ގުޅީފަޅުން މާލޭގެ ރައްޔިތުންނަށް 1200 ބިން ދޫކުރާނެ: އަސްލަމް

ޕްލޭނިންގް އެންޑް ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް --- ފޮޓޯ މަޖިލިސް

ގުޅިފަޅު ހިއްކުމަށް ފަހު އެތަނުން މާލޭގެ ރައްޔިތުންނަށް 1200 ބިން ދޫކުރާނެ ކަމަށް މިނިސްޓަރު އޮފް ޕްލޭނިންގް ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް އެހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ހަސަން ލަތީފު ސުވާލު ކުރެއްވީ މާލޭގެ ރައްޔިތުންނަށް ބޯހިވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ޕްލޭނާ ބެހޭގޮތުންނެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ގުޅީފަޅު ހިއްކުނީމަ 1200 ބިން މާލޭގެ ރައްޔިތުންނަށް ދޫކުރަން މަސައްކަތް ކުރަމުން ދާ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ގުލީ ފަޅު ހިއްކުނީމަ 1200 ބިންކޮޅު ދޫކޮށްލުމަށް މާލޭގެ ރައްޔިތުންނަށް. މާލޭގެ ރައްޔިތުންގެ ތެރެއިން 5000 އެތައް އާއިލާއެއް މި މާލެއަށް ނިސްބަތްވާ ހާލުގައި ދިރިއުޅެމުންގެންދާ." އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ މިހާރު ހުޅުމާލޭގައި ގާއިމްކޮށްފައިވާ 6700 އެއްހާ ފްލެޓްތަކުގެ ހައްގުވެރިންގެ ނަންތައް މަހެއްހާ ދުވަހުގެ ތެރޭގައި އިއުލާނުކުރަން ފަށާނެ ކަމަށެވެ. ހައުސިންގެ ފްލެޓްތަކުގައި ދިރިއުޅެވޭނެ މީހުންގެ އަދަދު ނުވަތަ ވަކި ޓާގެޓެޑް ޕޮޕިއުލޭޝަނަކަށް ހާއްސަކޮށްފައި ނުވާތީ ފްލެޓްތަކުގައި ދިރިއުޅެން ޖެހޭ މީހުންނަށްވުރެ ގިނަ މީޙުން އެއްތަނެއްގައި ދިރިއުޅެމުންދާ ކަމަށެވެ.

އޭގެ އިތުރުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށް ކަމަށް ބުނި ނަމަވެސް މީގެ ކުރިން ކަންވެފައި ހުރި ގޮތަށް ބަލާއިރު ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށްވެސް މާލޭން ފްލެޓް ދީފައިވާކަން އަސްލަމް ފާހަގަ ކުރެއްވި އެވެ.

ގުޅީފަޅު ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. ގުޅީފަޅު ޕްރޮޖެކްޓަކީ ތިލަފުށި މާލޭ ގުޅިފަޅު އަދި ހުޅުމާލޭ ގުޅާލާ ބްރިޖާއެކު ހިންގާ ޕްރޮޖެކްޓެކެވެ. ގުޅީފަޅު ހިއްކުމަށް ފަހު މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމަށް ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް