ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް އިންޑިއާއިން ފަންޑު ކުރަނީ

ހދ. ހަނިމާދޫ އެއާޕޯޓުގެ ސެޓެލައިޓް ފޮޓޯއެއް: އެ އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއަށް ހަރަދު ކުރާނެ ކަމަށް އިންޑިއާއިން ބުނޭ --

ހދ. ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއަށް އިންޑިއާއިން ފަންޑު ކުރާނެކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެފިއެވެ.

ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރުމަކީ ރިޔާސީ ކެމްޕޭނުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅެކެވެ. އެކަން ކުރަން ނިންމާފައިވާކަން މީގެ ކުރިން އެމަނިކުފާނުގެ ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ. ނަމަވެސް، މަޝްރޫއަށް ފައިސާ ހޯދާނެ ގޮތެއް އިއުލާނުކޮށްފައި ނުވެއެވެ.

މިއަދު ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ، އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް ފަންޑު ކުރާނެ ކަމަށެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު ކްރެޑިޓް ލައިންގެ އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހު އެވެ. އެ އެއްބަސްވުމުގެ ދަށުން 800 މިލިއަން ޑޮލަރު (12.4 ބިލިއަން ރުފިޔާ)ގެ ލޯނު ރާއްޖެއަށް އިންޑިއާއިން ދޫކުރާނެއެވެ. އެ ކްރެޑިޓް ލައިންގެ ދަށުން ފައިސާ ހޯދައިގެން މިހާރުވެސް ބައެއް ޕްރޮޖެކްޓުތައް ރާއްޖޭގައި ހިންގަމުން އެބަދެއެވެ.

ހދ. ކުޅުދުއްފުށީގައި މި އަހަރުގެ ޖެނުއަރީ މަހު ކުރިއަށް ދިޔަ އެމްޑީޕީގެ "އިރުވައި ކޮންފަރަންސް"ގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، މި އަހަރުގެ ފަހުކޮޅަށް ދާއިރު ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށްދާ މަންޒަރު ޔަގީންކަމާއެކު ފެންނާނެ ކަމަށެވެ. އަދި އަހަރުގެ މެދުތެރޭގައި މަޝްރޫއުގެ ކޮންޓްރެކްޓު ބަޔަކާ ހަވާލުކުރައްވާނެ ކަމަށެވެ.

ނަމަވެސް، މަޝްރޫއުގެ ކޮންޓްރެކްޓު ބަޔަކާ ހަވާލު ކުރިކަން އަދި ސަރުކާރުން އިއުލާނުކޮށްފައި ނުވެއެވެ. އަދި މަޝްރޫއަށް ހަރަދުވާނެ މިންވަރުވެސް ހާމަކޮށްފައި ނުވެއެވެ.

1990 ގައި ހިދުމަތް ދޭން ފެށި ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރީ 2013 ވަނަ އަހަރުގައެވެ. އެ އެއާޕޯޓުގައި މިހާރު އޮންނަނީ 1،220 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކަށް ވާ އިރު، ބޮޑެތި ފްލައިޓުތައް ޖެއްސުމަށް އެއަށްވުރެ ދިގު ރަންވޭއެއް ބޭނުންވެއެވެ.

comment ކޮމެންޓް