަނެއްގައި އެއްވެ ނޫޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ގޮވާލާފައިވާކަންވެސް ސަރުކާރުން ފާހަގަކުރިއެވެ. ބައިވަރު ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން، އާންމުންގެ އެހީތެރިކަމާއެކު، ރާއްޖޭގެ ސިއްހީ ދާއިރާއަށް ކަތާ ނުކަތާ ވަރަށް ވުރެ ބޮޑަށް ވައިރަސް ފެތުރިޔަ ނުދީ ހިފެހެއްޓިފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އެގޮތުގެ މަތީގައި ތިބުމަށް، އަސާސީ ހައްގުތައް ބޭނުން ކުރާއިރު، އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރުމަށް ސަރުކާރުން ވަނީ އެއްވުންތައް ބާއްވާ ފަރާތްތަކަށް ހަނދުމަކޮށްދީފައެވެ.

ފާއިތުވެދިޔަ ސަރުކާރުތަކުންވެސް ހައްލު ނުކުރެވި އޮތް މައްސަލައެއްގެ ސަބަބުން، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ކުރިމަތިވެފައިވާ ދަތިތަކާއި، އެ މީހުންނަށް ކުރިމަތިލާންޖެހިފައިވާ ބޭއިންސާފާ ގުޅޭ ކަންބޮޑުވުންތައްވެސް ބަލައިގަންނަ ކަމަށް ސަރުކާރުން ބުންޏެވެ. މި މައްސަލަތައް ބޮޑެތި ރިފޯމްތަކުގެ ތެރެއިން ހައްލު ކުރަން ސްޓޭކްހޯލްޑަރުންނާ އެކު މަސައްކަތް ކުރަމުންދާ ކަމަށްވެސް ސަރުކާރުން ބުންޏެވެ.

ނަމަވެސް، ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން ހިނގި ހަމަނުޖެހުން ބަލައިނުގަނެވޭނެ ކަމަށާއި، އެކަމަށް އިތުރަށް ޖާގައެއް ނުދެވޭނެ ކަމަށްވެސް ސަރުކާރުން ބުންޏެވެ.

އޭގެ އިތުރުން، އާންމުންނާ ގުޅޭ މައްސަލަތަކުގައި ހައްލު ހޯދަން މަދަނީ ޖަމިއްޔާތަކުން ބައިވެރިވުމަށް މަރުހަބާ ކިޔާ ކަމަށްވެސް ސަރުކާރުން ބުންޏެވެ. ނަމަވެސް، އެ މަސައްކަތް ކުރާއިރު ގައުމުގެ ގާނޫނުތަކާ އެއްގޮތަށް އެކަން ކުރުމަށް އެދޭ ކަމަށްވެސް ބުނެއިވެއެވެ.

ކަންބޮޑުވުންތަކަށް މަރުހަބާ ކިޔާ ކަމަށް ބުނެ ސަރުކާރުން ފާހަގަ ކުރީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެވުނު ބައެއް މަސައްކަތްތަކަށެވެ. އެގޮތުން، އަބުރުގެ ގާނޫނު އުވާލުމާއި، ބޭރުގެ ނޫސްވެރިންނަށް ރާއްޖޭގައި ހަރަކާތްތެރިވުމަށް އޮތް ހުރަސްތައް ނެގުމާއި، މުހިންމު ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާތަކުގައި ރާއްޖެއިން ބައިވެރިވުމާއި، ލެޖިސްލޭޓިވް ރިފޯމް އެޖެންޑާއެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފެށިކަން ފާހަގަ ކުރިއެވެ.

ސަރުކާރުން ޑިމޮކްރެޓިކް ރިފޯމްއާއި، ހެޔޮ ވެރިކަމެއް ކުރުމާއި، އިންސާނީ ހައްގުތައް ދެމެހެއްޓުން މަތީގައި ގައުމީ އަދި ބައިނަލްއަގުވާމީ ބައިވެރިންްނާއެކު އިހުލާސްތެރިކަމާއެކު ދެމިތިބޭނެ ކަމަށްވެސް ސަރުކާރުން ބުންޏެވެ.

comment ކޮމެންޓް