ކޮވިޑް-19: މިއަދު ޕޮޒިޓިވްވީ 30 މީހުން، ރަނގަޅުވީ 19 މީހުން

ޖޫން 6، 2020: މާލޭގައި މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގައި އާރް އާރް ޓީމް ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 30 މީހުންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިިން ހާމަކޮށްފި އެވެ.

އެޗްޕީއޭއިން ހާމަކުރިގޮތުގައި މިއީ އިއްޔެގެ 18:00ން މިއަދުގެ 18:00 އަށް ޕޮޒިޓިވްވި މީހުންގެ އަދަދެވެ. މިއާއިއެކު ރާއްޖެއިން ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 2،931 އަށް އަރައިފަ އެވެ.

މިއަދު ކޮވިޑަށް ޕޮޒިޓިވްވި މިހުންގެ ތެރޭގައި ހިމެނެނީ 29 ދިވެއްސަކާއި ބަންގްލަދޭޝްގެ ރައްޔިތެކެވެ.

އެޗްޕީއޭއިން ހާމަކުރި ގޮތުގައި މިދިޔަ 24 ގަޑިއިރު ތެރޭ 19 ވަނީ މި ބަލިން ރަނގަޅުވެފަ އެވެ. އެހެންކަމުން މިވަގުތު ރާއްޖެއިން 2،321 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

އައިސޮލޭޝަން ފެސިލިޓީތަކުގައި 423 މީހުން ތިބި އިރު ކަރަންޓީން ފެސިލިޓީތަކުގައި ތިބީ 32 މީހެކެވެ. އަދި މި ވަގުތު ރާއްޖޭގައި ބައްޔަށް ފަރުވާ ދެމުން ދަނީ 482 މީހުންނެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި ރިޕީޓެޑް ސާމްޕަލްސްވެސް ހިމެނޭ ގޮތުން މިހާތަނަށް ރާއްޖޭގައި 64،239 ސާމްޕަލްއެއް ނަގާފައި ވެއެވެ.

ކޮވިޑް19 ބަލީގައި ރާއްޖެއިން މަރުވީ 14 މީހުންނެވެ.

މާޗް ހަތްވަނަ ދުވަހު ރާއްޖެއިން ކޮވިޑް19 ގެ ފުރަތަމަ ކޭސް ފެނުނު ފަހުން 12 މާޗުގައި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ އިރު، އެ ހާލަތު ވަނީ އޯގަސްޓް މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ.

އޭޕްރިލް 15 ވަނަ ދުވަހު މާލެއިން ކޮވިޑް19 ގެ ފުރަތަމަ ކޭސް ފެނުނު ފަހުން މާލެ ފުރަބަންދުކޮށްފައިވާ އިރު، ޖޫން މަހުން ފެށިގެން މާލޭގެ ފުރަބަންދަށް ދަނީ ލުއިތަކެއް ދެމުންނެވެ.

އަދި ތިން މަސް ދުވަހަށްފަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވައި، ރާއްޖޭގައި ޓޫރިޒަމް މިއަދު އަލުން ވަނީ ފަށާފައެވެ.

comment ކޮމެންޓް