އަދީބުގެ ދައުވާތައް ބާތިލް ކުރަން ނިންމި ނިންމުން އިސްތިއުނާފަށް ހުށަހަޅައިފި

އަދީބު: --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ކްރިމިނަލް ކޯޓުން އިއްޔެ ބާތިލްކުރަން ނިންމި ނިންމުން އިސްތިއުނާފު ކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް ހުށަހަޅައިފިއެވެ.

މިި ސަރުކާރުގައި އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭގޮތުން، އެސެޓް ރިކަވަރީ ކޮމިޝަނާއި، އޭސީސީއާއި ފުލުހުންގެ ގުޅިގެން ހިންގި ތަހުގީގަށް ފަހު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ އިއްޔެ ކްރިިމިނަލް ކޯޓުން ވަނީ ބޭރުކޮށްލައިފައެވެ. އެގޮތަށް ނިންމެވީ އެ މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދެވެ.

އެކަމާ ގުޅިގެން އިއްޔެ ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ، އަދީބުގެ މައްސަލަ ގާޒީ އިސްމާއިލް ރަޝީދު ކުރިއަށްގެންދެވީ ގާނާ ހިލާފަށް ކަމަށެވެ. އަދި މައްސަލަ ބާތިލު ކުރީވެސް ގާނޫނީ އިމުން ބޭރުން ކަމަށް ވިދާޅުވެ، ގާޒީގެ ނިންމެވުން ހައިކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ޝަމީމް ވިދާޅުވީ، މިހާރު ޕީޖީ އޮފީހުން މައްސަލައިގެ އިސްތިއުނާފު ހައިކޯޓަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުން އަދީބުގެ މައްސަލަތައް ބޭރުކޮށްލުމުން އޭނާ މުޅިން މިނިވަންވިއެވެ. ނަމަވެސް، ރޭގެ ވަގުތެއްގައި ފުލުހުން ވަނީ ޕީޖީގެ ލަފާގެ މަތިން އަދީބު ރާއްޖެއިން ފުރުން މަނާ ކުރުމުގެ އަމުރެއް ކޯޓުން ހޯދައިފައެވެ.

އިއްޔެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވަނީ އަދީބުގެ މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އޭނާ އެ ނިންމެވުން ނިންމެވީ ހުށަނާޅާ މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް، އަމިއްލައަށް ފެންނަ ފެނުމަކަށް ކަމަށް ވިދާޅުވެ، އޭނާގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

އަދީބުގެ މައްޗަށް އިއްވި ހަތް ދައުވާއަކީ އިއުތިރާފުވާން ޝަރުތުކޮށް ލުއިކޮށް އިއްވި ހަތް ދައުވާއެކެވެ. ނަަމަވެސް، ޝަމީމް އިއްޔެ އިތުރަށް ވިދާޅުވީ އަދީބު ޖަލުގައި ބަހައްޓަން އިއުތިރާފު އެއްބަސްވުމެއް ބޭނުމެއް ނުވާ ކަމަށެވެ. އޭނާގެ މައްޗަށް 150އަށް ވުރެ ގިނަ ދައުވާކޮށް، 806 އަހަރަށް ޖަަލަށް ލެވޭ ވަރަށް ހެކި ހިމެނޭ ލިޔުންތައް ތައްޔާރުކޮށްފައި އެބަ ހުރި ކަމަށް ޝަމީމް ވިދާޅުވިއެވެ. ޝަމީމް ވިދާޅުވީ، އިއުތިރާފު އެއްބަސްވުމައިގެން ކުރިއަށްދާނީތޯ ނުވަތަ އުވާލާނީތޯ އަދި ނުނިންމަވާ ކަމަށެވެ.

އިއުތިރާފު އެއްބަސްވުން ދެމެހެއްޓުމުން ދައުލަތަށް ލިބޭ ފައިދާތަކެއްވެސް އެބަހުއްޓެވެ. އެ އެއްބަސްވުމުގެ ދަށުން، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ފަދަ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ތުހުމަތުވާ މީހުންނާ ދެކޮޅަށް އަދީބު ހެކިބަސް ދެއްވާނެއެވެ.

comment ކޮމެންޓް