މިހާރު ތިބި ސިޔާސީ މީހުންނާއި އެކު އެމްއެމްޕީއާރުސީގެ މައްސަލަ ހައްލެއް ނުކުރެވޭނެ: ތޯރިގު

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު ތޯރިގު: މިހާރު ތިބި ސިޔާސީ މީހުންނާއި އެކު އެމްއެމްޕީއާރުސީގެ މައްސަލަ ހައްލެއް ނުކުރެވޭނެ ކަމަށް ވަނީ ވިދާޅުވެފައި -- ފައިލް ފޮޓޯ/ މަޖިލިސް

ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިހާރު ތިބި ލީޑަރުންނާއި އެކު އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ އަސްލު މައްސަލައާ ހަމައަށް ވާސިލް ނުވެވޭނެ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގައި ހިމެނޭ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބު މިނިވަންވުމާއި ގުޅިގެން މަޖިލީހަށް ހުށަހެޅު ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ތޯރިގު ވިދާޅުވީ، ސިޔާސީ ހުރިހާ ފަރާތްތަކުން ވެސް އުޅެނީ އެމްއެމްޕީއާރުސީގެ ވާހަކަ ދައްކައިގެން ރައްޔިތުންނަށް އެއްޗެއް ވިސްނައިދޭން ކަމަށާއި އެއީ އެ ފަރާތްތަކުން އުޅެނީ އެ މައްސަލަތައް ބެލުމަށް ކަމަށެވެ.

"އެމްއެމްޕީއާރުސީގެ މައްސަލައިގައި ހަގީގީ މައްސަލައާ ހިސާބަށް މިހާރު ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި މިތިއްބެވި ބޭފުޅުނާއި އެކު ނުދެވޭނެ. އަޅުގަނޑު މި ދަންނަވަނީ ވަރަށް ވާހަކަ،" އިދިކޮޅު ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ތޯރިގު ވިދާޅުވި އެވެ.

އޭގެ ތެރޭގައި މިހާރު ވެރިކަމުގައި ތިބި ފަރާތްތަކުގެ އިތުރުން އެހެނިހެން ސިޔާސީ ފަރާތްތައް ވެސް ހިމެނޭ ކަން ތޯރިގު ފާހަގަކުރެއްވި އެވެ.

"އެމްއެމްޕީއާރުސީގެ ތިދަންނަވާ އަސްލު ރައްޔިތުން ބޭނުންވާ ހިސާބަކަށް ނުދެވޭނެ. މި ރާއްޖޭގަ މިހާރު މިއޮތް ސިޔާސީ މާހައުލުގެ މިހާރު މި ތިއްބެވި ވަރުގަދަ ސިޔާސީ ބޭފުޅުން ތިއްބަވާ ހިދެއްގައި. އެހެންވީމަ ރައްޔިތުން އުންމީދު ނުކުރައްވާ،" ތޯރިގު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި މިހާރު ޖަލުގައި ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަނިކަން ފާހަގަކޮށް ތޯރިގް ވިދާޅުވީ އެއީ ނުފޫޒާއި ބާރުން ކޮށްފައިވާ ކަމެއް ކަމަށެވެ. އެކަމުން ވެސް އެމްއެމްޕީއާރުސީގެ މައްސަލަ ކުރިއަށްދާ ގޮތް އެނގޭކަން ތޯރިގު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާގައި ޖެހުނު ކަމަށް ބެލެވޭ މީހުންގެ ލިސްޓެއް ކޮރަޕްޝަން މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ވަނީ އެކުލަވާލާފަ އެވެ. މިހާތަނަށް އެ ލިސްޓު އާންމުކޮށްފައެއް ނުވެ އެވެ. އެކަމަކު އެ ލިސްޓުގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މިހާރުގެ މަޖިލިސް މެމްބަރުންނާއި މިހާރުގެ ވަޒީރުން އަދި ކުރީގެ ވަޒީރުން ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނާތުގެ މައްސައާ ގުޅިގެން މިހާތަނަށް ޖަލަށް ލާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އެކަންޏެވެ. އެއީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލާގައި މަނީ ލޯންޑައިންގެ ދައުވާ ސާބިތުވުމުންނެވެ. އެފައިސާއަކީ އެމްއެމްޕީއާރުސީއިން ރަށެއް ކުއްޔަށް ދިނުމުން ލިބެންޖެހޭ ފައިސާ ކަމަށް ދައުލަތުން ވަނީ ކޯޓުގައި ބުނެފަ އެވެ.

comment ކޮމެންޓް