އެމެރިކާގައި އޮންލައިންކޮށް ކިޔަވަން ޖެހޭ ބޭރުގެ ދަރިވަރުން ފޮނުވާނުލަން ނިންމައިފި

ވޮޝިންޓަން (ޖުލައި 15): އެމެރިކާގައި ކިޔަވާ ބޭރުގެ ދަރިވަރުންގެ ތެރެއިން މުޅިންވެސް އޮންލައިން ކްލާސްތައް ނަގަން ޖެހޭ ދަރިވަރުން އެގައުމުން ފޮނުވާލުމަށް އެމެރިކާ ސަރުކާރުން މިދިޔަ ހަފްތާގައި އެކުލަވާލި ސިޔާސަތު އުވާލައިފި އެވެ.

އެމެރިކާގެ އިމިގްރޭޝަންސް އެންޑް ކަސްޓަމްސް އެންފޯސްމެންޓް އޭޖެންސީ (އައިސް)އިން މިދިޔަ ހަފްތާގެ ހޯމަ ދުވަހު އިއުލާން ކުރި ގޮތުގައި އެގައުމުގެ ޔުނިވާސިޓީތަކުގައި ހަމައެކަނި އޮންލައިން ކްލާސްތައް ނަގާނެ ބޭރުގެ ދަރިވަރުންނަށް ދެން ވިސާއެއް ނުދޭނެ އެވެ. އަދި މިހާރު އެމެރިކާގައި ތިބި ބޭރުގެ ދަރިވަރުންގެ ތެރެއިން ހަމައެކަނި އޮންލައިން ކްލާސްތައް ނަގަން ޖެހޭ ދަރިވަރުން، ކްލާސްރޫމް ތެރޭ ކިޔަވަދޭ މާއްދާއެއް ނުނަގާ ނަމަ އެ ދަރިވަރުން ޑީޕޯޓު ކުރަން ޖެހިދާނެ އެވެ.

އެމެރިކާ ސަރުކާރުގެ އެ ނިންމުމާ ދެކޮޅަށް އެގައުމުގެ ކޯޓުތަކަށް އެކި ފަރާތްތަކުން ވަނީ މައްސަލަތަކެއް ހުށަހަޅާފަ އެވެ. އަދި އެ މައްސަލަތަކަށް އެގައުމުގެ ބޮޑެތި ޔުނިވާސިޓީތަކުގެ އިތުރުން 20 ސްޓޭޓެއްގެ އެޓާނީ ޖެނެރަލުންނާއި ގޫގުލް، ފޭސްބުކް އަދި ޓުވިޓާ ފަދަ ބޮޑެތި ކުންފުނިތަކުން ވަނީ ތާއިދުކޮށްފަ އެވެ.

އޭގެ ތެރެއިން އެއް މައްސަލައިގެ އަޑުއެހުން އިއްޔެ ބާއްވަން ހަމަޖެހިފައި ވަނިކޮށް، މައްސަލަ ބައްލަވާ ފަނޑިޔާރު ވަނީ ބޭރުގެ ދަރިވަރުންނާ ބެހޭ ސިޔާސަތު ބަދަލު ކުރަން ސަރުކާރުން ނިންމާފައިވާކަން ހާމަ ކުރައްވާފަ އެވެ. އެހެންކަމުން މުޅިން އޮންލައިން ކްލާސްތައް ނަގާ ބޭރުގެ ދަރިވަރުންނަށް އެމެރިކާގައި ތިބެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާގެ ޔުނިވާސިޓީތަކަށް ކޮންމެ އަހަރަކު ގާތްގަނޑަކަށް އެއް މިލިއަން ބޭރުގެ ދަރިވަރުން ވަދެ އެވެ. އަދި ކޮންމެ އަހަރަކު ބޭރުގެ ދަރިވަރުންގެ ފަރާތުން އެގައުމުގެ އިގުތިސާދަށް 41 ބިލިއަން ޑޮލަރު ލިބެ އެވެ.

comment ކޮމެންޓް