ދެން ބޯޑަރު ބަންދުކުރަން ޖެހޭނެ ކަމަށް ގަބޫލެއް ނުކުރެވޭ: ފައްޔާޒު

މިނިސްޓަރު ފައްޔާޒު އިސްމާއިލް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ބޯޑަރު އިތުރަށް ބަންދުކުރާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށާއި ކުރެވޭނެ ކަމަކީ ބަލި ފެތުރުން ކޮންޓްރޯލު ކުރުން ކަމަށް އިކޮނޮމިކް މިނިސްޓަރު އަދި އެކްޓިން ޓުއަރިޒަމް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ކޮވިޑް19އާ ގުޅިގެން ތިން މަހަށްވުރެ ގިނަ ދުވަހު ރާއްޖެއިން އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާަލައި، ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު މިއަދު ބޯޑަރު ވަނީ އަލުން ހުޅުވާލާފަ އެވެ.

ވީއައިއޭގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ކޮވިޑް ފެތުރުނު ދުވަސްވަރާއި މިހާރު ގެންގުޅޭ ވިސްނުން ތަފާތު ކަމަށެވެ. އަދި ދެވަނަ ފަހަރަށް ރާއްޖޭގެ ބޯޑަރު ބަންދުކުރާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އޭރު [ވައިރަސް ފެނުނު އިރު] ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ވިސްނަމުންދިޔައީ ވައިރަސް އަޔަ ނުދިނުމަށް. އެ ވިސްނުމުގައި ވަރަށް ހަރުކަށި ފިޔަވަޅު އަޅަމުންދިޔައީ. އެހެން ނަމަވެސް މިހާރު މުޅި ދުނިޔޭގައި އެބައޮތް. ދެން އޮންނާނީ މި ކޮންޓެއިން ކުރުމާއި މެނޭޖް ކުރުން. އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ ދެނެއް ބޯޑަރުތައް ބަންދުވާނެ ކަމަކަށް." މިނިސްޓަރު ވިދާޅުވި އެވެ.

އެހެން ނަމަވެސް ބޯޑަރު ބަންދުކުރަން ސިއްހީ ދާއިރާގެ ފަރާތްތަކުން ކަނޑައަޅައިފިނަމަ ސަރުކާރުން އެގޮތަށް އަމަލުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ބޯޑަރު އަލުން ހުޅުވާލައި، ފަތުރުވެރިން ރާއްޖެއަށް އަންނަން ފަށާފައިވާއިރު މިނިސްޓަރު ވިދާޅުވީ ބޭރުގެ ގައުމުތަކުން އެންމެ ބޮޑަށް ބަލަނީ ރާއްޖޭގައި އިންފެކްޝަންސް އޮތް މިންވަރާއި ފެތުރޭ މިންވަރުގެ އިތުރުން ބައްޔާ ދެކޮޅަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ސޭފްޓީ މެޝާސް ވަރުގަދަ ވާ ވަރަކަށް ފުރުސަތު ލިބިގެންދޭ ސޭފް ޑެސްޓިނޭޝަނެއް ގޮތުގައި ލިޔެވިގެންދިއުން." މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ މިއަދުން ފެށިގެން ރާއްޖޭގެ ޓޫރިޒަމް ޓެގްލައިން "ރީޑިސްކަވާ މޯލްޑިވްސް - ސަނީ ސައިޑް އޮފް ލައިފް"އަށް ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް މަސައްކަތް ފެށީ މިއަދު ނޫން ކަމަށާއި ބޯޑަރުތައް ބަންދު ކުރިއިރު މަސައްކަތް ކުރަމުންދިޔަ ކަމަށް ވިދާޅުވި އެވެ.

"މަސައްކަތް ކުރަމުންދިޔަ ގޮތް، މުޅި ދުނިޔެ ބަދަލުވެއްޖެ. ޑިޖިޓަލްކޮށް މުޅިން ވެސް މިދަނީ. ފެއާއަކަށް ދިޔަޔަސް، ޕްރެސް ކޮންފަރެންސްއެއް ވިޔަސް ހުރިހާ ކަމެއް ވެސް. މުހިންމު މާކެޓުތަކުގައި ކެނޑިނޭޅީ މަސައްކަތް ކުރެވެމުން ދަނީ."

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު-- ސަން ފޮޓޯ/ފަޔާޒު މޫސާ

ރާއްޖޭގެ ބޯޑަރު މިއަދު ހުޅުވާލިއިރު، ރާއްޖޭން ބޭރުގެ ދެ ފްލައިޓެއް މިއަދަށް ވަނީ ޝެޑިއުލްކޮށްފަ އެވެ. ފުރަތަމަ އައި ގަތަރު އެއާވޭސްގެ ފްލައިޓުން 128 ފަސިންޖަރުން އައިއިރު، އޭގެ ތެރޭގައި ހިމެނެނީ 24 ދިވެހިންނާއި 104 ފަތުރުވެރިންނެވެ. ދެވަނައަށް ޝެޑިއުލްކޮށްފައިވަނީ ސްރީލަންކަން އެއާލައިންސްގެ ފްލައިޓެކެވެ.

comment ކޮމެންޓް