އަދީބުގެ މައްސަލަތައް ބޭރުކޮށްލުމުގައި ރިޝްވަތު ހިމެނޭ ކަމަށް ބުނެ މަޖިލީހަށް މައްސަލައެއް

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް: އަދީބު މިނިވަންވުމުން ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފައި --- ފައިލް ފޮޓޯ/ މަޖިލިސް

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއެއް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުގައި ނުފޫޒާއި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް އެ މައްސަލަ ބެލުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް އެ މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދު ނިންމުމާއެކު އޭނާ ވަނީ އިއްޔެ މިނިވަންވެފަ އެވެ.

އެ މައްސަލައާ ގުޅިގެން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފަ އެވެ. ޖަލްސާގައި ބައިވެރިވެވަޑައިގަތް 26 މެންބަރުންގެ ތެރެއިން 22 މެންބަރުން ވަނީ އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވާފަ އެވެ. ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން ހަސަން ލަތީފް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލައަކީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކަރޮޕްޝަނާއި ހިޔާނާތުގެ މައްސަލަ ކަމަށާއި އެ މައްސަލަ ކޯޓުން ބޭރުކޮށްލުމުގައި ގިނަ ސުވާލުތަކެއް އެބަހުރި ކަމަށެވެ.

"އެ މައްސަލަތައް ފަނޑިޔާރު އިސްމާއިލް ރަޝީދު ކޯޓުން ބޭރުކޮށްފައިވާހިނދު ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މިފަދަ ބޮޑު މައްސަލަތަކެއް ގާނޫނުތަކާއި އިޖުރާއަތްތަކާއި ހިލާފަށް ކޯޓުން ބޭރުކޮށްލާފައިވާހިނދު އެގޮތައް އަމަލު ކުރުމުގައި ނުފޫޒާއި ރިޝްވަތާއި ކޮރަޕްޝަނުގެ އަމަލު އެކުލެވޭ ކަމަށް ތުހުމަތުކުރެވޭތީ މި މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލި ފަނޑިޔާރު އިސްމާއިލް ރަޝީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ބެއްލެވުމަށް ކޮމިޝަނަށް ހުށަހެޅުމަށާއި އަދި ކްރިމިނަލް ކޯޓުން ބޭރުކޮށްލި އަހްމަދު އަދީބުގެ މައްސަލަތައް އިސްތިއުނާފް ކުރުމަށް ދައުލަތަށް ގޮވާލައި މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން،" ހަސަން ލަތީފް ވިދާޅުވި އެވެ.

އަދީބުގެ މައްސަލަތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމާއި ގުޅިގެން، ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި އެ މައްސަލަ އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަން ޝަމީމް ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް