ނޫސްވެރިންނަށް ހާއްސަކޮށް، ކޮވިޑް19 އާ ބެހޭ އަތްމަތީ ފޮތެއް މީޑިއާ ކައުންސިލުން ނެރެފި

މީޑިއާ ކައުންސިލުން ނޫސްވެރިންނަށް ހާއްސަކޮށް ނެރުނު ކޮވިޑް-19އާ ގުޅޭ އަތްމަތީ ފޮތް --

"ނިއުނޯމަލް"ގައި ނޫސްވެރިން މަސައްކަތުގައި މާހައުލުގައި އުޅޭއިރު ރައްކާތެރިކަމުގެ ގޮތުން ސަމާލުކަން ދޭން ޖެހޭ ކަންކަމާއި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކަވަރޭޖް ގެނައުމުގައި ސަމާލުކަން ދޭންވީ ކަންކަން ހިމަނައިގެން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ނޫސްވެރިންނަށް ހާއްސަކޮށް ކޮވިޑް-19އާ ގުޅޭ އަތްމަތީ ފޮތެއް ނެރެފި އެވެ.

އެމްއެމްސީއިން ބުނީ، އެ ފޮތް ނެރުމުގެ މަގުސަދަކީ ނޫސްވެރިން މަސައްކަތް ކުރަން ޖެހޭ ގޮތުން ކޯވިޑް-19ގެ ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅޭނެ އެއްބަޔަކީ ނޫސްވެރިންނަށް ވާތީ އެ ފަރާތްތަކަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުން ކަމަށެވެ. އަދި އެ ފޮތުގައި ބަލިމަޑުކަމެއްގެ ކަވަރޭޖްގައި ނޫސްވެރިން ސަމާލުކަން ދޭންވީ ކަންކަމާއި ޒިންމާ އާއި ނަފްސާނީ ގޮތުން ކުރިމަތިވާ ކަންކަމުން އަރައިގަންނަން ކުރެވިދާނެ ކަންކަން އަދި ގެންގުޅޭ އިކުއިޕްމަންޓް ސާފުކުރުމުގައި އަމަލު ކުރާނެ ގޮތްތައް ވެސް ހިމަނާފައިވާނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.

މީޑިއާ ކައުންސިލުން ނެރުނު އަތްމަތީ ފޮތް އެ ކައުންސިލުގެ ވެބްސައިޓުން ލިބޭ ގޮތް ވަނީ ހަމަަޖައްސައިފަ އެވެ. އެ ކައުންސިލުން ބުނީ އެ ފޮތް ޗާޕްކޮށްގެން ނެރެ، ހިލޭ ނޫސްވެރިންނަށް ބެހުމަށް އެ ކައުންސިލުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ އަތްމަތީ ފޮތަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)އިން އެންޑޯސްކޮށްފައިވާ ފޮތެކެވެ. އެ ފޮތް އިނގިރޭސި ބަހުން ވެސް ވަނީ ނެރެފަ އެވެ.

ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ ކަންޓްރީ ކޯޑިނޭޓަރު، ޑރ. އަރުވިންދު މާތޫރު މި ފޮތް މެދުވެރިކުރައްވާ ޝާއިއު ކުރެއްވި މެސެޖެއްގައި، ވިދާޅުވެފައި ވަނީ މިހާރަށް ވުރެ ބޮޑަށް މީޑިއާތަކުން ބަލީގެ ސައިންޓިފިކް މައުލޫމާތާއި ބަލީގެ ސަބަބުން އަސަރު ކުރާ ފަރާތްތަކުގެ ވާހަކަތައް ގެނެސްދިނުމަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.

މި ބަލިމަޑުކަމުގެ ތެރެއިން ބިރުވެރިކަން އުފެއްދުމާއި ސައްހަ ނޫން ހަބަރުތައް ނުގެނައުމަށް ސަމާލުކަން ދިނުމަށް ވެސް އޭނާ ވަނީ ދިވެހި ނޫސްވެރިންނަށް އިލްތިމާސްކުރައްވައިފަ އެވެ. އަދި ނޫސްވެރިންނާއި އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން މި ބަލިމަޑުކަމުން އަރައިގަނެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި މި ބައްޔާ ދެކޮޅަށް ކުރާ މަސައްކަތުގައި ޑަބްލިއުއެޗްއޯއިން ރާއްޖެއާ އެކު ހުރިހާ ގޮތަކުން ވެސް އެހީތެރިވުމުގައި ދެމި އޮންނާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވައިފަ އެވެ.

comment ކޮމެންޓް