ބަންގްލަދޭޝް އެމްބަސީ ކުރިމަތީ ބިދޭސީންތަކެއް މުޒާހަރާކޮށްފި

ރަށަށް ފޮނުވައި ނުދީގެން ކަމަށް ބުނެ، ބިދޭސީންތަކެއް މާލޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަން ކުރިމަތީ މުޒާހަރާކޮށްފި އެވެ.

ކޮއިމަލާ ހިނގުމުގައި ހުންނަ ބަންގްލަދޭޝް އެމްބަސީ ހިންގާ އިމާރާތުގެ ކައިރިއަށް ބިދޭސީންތަކެއް އެއްވާން ފެށުމުން ފުލުހުން ވަނީ އެ ސަރަހައްދަށް އައިސް އެ މީހުން ދުރަށް ޖައްސައިފަ އެވެ.

ފަންސާސެއްހާ ބިދޭސީން އެއްބަސީ ކައިރިން ދުރަށް ޖެއްސީ ނޫކުލައިގެ ޔުނީފޯމް އެޅި ފުލުހުންނާއި އެސްއޯ ފުލުހުންނެވެ. ފުލުހުން އެމީހުން ދުރަށް ޖެއްސުމުގައި އެއްވެސް ވަރަކަށް ބާރުގެ ބޭނުންކޮށްފައި ނުވެއެވެ. އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެވެ.

އެމްބަސީ ކައިރިއަށް އެއްވި ބައެއް ބިދޭސީން "ސަން" އަށް ބުނީ، އެމީހުން އެމްބަސީ ކައިރިއަށް އެއްވީ، ރަށަށް މީހުން މިހާރު ދާން ބޭނުން ކަމަށާއި ނަމަވެސް، އެމްބަސީއިން އެކަމުގައި އެހީނުވާތީ ކަމަށެވެ.

އެމީހުން ބުނިގޮތުގައި، ރަށަށް ފޮނުވާލަން ލިސްޓެއް ހަދައި، އެމީހުންނާ ލިޔުން ހަވާލު ކުރި ކަމަށާއި ނަމަވެސް އެމްބަސީން މިކަމުގައި އެމީހުންނަށް މާބޮޑު އެއްބާލުރުމެއް ނުދޭ ކަމަށެވެ.

"އެންމެ ފަހުން ގުޅީމަ ހައިކޮމިޝަން އޮފީސް ބުނަނީ، ބަނބުކެޔޮ ގަހެއް ކަނޑައިގެން އޭގެން ދާށޭ. މިހާރު ތިން މަސް މިވަނީ މަސައްކަތެއް ނެތިފައި ތިބޭތާ،" އެތަނުން ވާހަކަ ދެއްކި ބިދޭސީއަކު ބުންޏެވެ.

އެމީހުން ބުނީ، މަސައްކަތެއް ނެތުމުން މިހާރު އުޅޭނެ ގޮތެއް ނެތި، ގޮތް ހުސްވެފައިވާ ކަމަށެވެ. އެމީހުންގެ ހަމައެކަނި އާދޭހަކީ ވީހާވެސް އަވަހަކަށް ރަށަށް ފޮނުވާލުން ކަމަށް އެމީހުން ބުންޏެވެ.

"މިހާރު ގެސްޓްހައުސް ދައްކަން ފައިސާ ނެތީ. ދެ އިރު ކަނީ އެއް އިރު ނުކަނީ. ތިން ފަހަރު މިހާރު ރަށުން ފައިސާ ގެނެސްގެން މިއުޅެނީި،" ބިދޭސީ މީހާ ބުންޏެވެ.

އޭނާ ބުނީ، އެތަނުން ބައެއް މީހުންނަކީ ލިޔެކިޔުން ނެތް މީހުން ކަމަށެވެ. އަދި ބައެއް މީހުންނަކީ، އެޖެންސީ އިން ޕާސްޕޯޓުތައް ހިފަހައްޓާފައި ތިބި މީހުން ކަމަށެވެ.

ފަހަކަށް އައިސް ބިދޭސީންގެ މުޒާހާރާކުރުން ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު އާޓިފިޝަލް ބީޗަށްވެސް ބިދޭސީންތަކެއް ވަނީ އެއްވެފައެވެ. އަދި މީގެ ދެދުވަސް ކުރިން ހުޅުމާލޭ، މުސާރަ ނުދީގެންވެސް ބިދޭސީންތަކެއް ވަނީ މުޒާހަރާކޮށް ފުލުހުންނާ ކުރިމަތިލާފައެވެ. އެ މުޒާހަރާއިން ފުލުހުން ވަނީ 42 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ އިތުރުން މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ބ. ބޮޑުފިނޮޅުގައިވެސް މުސާރަ ނުދީގެން ބިދޭސީންތަކެއް ވަނީ މުޒާހަރާ ކޮށްފައެވެ.

comment ކޮމެންޓް