ރާއްޖޭގައި އިސްލާމީ ޝަރީއަތް ނެތް ކަމަށް ބުނުމުން ނުރުހުން

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ --- ފޮޓޯ/ މަޖިލިސް

ރާއްޖޭގައި އިސްލާމީ ޝަރީއަތް ގާއިމުނުކުރާ ކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވުމުން ރައްޔިތުންްގެ މަޖިލީހުގެ ބައެއް މެމްބަރުން ނުރުހުން ފާޅުކުރައްވައިފިއެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއެއް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުގައި ނުފޫޒާއި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް އެ މައްސަލަ ބެލުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ކުއްލި މައްސަލައެއް ހުށަހަޅައިފައެވެ.

މައްސަލަ ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފެވެ.

އެ މައްސަލައަށް ބަހުސްކުރައްވަމުން ބިލެއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވީ ރާއްޖޭގައި ރަނގަޅަށް އިސްލާމީ ޝަރީއަތެއް ކޮށްފިނަމަ އަދީބުގެ އަތް ފައި މިއަދު ނުހުންނާނެ ކަމަށެވެ.

"ހަގީގަތުގައި އަދީބު، އިސްލާމީ ޝަރީއަތެއް ރަނގަޅަށް ސައުދީ އަރަބިއްޔާގައި އޮންނަ ގޮތަށް، ކޮށްފިއްޔަކާ އަތް ފައެއް ނުހުންނާނެ،" ހަލީމް ވިދާޅުވިއެވެ.

ހަލީމް އެހެން ވިދާޅުވީ ނިޒާމީ މައްސަލައެއް ނަންގަވައި ނޮޅިވަރަމް ދާއިރާގެ މެމްބަރު ވިދާޅުވީ ރާއްޖޭގައި އިސްލާމީ ޝަރީއަތް އޮންނަ ނަމަ މެމްބަރު ހަލީމް މިހާރު ފެންނަން ވެސް ނުހުންނަވާނެ ކަމަށެވެ.

"ނަސީބެއް މިތާ އިސްލާމީ ޝަރީއަތް ނޯންނަކަން، އޮންނަ ނަމަ ބިލެތްދޫ ދާއިރާ މެމްބަރުމެން މިތާ ފެންނާކަށް ނުތިބޭނެ. އަޅުގަނޑު ހަމަ އުފާކުރަން އިސްލާމީ ޝަރީއަތް މިތާ ނެތީތީ މިއަދު،" މެމްބަރު ވިދާޅުވިއެވެ.

ނޮޅިވަރަމް ދާއިރާގެ މެމްބަރު އެފަދައިން ވިދާޅުވުމުން ރިޔާސަތުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެއީ އަދި އެމަނިކުފާނުގެ ހަޔާތްޕުޅުގައި ދުށް ތަކެއް ނޫން ކަމަށެވެ.

"އަޅުގަނޑު މި އިންނަނީ ހައިރާންކަން މަތީގައި. މީ އަދިއަޅުގަނޑު ހަޔާތުގައި ފެނުނު ތަނެއް ނޫން. އެހެންވީމަ ދެން އަޅުގަނޑު މި އިނީ އިހަށް މަޑުކޮށްލައިގެން. މީ އަދި އަޅުގަނޑުގެ ހަޔާތުގައި ދުށް ތަނެއް ނޫން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

ނޮޅިވަރަމް ދާއިރާގެ މެމްބަރުގެ ވާހަކައާ ގުޅިގެން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ވިދާޅުވީ ރާއްޖޭގެ ދީނަކީ އިސްލާމްދީން ކަމަށާއި ރާއްޖޭގައި ހިނގަމުން ދަނީ އިސްލާމީ ޝަރީއަތް ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރަކު ތެދުވެ ދިވެހިރާއްޖޭގައި އިސްލާމީ ޝަރީއަތް ނުހިނގާ ކަމަށް ބުނުމަކީ އަޅުގަނޑުމެން މިއަދު ހިތާމަކޮށް ލަދުގަންނަން ޖެހޭ ކަމެއް. އެބޭފުޅާ އެކަމަށް މައާފަށް އެދެން އަޅުގަނޑު އެދެން،" މެމްބަރު ވިދާޅުވިއެވެ.

މެމްބަރުގެ ކަންބޮޑުވުންތަކާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ ރިޔާސަތުގައި އިންނަވަނީ، މެމްބަރުން ވާހަކަ ދައްކަވަން ފެއްޓެވުމުން، އެ މެމްބަރެއްގެ ވާހަކަދެއްކުމުގެ ހުނަރާއި އެ ވާހަކައަކުން ނުކުމެދާނެ ނަތީޖާ އެނގިވަޑައިގަންނަވާ ހާލުގައި ކަމަށެވެ. އެހެންކަމުން އެއްވެސް މެމްބަރަކު ވެސް އަދި ރައްޔިތުން ވެސް އެކަމާ ކަންބޮޑުނުވުމަށް މަޖިލިސް ރައީސް އެދިވަޑައިގަތެވެ.

ބިލެއްދޫ ދާއިރާގެ މެމްބަރު ހަލީމް ވިދާޅުވީ، ނޮޅިވަރަމް ދާއިރާގެ މެމްބަރު ގަސްތުގައި އިސްލާމް ދީނަށް ހުތުރުވާގޮތަށް އެއްޗެއް ވިދާޅުވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެއީ އޮޅިގެން ވިދާޅުވެވުނު ވާހަކައެއް ކަމަށެވެ.

ހަލީމަށް ޖަވާބުދެއްވައި ނޮޅިވަރަމް ދާއިރާގެ މެމްބަރު ވިދާޅުވީ، ދެންނެވީ އިސްލާމީ ޝަރީއަތް ނެތުމުން އުފާކުރައްވާ ވާހަކަ ނޫން ކަމަށާއި މެމްބަރު ހަލީން "މިތަނުގައި" ހުންނެވުމުން އުފާކުރައްވާ ވާހަކަ ކަމަށެވެ.

"އަޅުގަނޑު މި ދަންނަވަނީ މިތަނުގައި އިސްލާމީ ޝަރީއަތެއް އޮތް ނަމަ އަހްމަދު ހަލީމް މިތަނަކު ނުހުންނާނޭ. އެހެންވީމަ އަޅުގަނޑު އުފާކުރަމޭ ހަލީމް މިއަދު މިތަނުގައި ހުރީމަ" މެމްބަރު ވިދާޅުވިއެވެ.

މެމްބަރުގެ އެ ވާހަކައާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ ރާއްޖޭގައި އޮންނަނީ އިސްލާމީ ޝަރީއަތް ކަމަށާއި އެ މައުޟޫގައި އިތުރަށް ބަހުސް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

"އިއްޒަތްތެރި މެމްބަރު ގާނޫނު އަސާސީ ބައްލަވާލައްވާ. މިތަނުގަައި މިއޮތީ އިސްލާމީ ޝަރީއަތް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް