އެމެރިކާއިން އުފައްދާ ކޮރޯނާވައިރަސް ވެކްސިނެއްގެ އެންމެ ފަހު ޓެސްޓުތައް މި މަހު ފަށަނީ

މޮޑާނާގެ ވެކްސިންގެ ފަހު ޓެސްޓުތައް މި މަހުގެ ފަހުކޮޅު ފަށާނެ -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (ޖުލައި 15): އާ ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އެމެރިކާއިން އެންމެ ފުރަތަމަ ޓެސްޓު ކުރަން ފެށި ވެކްސިންގެ ފަހު ޓެސްޓުތައް މި މަހު ފަށާނެ ކަމަށް އެ ވެކްސިން އުފެއްދި ކުންފުނި ކަމަށްވާ މޮޑާނާއިން ބުނެފި އެވެ.

އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތު (އެންއައިއެޗް) އާ ގުޅިގެން މޮޑާނާއިން އުފެއްދި އެ ވެކްސިން ވަނީ މީގެ ކުރިން 45 މީހަކަށް ދީގެން ޓެސްޓުކޮށްފަ އެވެ. އަދި އެ ޓެސްޓުތަކުން ދެއްކި ގޮތުގައި ވެކްސިން ޖެހި އެންމެންގެ ހަށިގަނޑުގައިވެސް ކޮރޯނާވައިރަހުން ރައްކާތެރިކޮށްދޭ އެންޓިބޮޑީތައް އުފެދުނު ކަމަށް ދިރާސާ ކުރިއަށްގެންދިޔަ ޓީމުން ބުންޏެވެ. އެ ދިރާސާ މިހާރު ވަނީ ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިންގައި ޝާއިއުކޮށްފަ އެވެ.

މޮޑާނާއިން ބުނި ގޮތުގައި އެ ވެކްސިން ޓެސްޓު ކުރުމުގެ އެންމެ ފަހު މަރުހަލާތައް ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ 27ގަ އެވެ. އަދި އެ ޓެސްޓުގައި ކޮރޯނާވައިރަސް ޖެހުމުގެ ނުރައްކާ އޮތް 30،000 މީހުން ބައިވެރިވާނެ އެވެ.

އެ ޓެސްޓުތަކުގައި 30،000 މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަށް ވެކްސިން ދޭނެ އެވެ. އަދި ވެކްސިން ދީފައިވާ މީހުންނާއި ވެކްސިން ނުދޭ މީހުންގެ ހާލު ދެ އަހަރު ވަންދެން ބަލާނެ އެވެ.

މޮޑާނާއިން ބުނި ގޮތުގައި އެ ޓެސްޓުތައް ނިމޭނީ އޮކްޓޯބަރު 2022ގަ އެވެ. ނަމަވެސް އޭގެ ކުރިން ޓެސްޓުތަކުގެ ވަގުތީ ނަތީޖާތައް ލިބުން އެކަށީގެންވެ އެވެ.

އެމެރިކާއިން އެ އިއުލާން ކުރި އިރު އެގައުމަކީ މިހާރު ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމެވެ. އެގޮތުން މުޅި ދުނިޔެއިން މިހާތަނަށް 13 މިލިއަން މީހުން ވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އެމެރިކާގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 3.4 މިލިއަން ހުރަސް ކޮށްފަ އެވެ. އަދި އެގައުމުގައި ބަލި ޖެހިގެން 136،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް