ހުއްދަ ނުދިނުމުން "ފެއިލްވެއްޖެ" ޖަލްސާ ފަސްކޮށްފި

ޕީޕީއެމް/ޕީއެންސީން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއެއް: ހުކުރު ދުވަހު ބާއްވަން އިއުލާން ކުރި ޖަލްސާ ވަނީ ފަސްކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކާނިވާ ސަރަހަައްދުގައި އިދިކޮޅުން ބާއްވަން މަސައްކަތް ކުރި "ފެއިލްވެއްޖެ" ޖަލްސާއަށް ސަރުކާރުން ހުއްދަ ނުދިމުން ޖަލްސާ މިހާރު ފަސްކޮށްފައިވާ ކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.

"ފެއިލްވެއްޖެ" ނަމުގައި އިދިކޮޅު ސަރުކާރު ޒިންމާދާރު ކުރުމަށް ކާނިވާގައި ޖަލްސާއެއް އަންނަ ހުކުރު ދުވަހު ޖަލްސާއެއް ބާއްވާނެ ކަމަށް އިދިކޮޅުން ވަނީ މީގެ ކުރިން އިއުލާން ކޮށްފަ އެވެ.

މިއަދު ޕީޕީއެމް-ޕީއެންސީ އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ޕީއެންސީގެ ނައިބު ރައީސް އިބްރާޙިމް ޝުޖާއު ވިދާޅުވީ، މިހާތަނަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް ޖަލްސާ ބޭއްވުމަށް އެދި ސިޓީ ފޮނުވި ކަމަށާއި ނަމަވެސް އެ ސިޓީތަކަށް މިއަދާ ހަމައަށް ޖަވާބެއް ދީފައި ނުވާ ކަމަށެވެ. އަދި ޖަވާބު ނުލިބިގެން ހައުސިން މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލު ކުރުމަށް ތިން ދުވަހު އެ އޮފީހަށް ޒިޔާރަތް ކުރުމުން ބައްދަލުވެސް ނުވެވުނު ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"އެހެން ކަމުން އަޅުގަނޑުމެން މިހާރު ނިންމާފައިވަނީ ފެއިލް ވެއްޖެ ރެލީ މިވަގުތައް ފަސްކޮށްލަން. އެހެން ނަމަވެސް މި ރެެލީގެ ޕްރޮމޯޝަންތަކާއި އިންތިޒާމްތައް ކުރިއަށް ގެންދާނެ،" ޝުޖާއު ވިދާޅުވިއެ ވެ.

ޝުޖާއު ވިދާޅުވީ، ސަރުކާރުން ޖަލްސާއަށް ހުއްދަ ނުދިނުމުން ހާމަވެގެން ދިޔައީ މި ސަރުކާރުން ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އަޅާ މިންވަރު ކަމަށެވެ. އަދި ޖަލްސާ ފަސްކޮށްލީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށާއި، ޖަލްސާ ބާއްވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، މި ސަރުކާރުން އެޗްޕީއޭ ވެސް ހިސޯރުކޮށްފައިވާ ކަމަށާއި އެގޮތުން ޖަލްސާ ބޭއްވުމަށް އިއުލާން ކުރި ހިސާބުން ކޮވިޑް ކޭސްތައްވެސް އިތުރުވެފައިވާ ކަމަށެވެ. އެއީވެސް ސަރުކާރުން އިދިކޮޅު ފަރާތްތައް ދެކެ ބިރުގަންނާތީކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

މިދިޔަ ދެ ހަފްތާ ތެރޭ ފުރަބަންދަށް ދިން ލުއި ތަކާއެކު ކޮވިޑް ކޭސްތައް ވަނީ އިތުރުވެފަ އެވެ. އެއާއެކު އެޗްޕީއޭ އިން އަންގާފައިވަނީ ކޮންމެހެން ބާއްވަން ޖެހޭ އެއްވުންތައް ނުބޭވުމަށެވެ. އަދި އިއްޔެ ހޯމް މިނިސްޓްެރީން ވަނީ ދެން އެއްވުންތަކާއި ހިނގާލުންތައް ބޭއްވޭނީ ލިޔުމުން ހުއްދަ ހޯދައިގެން ކަމަށް ނިންމާފަ އެވެ.

comment ކޮމެންޓް