ވެށިފަހި މާލެ ޕްރޮގްރާމުގެ އެއްވެސް ލިޔެކިޔުމެއް ދައުލަތަކު ނެތް: އަސްލަމް

ހައުސިން މިނިސްޓަރު އަސްލަމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ހުންނެވިއިރު އެމްޑީޕީ ސަރުކާރުން ހިންގި ވެށިފަހި މާލެ ޕްރޮގްރާމުގެ ލިޔެކިޔުންތައް ހުރިތަނެއް އެނގޭ މީހެއް ދައުލަތުގައި ނެތް ކަމަށް މިނިސްޓަރު އޮފް ޕްލޭނިންގް ހައުންސިންގް އެންޑް އިންފްރާންސްޓްރަކްޗަ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް އެހެން ވިދާޅުވީ މިއަދު މަޖިލީހުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މީކާއީލް ސުވާލު ކުރެއްވީ 133 ގޯއްޗާއި 33 ފްލެޓް ވެށިފަހި މާލޭގެ ދަށުން ލިބެންޖެހޭ މީހުންނަށް ނުލިބޭ ކަމަށް ވިދާޅުވެ އެވެ.

އަސްލަމް ވިދާޅުވީ ވެށިފަހު މާލެއިން ގޯޗެއް ނޫނީ ފްލެޓެއް ލިބުނު ކަމުގެ ލިޔުމެއް ދީފައި އޮތް ކޮންމެ ފަރާތަކަށް އެ ލިޔުމަކީ ސައްގަ ލިޔުމެއް ކަމަށް ވާނަމަ ލިޔުމުގައި އޮތް ގޮތަށް އަމަލުކުރާނެ ކަމަށެވެ.

"މިސާލަކަށް މީހަކަށް ލިބިފައި އޮތީ ލިޔުމެއް ބިންކޮޅެއް ލިބެން ހުޅުމާލެއިން. އެ ލިޔުން ހުށަހެޅީމަ އެ ލިޔުމުގައި އެގޮތަށް އޮތް ކަމަށް ވަންޏާ އެގޮތަށް އަޅުގަނޑުމެން އެކަން ކޮށްދޭނަން." އަސްލަމް ވިދާޅުވި އެވެ.

އެހެންނަމަވެސް ބައެއް ފަރާތްތަކުން ލިޔުން ނެތި، ލިޔުން ގެއްލިއްޖެ ކަމަށް ބުނެ މިނިސްޓްރީއަށް ދާ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެކަމަކު އެގޮތަށް ލިޔުން ގެއްލިގެން އަންނަ މީހުންނަށް ކޮށްދެވޭނެ ކަމެއް ނޯންނާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. ސައްހަކަން ކަށަވަރު ނުކުރެވޭ ކަމަކަށް ކުރާނެ ކަމެއް ނޯންނާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

ދައުލަތުން އެ ލިޔެކިޔުންތައް މިހާރު ފެންނަން ނެތް ކަމަށް އަސްލަމް ވިދާޅުވި އެވެ.

"ވެށިފަހި މާލެ ޕްރޮގްރާމުގެ ލިޔެކިޔުންތައް ދައުލަތުގެ ތެރޭގައި ހުރީ ކޮންތާކުކަމެއް އެނގޭ މީހަކު ނެތް މިހާރު. މި ދިވެހިރާއްޖޭގައި ސަރުކާރު ބަދަލުވެގެން ދާއިރު އެއް ސަރުކާރުން ކޮށްފައި ހުންނަ ކަންތައްތައް އަނެއް ސަރުކާރުން ގެއްލުވާލައި އެއަށް ހަދާގޮތް. އެކަން ނުވާނެ ގޮތެއް އަޅުގަނޑުމެން އެބަޖެހޭ ހޯދަން." އަސްލަމް ވިދާޅުވި އެވެ.

ވެށިފަހި މާލެ ޕްރޮގްރާމުގެ ލިޔެކިޔުންތައް ގެއްލުވާލީ ކާކު ކަމެއް ކިހިނެތްވެގެން ކަމެއް ނޭންގޭ ކަމަށް އަސްލަމް ވިދާޅުވި އެވެ.

ވެށިފަހި މާލެ ޕްރޮގްރާމުގެ ލިޔެކިޔުން ދައުލަތުގައި ނެތްއިރު މީހަކު ލިޔުމެއް ހުށަހެޅުމުން އެއީ ސައްހަ ލިޔުމެއްތޯ ކަށަވަރު ކުރަނީ ކިހިނެތްތޯ މެމްބަރު ސުވާލު ކުރުމުން އަސްލަމް ވިދާޅުވީ މީހަކު ފޭކް ލިޔުމެއް ހަދައިގެންވެސް އައިސްދާނެ ކަމަށެވެ. އެހެންނަމަވެސް ޕްރޮސެސްއެއްގެ ތެރެއިން ސައްހަ ލިޔުމެއްތޯ ކަށަވަރު ކުރަން މަސައްކަތް ކުރާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

comment ކޮމެންޓް