ރާއްޖޭގެ ބޯޑަރު ހުޅުވައިފި، ފުރަތަމަ ވެސް 104 ޓޫރިސްޓުން

ގަތަރު އެއާވޭސްގެ ފްލައިޓުން މިއަދު ރާއްޖެ އައި ޓޫރިސްޓުން ފްލައިޓުން ފައިބަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮންނަތާ ތިން މަސް ދުވަސް ފަހުން ރާއްޖޭގެ ބޯޑަރު މިއަދު ހުޅުވާލައިފި އެވެ.

ރާއްޖޭގެ ބޯޑަރު މިއަދު ހުޅުވާލުމުގެ ގޮތުން ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ޖައްސާފައި ވަނީ ގަތަރު އެއާވޭސްގެ ފްލައިޓެކެވެ. އެ ފްލައިޓުން 104 ޓޫރިސްޓަކު މިއަދު ރާއްޖެ ވަނީ އައިސްފަ އެވެ. އެ ފްލައިޓުގައި 24 ދިވެހިންނާ އެކު ޖުމްލަ 128 މީހަކު ރާއްޖެ އައިސްފައިވެ އެވެ.

އެ ފްލައިޓް ވީއައިއޭގެ ރަންވޭގައި ޖައްސާފައި ވަނީ، މިއަދު ހެނދުނު 8:27ގަ އެވެ. އެ ފްލައިޓުން އައި ޓޫރިސްޓުންނަށް މަރުހަބާ ކިޔުމަށް ވީއައިއޭގައި ހާއްސަ ހަފްލާއެއް ބާއްވަން ވަނީ ހަމަޖެހިފަ އެވެ.

ރާއްޖެ ބޯޑަރު ހުޅުވާލުމާ އެކު ފުރަތަމަ އައި ޓޫރިސްޓުން އެއާޕޯޓްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮންމެ ގައުމެއްގެ ރައްޔިތަކަށް ވެސް ދުރާލާ ވިސާ ނެގުމެއް ނެތި، އޮންއެރައިވަލް ވިސާގައި ރާއްޖެ ޒިޔާރަތް ކުރެވޭނެ އެވެ. އަދި ކޮވިޑް-19 އަށް ޓެސްޓް ކުރާނީ، އަލާމާތްތައް ހުންނަ ޓޫރިސްޓުންނެވެ. އެހެން ނަމަވެސް، ރާއްޖެ އައުމުގެ ކުރިން ކޮންފާމް ބުކިންއެއް ހެދުމާއި، ކޮވިޑް-19 އަށް ޓެސްޓްކޮށްފައިވާ ރިޕޯޓެއްގެ ނަތީޖާ އިމިގްރޭޝަނަށް ހުށަހަޅަން ޖެހެ އެވެ.

ބޯޑަރު ހުޅުވުމާ އެކު ޖެއްސި ފުރަތަމަ ފްލައިޓަށް ސަރުކާރުގެ ވެރިން މަރުހަބާ ކިޔުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޯޑަރު ހުޅުވުމާ އެކު ޖެއްސި ފުރަތަމަ ފްލައިޓަށް ސަރުކާރުގެ ވެރިން މަރުހަބާ ކިޔުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ އިތުރުން ރިސޯޓްތަކުން ހިދުމަތް ދިނުމުގައި އަމަލު ކުރަން ޖެހޭނެ ހާއްސަ އުސޫލުތަކެއްގެ ވެސް ސަރުކާރުން ވަނީ އެކުލަވާލައި އާންމު ކޮށްފަ އެވެ. އަދި އެއާޕޯޓްގައި ވެސް ނިއު ނޯމަލްގައި ހިދުމަތް ދޭނެ ހާއްސަ އުސޫލުތަކެއް ވަނީ ގާއިމްކޮށްފަ އެވެ.

އިކޮނޮމިކް މިނިސްޓަރު އަދި ޓޫރިޒަމް މިނިސްޓްރީ ވަގުތީ ގޮތުން ހިންގަވާ ފައްޔާޒު އިސްމާއިލް ވިދާޅުވީ، ރާއްޖޭގެ ބޯޑަރު ހުޅުވުމަކީ ސަރުކާރުން ނެގި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށެވެ. އަދި ވައިރަހުގެ ހާލަތު ދުނިޔޭގައި އަދި މުޅިން ރަނގަޅު ނުވި ނަމަވެސް، ރާއްޖެއަށް ޔޫރަޕާއި ދުނިޔޭގެ އެކި ހިސާބުތަކުން ޓޫރިސްޓުން އައުމުގެ އުންމީދު ބޮޑު ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"ފުރަތަމަ ދުވަހަކު އަޅުގަނޑުމެންނަށް މައިބައިވަރު މީހުން ނުގެނެވިދާނެ. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް ފެންނާނެ ފްލައިޓްތައް އަދި ޓޫރިސްޓުން އިތުރުވަމުން އަންނަތަން،" މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

ރާއްޖެ އައި ޓޫރިސްޓަކު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ފްލައިޓަށް މަރުހަބާ ދެންނެވުމުގެ ގޮތުން މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުރުން، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތައްޔިބު މުހައްމަދާއި އެއާޕޯޓްގެ އިސްވެރިން އެއާޕޯޓްގައި ތިއްބެވި އެވެ.

މީގެ އިތުރުން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު އަނބުރާ ގައުމަށް ދިޔުމުގެ ކުރިން، ކޮވިޑް-19އަށް ޓެސްޓް ކުރަން ޖެހޭ ނަމަ، އެކަން ކުރެވޭނެ އިންތިޒާމް ވެސް ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ.

އެގޮތުން، މާލޭ ސަރަހައްދުގެ އިތުރުން މާފަރު އެެއާޕޯޓްގައި ވެސް ވަނީ ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ލެބެއް ފަހުގެ ވަސީލަތްތަކާ އެކު ގާއިމްކޮށްފަ އެވެ.

comment ކޮމެންޓް