ރައީސް ޔާމީން ބޭސް ފަރުވާއަށް ގެއަށް ބަދަލުކުރަން ޖެހޭކަމަށް ރައީސް ވަހީދު ވިދާޅުވެއްޖެ

ޖުލައި 27، 2017: ދިވެހިރާއްޖޭގެ މިނިވަންކަމަށް 52 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ދަރުބާރުގޭގައި ބޭއްވި ރަސްމީ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޖަލަށް ލައިފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބޭސްފަރުވާއަށް ގެއަށް ބަދަލުކުރަން ޖެހޭކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ރައީސް ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ބަލި ހާލަތު ހުރި ގޮތުން ބޭސް ފަރުވާއަށް ގެއަށް ބަދަލުކުރުމަކީ ދައުލަތުން ކުރަން ޖެހޭ ކަމެއް ކަމަށެެވެ.

ރައީސް ވަހީދު އެފަދައިން ވިދާޅުވިއިރު ދާދި ފަހުން އެމަނިކުފާނު ވަނީ ޕީޕީއެމްގެ އެޑްވައިޒަރުގެ މަގާމަށް އައްޔަނުކޮށްފައެވެ. އަދި ރައީސް ޔާމީން މިނިވަންކުރުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން ޖަލަށް ލައިފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާކޮށްފައިވާތީއެވެ. އެ މައްސަލައިގައި އެމަނިކުފާނުގެ ޖަލަށް ލައިފައިވަނީ ފަސް އަހަރުގެ މުއްދަތަށެވެ.

ރައީސް ޔާމީން ޖަލަށް ލި މައްސަލަ މިހާރުވެސް އޮތީ އިސްތިއުނާފްގެ މަރުހަލާގައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޝާމިލްވާ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކޮށްފައިވާ ހުރިހާ ދައުވާތަކެއް އިއްޔެ ވަނީ ބާތިލްކޮށްފައެވެެ.

އަދީބްގެ ދައުވާތައް ބާތިލްކުރުމުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ ބާތިލް ދައުވާތަކެއްކަމަށް ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ވަނީ ބުނެފައެވެ.

ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ނެގުމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް ގޮވާލައްވައިފައެވެ.

ޕީޕީއެމް- ޕީއެންސީން މީގެ ކުރިންވެސް ވަނީ ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރުމަށް ގޮވާލައިފައެވެ. ނަމަވެސް އެގޮތަށް ހަމަޖައްސައިދީފައެއް ނުވެއެވެ.

comment ކޮމެންޓް