އެމެރިކާގެ ފިޔަވަޅުތަކާ ދެކޮޅަށް ރަޝިއާ، ޗައިނާ އަދި އީރާން ދަނީ ގުޅިގެން މަސައްކަތްކުރަމުން: ވޮޝިންޓަން ޕޯސްޓް

ޗައިނާގެ ރައީސް ޝީޖިންޕިންގް އީރާނަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސް ރޫހާނީ އާއެކު (ފައިލް ފޮޓޯ)

ވޮޝިންޓަން (ޖުލައި 15) : އެމެރިކާގެ ފިއްތުންތަކާ އަދި ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލުމުގައި ރަޝިއާ، ޗައިނާ އަދި އީރާން ގުޅިގެން މަސައްކަތްކުރާ ކަމަށާއި އެކަމުގެ ސަބަބުން އީރާނުގެ އިގްތިސާދަށް ލުއިތަކެއް ލިބެމުން ދާކަމަށް ވޮޝިންޓަން ޕޯސްޓްން ބުނެފިއެވެ.

"ވޮޝިންޓަން ޕޯސްޓް" ބުނާގޮތުން އީރާނާދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކާއެކުވެސް އީރާނުގެ ސިޔާސަތަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އެމެރިކާ ބޭނުންގޮތަކަށް އީރާން ކިޔަމަން ކުރުވުމުގައި ދަތިކުރުމުގެ ފިޔަވަޅުތައް އެދެވޭގޮތުގައި މަސައްކަތް ނުކުރާ ކަމަށާ އެހެންވަނީ އެ ފިޔަވަޅުތަކާ ދެކޮޅަށް ރަޝިއާ، ޗައިނާ އަދި އީރާން ގުޅިގެން މަސައްކަތްކުރާތީ ކަމަށް އެނޫސް ބުނެއެވެ.

އީރާނުގެ އިތުރުން ރަޝިއާއާއި ޗައިނާ އަކީވެސް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާންޖެހިފައިވާ ދެގައުމެކެވެ. އީރާނާދެކޮޅަށް އަޅާފައިވާ ވަރުގެ ހަރުކަށި ފިޔަވަޅުތަކާ ގާތަށްވެސް ރަޝިއާއާއި ޗައިނާއާ ދެކޮޅަށް އެމެރިކާ ފިޔަވަޅުތައް އަޅާފައެއް ނުވެއެވެ.

ނަމަވެސް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ ގެންދަނީ ވިޔަފާރީގެ ދާއިރާގައި ޗައިނާއަށް ވަރަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތި ކުރަމުންނެވެ. އަދި ޗައިނާގެ ބައެއް މަސްއޫލުވެރިންނާ ދެކޮޅަށް ފަރުދީ ފެންވަރުގައި އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް ދާދިފަހުން އަޅާފައިވެއެވެ. ރަޝިއާއާ ދެކޮޅަށްވެސް (ރަޝިއާގެ ސަރުކާރާ ދެކޮޅަށާ އަދި ރަޝިއާގެ ބައެއް މަސްއޫލުވެރިންނާ ދެކޮޅަށް) އެމެރިކާއިން ބައެއް ފިޔަވަޅުތައް އަޅާފައިވެއެވެ.

"ވޮޝިންޓަން ޕޯސްޓް" ބުނާގޮތުން ޑޮލަރު ބޭނުން ނުކޮށް ޗައިނާއާއި ރަޝިއާއިން ވަނީ އީރާނާ ވިޔަފާރި ކުރެވޭފަދަ ނިޒާމެއް ގާއިމްކޮށްފައެވެ. މިގޮތުން ޗައިނާގެ ޔުވާން އާއި ރަޝިއާގެ ރުބެލް ބޭނުންކޮށްގެން އީރާނުން އެދެގައުމާއެކު ވަރުގަދައަށް ވިޔަފާރީގެ މުއާމަލާތައް ކުރަމުން ގެންދާކަމަށާ މިކަމުގެ ސަބަބުން އީރާނާ ދެކޮޅަށް އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބާރު ކޮންމެވެސް ވަރަކަށް ކުޑަވެ އީރާނުގެ އިގްތިސާދަށް ނޭވާ ލުމުގެ ފުރުސަތު ލިބިފައިވާކަމަށް އެ ނޫސް ބުނެއެވެ.

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބެލުމެއްނެތި އީރާނުގެ ތެލާއި ތެލުގެ ބާވަތްތައް ޗައިނާ ގަންނަމުން ދެއެވެ. އަދި ތުރުކީއާއި އިރާގު ގެ ސަރަހައްދީ ރޮނގު ހުރަސްކޮށް އީރާނުން އެގައުމުގެ ތެޔޮ އެހެން ނަންނަމުގައި ބޭނުންކޮށް ވިޔަފާރީގެ މުއާމަލާތްތައް ހިންގާކަމަށާ އެ މުއާމަލާތްތައް ހުއްޓުވުމުގައި އެމެރިކާ ނާކާމިޔާބު ވެފައިވާ ކަމަށްވެސް "ވޮޝިންޓަން ޕޯސްޓް" ބުނެއެވެ. މީގެއިތުރުން އީރާނުގެ ވިޔަފާރިވެރިންނާއި ކުންފުނިތައް ޔޫއޭއީގެ ދުބާއި މެދުވެރިކޮށްވެސް ގިނައަދަދެއްގެ ވިޔަފާރީގެ މުއާމަލާތްތައް ހިންގާކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗައިނާއަކީ ދުނިޔޭގެ އެންމެ ގިނައިން ތަކެތި އުފައްދާ ދުނިޔޭގެ ފެކްޓްރީ ގެ ގޮތުގައި ނަންމަޝްހޫރު ސިނާއީ ގައުމުކަމަށްވެފައި އީރާން ބޭނުންވާ ހުރިހާ އެއްޗެއް ޗައިނާއިން ލިބޭތީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން އީރާނުގެ އިގްތިސާދު އިނދަޖައްސާލުމަކީ މިހާރު ދުނިޔޭގައި ކަންކަން އޮތްގޮތުން އެމެރިކާއަށް ކުރެވޭނެކަމެއް ނޫންކަމަށްވެސް އެނޫސް ބުނެއެވެ. (ވޮޝިންޓަން ޕޯސްޓް)

comment ކޮމެންޓް