ސޮނެވާފުށީގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ސޮނެވާފުށި ރިސޯޓު -- (ފޮޓޯ/ޓްރެވެލްޕްލަސް)

ބ. އަތޮޅުގައި ހިންގާ ސޮނެވާފުށި ރިސޯޓުގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ސޮނެވާފުށިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ރިސޯޓުގެ މުވައްޒަފުން ކޮވިޑަށް ޓެސްޓުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިއަދު އެ ރިސޯޓުގެ މުވައްޒަފަކު ބައްޔަށް ޕޮޒިޓިވްވެފައިވާކަން ހާމަކޮށްފަ އެވެ.

ރިސޯޓުން ބުނިގޮތުގައި އެ މުވައްޒަފަކީ ފަތުރުވެރިންނާ އެކު މަސައްކަތްކުރާ އަދި ކޮންޓެކްޓްވާނޭ މުވައްޒަފެއް ނޫނެވެ.

އެ މުވައްޒަފު ޕޮޒިޓިވްވެފައިވަނީ ކޮވިޑަށް ކުރެވުނު ފުރަތަމަ ޓެސްޓުންނެވެ. މިހާރު ދެވަނަ ޓެސްޓެއް ކުރުމަށްފަހު އެ ޓެސްޓުގެ ނަތީޖާއަށް މަޑުކުރަމުންދާކަމަށް ރިސޯޓުން ވަނީ ބުނެފަ އެވެ.

ޕޮޒިޓިވްވި މުވައްޒަފުގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ފެނިފައިނުވާއިރު އޭނާ މިވަގުތު ހުރީ އެކަހެރިކޮށްފައިކަމަށް ރިސޯޓުން ނެރުނު ބަޔާނުގައި ވެ އެވެ.

މުވައްޒަފު ޕޮޒިޓިވްވުމާއެކު އެޗްޕީއޭއާ މައުލޫމާތު ހިއްސާކޮށްފައިވާކަމަށް އަދި މިފަދަ ޕޮޒިޓިވް ކޭސްއަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށް އެ ރިސޯޓުން ވަނީ ބުނެފަ އެވެ. މިކަމުގައި އެޗްޕީއޭގެ ފަރާތުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.

ސޮނެވާފުށިން ބުނިގޮތުގައި އެ ރިސޯޓުގެ އެހެން އެއްވެސް މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެފައެއް ނުވެ އެވެ.

ސޮނެވާއިން ކޮވިޑް-19ގެ ކޭސްއެއް މި ފެނުނީ ތިން މަސް ދުވަހަށްފަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި އަލުން ފަތުރުވެރިން ރާއްޖެ އަންނަން ފެށި ދުވަހު އެވެ. ސޮނެވާފުށީގައި މިވަގުތު ތިބި ފަތުރުވެރިންގެ ސީދާ އަދަދެއް އެ ރިސޯޓުން ހާމަ އެއް ނުކުރެއެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19ގެ ކޭސްއެއް ފެނުނީވެސް ރިސޯޓަކުންނެވެ. އެއީ މާޗް 7 ވަނަ ދުވަހު ކުރެއްދޫ އައިލެންޑް ރިސޯޓުންނެވެ.

comment ކޮމެންޓް