ރާއްޖެ އިޝްތިހާރުކުރަން ސީއެންއެންއާއެކު ކެމްޕޭނެއް

ޖުލައި 15، 2020: ކޮވިޑް19އާ ގުޅިގެން ތިން މަހަށްވުރެ ގިނަ ދުވަހަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުން: ހުޅުވާލުމުގެ ގޮތުން ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ޖައްސާފައި ވަނީ ގަތަރު އެއާވޭސްގެ ފްލައިޓެކެވެ. އެ ފްލައިޓުން 104 ޓޫރިސްޓަކު މިއަދު ރާއްޖެ ވަނީ އައިސްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި ރާއްޖޭގެ ފަތުރުވެރިކަން މުޅި ދުނިޔެއަށް އިޝްތިހާރު ކުރުމަށްޓަކައި ސީއެންއެންއާ ގުޅިގެން ހާއްސަ ކެމްޕެއިނެއް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީީ)އިން ފަށައިފި އެވެ.

އެމްއެމްޕީއާރުސީއިން މިއަދު ބުނެފައިވަނީ އެ ކެމްޕެއިން ފަށާފައިވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ލޮކްޑައުންގައި އޮތުމަށްފަހު މިއަދު ބޯޑަރު އަލުން ހުޅުވާލުމާއެކުގައި ކަަމަށެވެ.

ސީއެންއެންއާއެކު ތިން މަހަށް ކުރިއަށް ގެންދާ އެ ކެމްޕެއިނުގައި ރާއްޖެ، ފަތުުރުވެރިންގެ މަންޒިލެއްގެ ގޮތުގައި ތަފާތު ވެގެންދާ ކަންތައްތަކަށް ބޮޑު ސަމާލު ކަމެއް ދޭނެ ކަމަށް އެމްއެމްޕީއާރުސީއިން ބުނެއެވެ.

އެމްއެމްޕީއާރުސީއިން ބުނީ އެ ކެމްޕެއިންގައި ރާއްޖޭގައި ތިބި މަސައްކަތްތެރިންގެ ހުނަރުތައް މުޅި ދުނިޔެއަށް ދައްކާލުމުގެ އިތުރުން އެމީހުންގެ ތަޖުރިބާތައްވެސް ހިއްސާކޮށް އާންމުކުރާނެ ކަމަށެވެ.

އެ ކެމްޕޭންގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ފެނިގެންދާނީ "ފައިވް ރީޒަންސް ޓު ލަވް މޯލްޑިވްސް" ނަމަކަށް ކިޔާ ހާއްސަ ސެގްމެންޓެކެވެ. އެގޮތުން އެ ސެގްމެންޓުގެ ދަށުން ސީއެންއެންގެ މޫސުމީ ހަބަރު ގަޑީގައި ރާއްޖޭގެ މަންޒަރުތައް ދައްކަމުންދާނެ ކަމަށް އެމްއެމްޕީއާރުސީއިން ބުނެއެވެ.

އެ ކެމްޕޭނާ ގުޅިގެން މައުލޫމާތު ދެއްވަމުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ ދަތުރުކުރުމަށް އާ މަންޒިލެއް ހޯދައި ރާއްޖެ "ރީޑިސްކަވާ" ކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެ ކެމްޕެއިންގެ ދަށުން ތަފާތު މައުލޫމާތުތައް ލިބިގެންދާނެ ކަމަށެވެ.

އެ ކެމްޕެއިންގެ އަމާޒަކަށް ވެގެންދާނީ ރާއްޖޭގައި ތިބި ތަޖުރިބާކާރު މަސައްކަތްތެރިންނާއި ރާއްޖޭގެ ރީތިކަން ދައްކައިދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ޖަޒީރާވަންތަކަމަށް އަލި އަޅުވާލާ ތޮއްޔިބު ވިދާޅުވީ ރާއްޖޭގެ ރަށްތައް ވަކި ވަކީން އޮތުމަކީ ފަތުރުވެރިންނަށް ރައްކާތެރިކަން ލިބޭނެ ކަމެއް ކަމަށެވެ. އަދި ކެމްޕެއިނުގައި އެވާހަކައަށްވެސް އަލި އަޅުވާލާ ރާއްޖެ ޕްރޮމޯޓުކުރާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް