މެމްބަރުން ބިލު ޑްރާފްޓުކުރަން ނޫޅޭ، އެއީ ފަންނީ ބޭފުޅުންްގެ ކަމެއް: މަޖިލިސް ރައީސް

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ/ މަޖިލިސް

ބިލެއް ޑްރާފްޓް ކުރުމަކީ މަޖިލިސް މެމްބަރުންގެ މަސައްކަތް ނޫން ކަމަށާއި، އެއީ އިދާރީ މޭޒުގައި ތިއްބަވާ ފަންނީ ބޭފުޅުންގެ މަަސައްކަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިއްޔެގެ ރައްޔިތުންގެ މަޖިލީހުހެ ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން މަޖިލިސް ރައީސް ވިދާޅުވީ، ކޮމެޓީތަކުގެ މުގައްރިރުންނާއެކު ކޮންމެ ހަފްތާއަކު ކުރިއަށް ގެންދަވާ ބައްދަލުވުންތަކުން ކޮމިޓީތަކުގެ މަސައްކަތްތައް ކުރިއަށްގެންދާ ތަރުތީބެއް އެކުލަވާލެވިފައި އޮންނަންޖެހޭކަން ފާހަގަކުރެއްވޭ ކަމަށެވެ.

އަދި ބިލެއް ކޮމިޓީއަކަށް އައުމުން މަސައްކަތް ގެންދާނެ ގޮތް މިހާރު ތާވަލުވެ، ބަޔާންކުރެއްވިފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން ކޮމިޓީއަކަށް ބިލެއް ގެންދާ ހިސާބުން އެންމެ ފުރަތަމަ ބާއްވާ ކޮމިޓީ ބައްދަލުވުމުގައި، އެ ބިލެއް ނިންމާނެ ސުންގަޑިއާއި، ބިލަށް ހިޔާލު ފޮނުވުމުގައި ކަމާ ގުޅޭ ފަރާތްތަކަކީ ކޮބައިކަން ކަނޑައަޅައި އެ ފަރާތްތަކުގެ ހިޔާލު ލިޔުމުން ހޯދުމަށް ފޮނުވާނެއެވެ.

އަދި ހިޔާލު ފޮނުވާނެ ސުންގަޑި ވެސް އެ ބައްދަލުވުމުގައި ކަނޑައަޅައި، ކަމާބެހޭ ފަރާތްތަކާއި ބައްދަލުކުރަން ފެންނަނަމަ، އެ ފަރާތްތަކަކީ ކޮބައިކަން ވެސް ފުރަތަމަ ކޮމިޓީ ބައްދަލުވުމުގައި ކަނޑައަޅައެވެ. ހަމައެއާއެކު އާންމުންގެ ހިޔާލު ހޯދަން ނިންމުން؛ އެ ހިޔާލ ފޮނުވާނެ ސުންގަޑި ވެސް ކަނޑައަޅާނެއެވެ.

މަޖިލިސް ރައީސް ވިދާޅުވީ އެއަށްފަހު ދެން ކޮމެޓީގެ މަސައްކަތަކަށް ވާން ޖެހޭނީ ކަމާބެހޭ ބޭފުޅުން ބިލާ ގުޅޭގޮތުން ދައްކަވާ ވާހަކަތަކާއި ހިޔާލުތަކާއި މަޝްވަރާތަކެއް އެއްކުރަން ކަމަށެވެ.

އަދި އެ ހުރިހާ ހިޔާލުތަކާއި އިބްތިދާއީ ބަހުސްގައި ފާހަގަކުރެވުނު ހުރިހާ ނުކުތާތަކެއް ވެސް ހިޔާލުގެ ގޮތުގައި އެއް ތާވަލަކަށް ހެދުމަކީ ކޮމެޓީގެ އިދާރީ މޭޒުގެ މަސައްކަތެއް ކަމަށެވެ.

"އެހެންވީމާ، ތި ބޭފުޅުން ނިންމަވާ ވާހަކަދައްކަވަން، މަޝްވަރާކުރަން، ސުވާލުކުރައްވަން ނިންމަވާ އެކިއެކި ވުޒާރާތަކާއި، އިދާރާތަކުގެ ބޭފުޅުންނާ ދައްކަވާ ވާހަކަތައް ވެސް، އެ ވާހަކަތަކުގެ ޔައުމިއްޔާތަކުން ފާހަގަކުރެވުނު ތަފާތު ހިޔާލުތައް ލިސްޓަކަށް ގެނައުން އެއީ އިދާރީ މޭޒުގެ މަސައްކަތެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

އިދާރީ މޭޒުން އެ މަސައްކަތް ނިންމައި، ކޮމެޓީ މެމްބަރުންނަށް އަލުން ބިލު ހުށަހަޅާއިރު، ހުށަހެޅިފައި އޮތް ބިލުގެ މާއްދާއާއި، އެ މާއްދާއާ ގުޅޭ ގޮތުން ހުށަހެޅިފައި ހުރި ހިޔާލުތަކާއި، އިބްތިދާއީ ބަހުސްގައި ހުށަހެޅުން ހިޔާލުތަކާއި، އާންމ ރައްޔިތުން ފޮނުވި ހިޔާލުތަކާއިި، ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުން ލިބުނު ހިޔާލާއި މަޝްވަރާތައް ހުންނާނީ ލިސްޓު ކުރެވިފައި ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އަދި އެ ހިޔާލުތައް ބިލުގެ ބަހުރުވައިގައި ޑްރާފްޓު ކުރުމަކީ ކޮމެޓީ މެމްބަރުންގެ މަަސައްކަތް ނޫން ކަމަށާއި ގާނޫނީ ބަހުރުވައަށް އެ ހިޔާލުތައް ފައްތައި، އިސްލާހު ގެނެސް ނިންމުމަކީ އިދާރީ މޭޒުގެ މަސައްކަތެއް ކަމަށެވެ.

"ނިންމަވާފައި އަނެއްކާ ތި ބޭފުޅުން ކުރިމައްޗަށް އެ އިސްލާހާ އެކީގައި ލިބޭނެ. އެ ނިންމުން ނިންމަވާފައި ދެން ތިބޭފުޅުން އެ ބިލުގެ މަސައްކަތް ނިންމަވައި ރިޕޯޓް މި ތަޅުމަށް ގެނެސްދެއްވަންވީ. އަޅުގަނޑު ތަކުރާރުކޮށް މި އެދޭ ވާހަކައަކީ، ބިލު ޑްރާފްޓު ކުރައްވަން، މާއްދާތައް ޑްރާފްޓުކުރައްވަން އިއްޒަތްތެރި މެންބަރުން ނޫޅުއްވައްޗޭ! އެކަމަށް ހާއްސަ ފަންނީ
ބޭފުޅުން މި މަޖިލީހުގައި ތިއްބަވާ. އެ ބޭފުޅުންނަށް އެ މަސައްކަތް ދެއްވާންޖެހޭނެ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ މެމްބަރުން ބިލުގެ މާއްދާތައް ޑްރާޓްކުރަން އުޅުއްވާނަމަ އެ ކުރައްވަނީ މެމްބަރުންގެ މަސައްކަތް ނޫން ކަމަށެވެ.

"އެއީ ޑްރާފްޓްސްމަނެއްގެ މަސައްކަތް. އެއީ ތިޔަ ބޭފުޅުން ކުރައްވާ މަސައްކަތެއް ނޫން. އެހެންވީމާ، އަޅުގަނޑު ވަރަށް ވަރަށް އެބަ އެދެން، އެހެން ނުހައްދަވައްޗޭ! ހަމައެކަނި ހިޔާލޭ ދެއްވާނީ. އެ ހިޔާލާ އެއްގޮތަށް ޑްރާފްޓެއް ގެންނާނީ އިދާރީ މޭޒުންނޭ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ ކޮމެޓީގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލު މިހާރު މުގައްރިރުންނާ ހިއްސާކުރައްވާފައިވާނެ ކަމަށާއި، ،ހުރިހާ މެމްބަރުންނަށް ވެސް އެ ތާވަލު ހިއްސާކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް