ނޯވިޗް ބަލިކޮށް ޗެލްސީން ތިންވަނައިގައި ލީޑު ފުޅާ ކޮށްފި

ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި ނޯވިޗް ކުޅުނު މެޗުގެ ތެރެއިން: އެ މެޗު 0-1 އިން ކާމިޔާބު ކުރީ ޗެލްސީ --- ފޮޓޯ/ލައިވްސްކޯ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޯވިޗް ސިޓީ ބަލިކޮށް ޗެލްސީއިން ގަދަ ހަތަރެއްގައި ލީގު ނިންމާލުމަށް ކުރަމުން އަންނަ އުންމީދު އައުވެއްޖެ އެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ޝެފީލްޑް ޔުނައިޓެޑް އަތުން ބަލިވި ޗެލްސީން ރޭ ނޯވިޗްގެ މައްޗަށް ކުރި ހޯދީ 0-1 ގެ ނަތީޖާ އަކުންނެވެ. އެ މޮޅާ އެކު ޗެލްސީ ތާވަލުގެ ތިންވަނައިގައި އެއް މެޗު އިތުރަށް ކުޅެން އޮތީ 36 މެޗުން 63 ޕޮއިންޓް ހޯދައިގެންނެވެ.

ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމަށް ދެން މަސައްކަތް ކުރަމުން އަންނަ ލެސްޓާ ސިޓީ ހަތަރުވަނައިގައި 59 ޕޮއިންޓާ އެކު އޮތް އިރު ފަސްވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ވެސް ވަނީ އެ އަދަދަށް ޕޮއިންޓް ލިބިފަ އެވެ. އެހެން ކަމުން ބާކީ އޮތް ދެ ތިން މެޗަކީ ޔޫރޮޕުގެ މުބާރާތްތަކުން ފުރުސަތު ހޯދުމަށް އެކުލަބުތަކަށް މުހިއްމު މެޗުތަކަކަށް ވެގެންދާނެ އެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ރޭ ކުޅުނު އެ މެޗުގައި ޖެހި ހަމައެކަނި ގޯލު އެ ޓީމަށް މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ފްރާންސްގެ ސްޓްރައިކަރު އޮލިވާ ޖިރޫޑް އެވެ. މިއީ 2012 ވަނަ އަހަރު އޭނާ ޕްރިމިއާ ލީގަށް ކުޅެން ފެށި ފަހުން ބޮލުން ޖަހައި ވައްދާލި 31 ވަނަ ގޯލެވެ. އެ މުއްދަތުގެ ތެރޭގައި އިތުރު ކުޅުންތެރިއަކަށް އެ އަދަދަށް ބޮލުން ގޯލު ޖެހިފައެއް ނުވެ އެވެ.

އަމިއްލަ ދަނޑުގައި ރޭ ޗެލްސީން ހޯދި މޮޅަކީ 2017 ވަނަ އަހަރުގެ ފަހުން ޖެހި ޖެހިގެން ފަސް ހޯމް މެޗުން އެ ޓީމު މޮޅު ހޯދި ފުރަތަމަ ފަހަރެވެ. އެކަމަކު ކުރީ މެޗުގައި ޗެލްސީން 0-3 ގެ ނަތީޖާއަކުން ޝެފީލްޑް ޔުނައިޓެޑް އަތުން ބަލިވުމާ އެކު ލީގުގެ ގަދަ ހަތަރެއް ކަށަވަރު ކުރުމަށް ވަނީ ހުރަސް އެޅިފަ އެވެ.

އެއީ ޗެލްސީއަށް ލީގުގައި ބާކީ އޮތް ދެ މެޗަކީ މި ސީޒަނުގައި ޗެމްޕިއަންކަން ހޯދި ލިވަޕޫލާއި، މިވަގުތު ފޯމުގައި އޮތް ވުލްވްސްގެ މެޗަށް ވެފައި، ފަހަތުގައި އޮތް ލެސްޓާ އަދި ޔުނައިޓެޑަށް ހުރި މެޗުތައް ފަސޭހަ ވީމަ އެވެ.

ރޭގެ މެޗަށްފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނީ އެ މެޗުން މޮޅު ލިބުނަސް ކުރިއަށް އޮތް ދެ މެޗު ކާމިޔާބު ކުރުން ވެގެން ދާނީ ޗެލްސީއަށް އުނދަގޫ ކަމަކަށެވެ. ސަބަބަކީ އެ ދެ މެޗަކީ ވެސް ޓޮޕް ދެ ޓީމަކާއި ކުޅެން ޖެހޭ މެޗެއް ކަމަށް ވެފައި އެ ދެމެޗު ވެސް ކުޅެން ޖެހެނީ އަވޭ ސްޓޭޑިއަމްގައި ކަމަށް ވާތީ ކަމަށް ލަމްޕާޑް ވަނީ ބުނެފަ އެވެ.

"ވަރަށް ވެސް އުނދަގޫވާނެ. ކުރިއަށް އޮތް ދެމެޗަށް ވަރަށް ބޮޑަށް ފޯކަސް ކުރަން އެބަ ޖެހޭ. އުންމީދު އެބައޮތް ޓީމާއި ދޭތެރޭ." ލަމްޕާޑް ބުންޏެވެ.

comment ކޮމެންޓް