އަތޮޅު ތެރެއަށް އެތެރެ ކުރާ ސިނގިރޭޓް، ރާ، އޫރުމަސް ނޫންތަކެތިން ޑިއުޓީ މާފުކުރަން ފާސްކޮށްފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --

ސިނގިރެޓާއި، ދުންފަތް ހިމެނޭ ބާވަތްތައް އަދި ރަލާއި އޫރުމަސް ފިޔަވައި އަތޮޅުތަކުގައި ހުންނަ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަކަށާއި ޕޯޓުތަކަށް އެތެރެކުރާ ހުރިހާ މުދަލަކުން ނަގާ ޑިއުޓީގެ 50 ޕަސެންޓް މާފުކޮށްދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ހުށަހެޅުއްވި އިސްލާހަށް ބަދަލުތަކެއް ގެންނަން މިއަދު މަޖިލީހުގެ ތަޅުމަށް ވަނީ ހުށަހަޅާފަ އެވެ.

މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން ހުށަހެޅުއްވީ ބައިނަލްއަގްވާމީ ވައިގެ ބަނދަރުތަކާއި އައްޑޫ އަދި ކުޅުދުއްފުށީގައި ގާއިމްކޮށްފައިވާ ޕޯޓުތަކަށް އެތެރެކުރާ މުދަލުގެ 50 ޕަސެންޓް ޑިއުޓީ މާދުކޮށްދޭށެވެ. އޭގެ ތެރެއިން އިސްތިސްނާ ކުރަން އިސްލާހުގައި އެދިފައިވަނީ ދެ ވައްތަރެއްގެ މުދަލެވެ.

"މާލޭ ސަރަހައްދު ފިޔަވައި ދިވެހިރާއްޖޭގެ ކަނޑުގެ ރަސްމީ ބަނދަރުތަކާއި ވައިގެ ރަސްމީ ބަނދަރުތަކަށް އެތެރެކުރާ ތަކެތީ ތެރެއިން މި ގާނޫނުގެ ހަަތްވަނަ މާއްދާގެ ޗެޕްޓަރުތަކުގައި ބަޔާންކޮށްފައިވާ އަންނަނިވި ތަކެތި ފިޔަވައި އެ ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެއްޗަށް 50 ޕަސެންޓް މާފު ކުރުން. އޭގެތެރެއިން އިސްތިސްނާވާ ތަކެއްޗަކީ ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކާއި އިލެކްޓްރޯނިކް ސިނގިރޭޓް އަދި މިފަދަ ވޭޕް ކުރުމަށް ބޭނުންވާ އާލާތްތަކާއި އޭގެ ބައިތައް. ބަނގުރަލާއި ބަނގުރާ އެކުލެވޭ ބާވަތްތައް. އޫރުމަހާއި އޫރުމަސް އެކުލެވޭ ބާވަތްތައް،" ހާރޫން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވެ އެވެ.

ހާރޫނު ހުށަހެޅުއްވި އެ އިސްލާހަށް ތާއީދު ކުރެއްވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދެވެ. އެ އިސްލާހާ އެކު މުޅި ބިލު ފާސްކުރަން މިއަދު މަޖިލީހުގައި ބައިވެރިވި 58 މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.

އޭގެ އިތުރުން އަތޮޅުތަކުގެ ޕޯޓުތަކަށް ގެންނަ މުދާ އެ ރަށެއްގައި ގުދަން ކުރަން ލާޒިމް ކުރަން ވެސް މިއަދު އެ ބިލުގައި ހިމެނި އެވެ. އަދި އެނާޖީ ޑްރިންކުން ނަގާ ޑިއުޓީ ދެގުނައަށް ބޮޑުކުރަންވެސް ހިމެނި އެވެ.

އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގިނަ ބަދަލުތަކެއް ގެންނަން މިއަދު މަޖިލީހުން ފާސްކުރި އެވެ. އޭގެ ތެރޭގައި އިމާރާތްކުރުމަށް ބޭނުންކުރާ ގިނަ ތަކެތިން ޑިއުޓީ ކަނޑާލަން ވަނީ ފާސްކޮށްފަ އެވެ. އެގޮތުން ދަގަނޑާއި އެކަތަ ޝީޓު، ޕްލޭޓު އަދި އިމާރާތްކުރަން ބޭނުންކުރާ ދަނގަނޑުން ކުރިން ނަގަމުން އައި ފަސް ޕަސެންޓުގެ ޑިއުޓީ ސުން ޕަސެންޓަށް ކަނޑާލަން ވަނީ ފާސްކޮށްފަ އެވެ. އަދި ދަގަނޑުގެ ބާވަތްތަކުގެ ތެރެއިން ދަގަނޑު ޓިނުން ނަގާ ޑިއުޓީ 10 ޕަސެންޓަށް ބޮޑުކުރަން ވަނީ ފާސްކޮށްފަ އެވެ.

ޒިންކުން ހަދާފައި ހުންނަ ތަކެތީގެ ތެރެއިން ޓިނު، ތިނބި އަދި ދިޔަދޮވިން ކުރިން ނަގަމުން އައި 15 ޕަސެންޓު ޑިއުޓީ ސުން ޕަސެންޓަށް ކަނޑަން ވަނީ ހިމަނާފަ އެވެ.

މީގެ އިތުރުން ސެރަމިކުން ހަދާފައި ހުންނަ ތަކެތީގެ ތެރެއިން ތަށިމުށިން ނަގާ ޑިއުޓީ 10 ޕަސެންޓުން ސުން ޕަސެންޓަށް އަދި ޓޭބަލްވެއާ އާއި ކިޗަންވެއާއިން ނަގާ ޑިއުޓީ 15 ޕަސެންޓުން ފަސް ޕަސެންޓަށް ކުޑަކުރަން ވަނީ ފާސްކޮށްފަ އެވެ.

އޭގެ އިތުރުން ބައިސްކަލާއި އޭގެ ބައިތަކާއި، އަދި ހެލްމެޓުން މިހާރު ނަގާ އިމްޕޯޓު ޑިއުޓީ ކަނޑާލަންވެސް މަޖިލީހުން ފާސްކުރި އެވެ.

comment ކޮމެންޓް