ފަތުރުވެރިން ރާއްޖެއިން ފުރާއިރު ޓެސްޓެއް ނުކުރާނެ

ކޮވިޑް19އާ ގުޅިގެން ތިން މަހަށްވުރެ ގިނަ ދުވަހަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުން --- ސަން ފޮޓޯ : ފަޔާޒު މޫސާ

ރާއްޖެ އަންނަ ފަތުރުވެރިން އަނބުރާ ގައުމަށް ދާއިރު އެ ފަރާތްތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްތޯ ނުވަތަ ނެގެޓިވްތޯ ބެލުމަށް ޓެސްޓެއް ހަދަން ނުޖެހޭނެ ކަމަށް ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ އެއްވެސް ބިދޭސީއަކު ރާއްޖެއިން ފުރުމުގެ ކުރީން އެ ދާ ގައުމަކުން ބޭނުންވާ ޓެސްޓުތަކާއި އެ ޓެސްޓު ކުރުމުގެ ކެޕޭސިޓީ ރާއްޖޭގައި ހުރިތޯ ބެލުމަކީ އެ މީހެއްގެ ޒިންމާއެއް ކަމަށެވެ.

ރާއްޖެ އަންނައިރު އަދި ރާއްޖެ ފުރާއިރު ހެލްތު ޑެކްލެރޭޝަން ފޯމެއް ފުރަން ޖެހުނު އިރުވެސް ދާއިރު ޓެސްޓެއް ނުހަދާނެ ކަމަށް ޑރ އަފްޒަލް އިޝާރާތް ކުރެއްވިއެވެ. އެހެންނަމަވެސް އަމިއްލަ ބޭނުންވެގެން ނުވަތަ އަނބުރާ ދާ ގައުމުން ޓެސްޓެއް ބޭނުންވާނަމަ އެ ޓެސްޓު ހެދުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު މިއޮންނަ ގޮތަކީ ރިސޯޓުތަކުން ފެސިލިޓޭޓް ކޮށްދީގެން، އެ ޓެސްޓަކީ އަމިއްލަ އަތުން ޕޭކޮށްގެން ހަދާ ޓެސްޓަކަށް ވާތީވެ ވަކި ތަނެއް ޓެސްޓު ހަދަން ކަނޑައަޅާފައި ނެތަސް ޕްރައިވެޓް ސެކްޓާއިން ޓެސްޓް ހެދޭ ތަންތަނަކީ ރިސޯޓުތަކުން އެޕްރޯޗް ކުރެވޭނެ ތަންތަން،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ރާއްޖެ އަންނަ ޗައިނާގެ ފަތުރުވެރިން އަނބުރާ ގައުމަށް ދާއިރު ރާއްޖެއިން ކޮވިޑް-19 ޓެސްޓެއް ހަދާފައި އޮތުމަށް ބޭނުންވާ ކަމަށް ޗައިނާއިން ކުރިން ބުނެފައިވެއެވެ. އެކަމާ ގުޅިގެން އިތުރު މަޝްވަރާތަކެއް ޗައިނާއާއެކު ކުރިއަށް ދާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ބޭނުންވަނީ ކޮންފަދަ ޓެސްޓްތަކެއްތޯ ބެލުމަށް މަސައްކަތްކުރާ ކަމަށް ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ ރާއްޖެއިން މީހަކު ފުރާއިރު އެމީހަކު ކޮވިޑް-19 އާ ގުޅުންހުރި އަލާމާތްތައް ހުންނަ ކަމުގައިވާނަމަ އެމީހަކަށް ނުފުރޭނެ ކަމަށެވެ.

comment ކޮމެންޓް