ފްރޮންޓްލައިންގެ އެލަވަންސް މިމަހުގެ މުސާރައާއެކު ދެވޭނެ ކަމަށް ބެލެވޭ: އެޗްއީއޯސީ

ސިފައިންގެ ބޭކަލެއްގެ ރެންޑަމް ސާމްޕަލް ނެގުމުގައި އާރް އާރް ޓީމް ހަރަކާތްތެރިވަނީ: ފޮރޮންޓްލައިންގެ އެލަވަންސް މިމަހުގެ މުސާރައާއެކު ދެވޭނެ ކަމަށް ބެލެވޭކަމަށް އެޗްއީއޯސީން ބުނޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19އާ ދެކޮޅަށް ފްރޮންޓްލައިން ނުވަތަ ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންނަށް ސަރުކާރުން ދޭން ނިންމި އެލަވަންސް މިމަހުގެ މުސާރައާއެކު ދެވޭނެކަމަށް ބެލެވޭ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

ފްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އިއުލާން ކުރެއްވީ، މިދިޔަ މަހުގެ ހަތް ވަނަ ދުވަހުއެވެ. ނަަމަވެސް މިއަދާ ހަަމައަށް އެ އެލަވްންސް ދީފައި ނުވާތީ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އިސްސަފުގައި މަސައްކަތް ކުރާ މީހުންގެ މައުލޫމާތު އެއް ކުރުމުގެ މަރުހަލާ އަދިވެސް ކުރިއަށްދާ ކަމަށެވެ. އަދި އެކަން ފުރިހަމަވުމުން މިމަހުގެ މުސާރައާއެކު އެލަވަންސް ލިބޭނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

"މިނިސްޓްރީތަކުން އެބޭފުޅުންގެ މައުލޫމާތު ވަކި ޕޯޓަލްއަކަށް އެންޓާ ކުރުމަށް ކުރިންވެސް ވަނީ އަންގާފައި. އެގޮތަށް އެންޓާކޮށް ނިމިފައިވާނަމަ، ޖުލައި މަހުގެ މުސާރައާއެކު އެލަވަންސް ލިބޭނެ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައި ވަނީ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ސަރުކާރުން ނިންމާފައިވާނީ، ފްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއްގެ ގޮތުގައި ދުވާލަކު، 500-250 ރުފިޔާއާ ދެމެދުގެ އަދަދެއް ދިނުމަށެވެ.

އެލަވަންސް ދިނުމަށް ސަރުކާރުން ނިންމީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ހައިރިސްކް، ފަރާތްތަކަށް ކޮންމެ ދުވާލަކަށް، 500 ރުފިޔާ އަދި ދެވަނަ ގިންތީގެ ފަރާތްތަކަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް ފަރާތްތަކަށް ދުވާލަކަށް 200 ރުފިޔާ ދެވޭނެ ކަމަށް މީގެ ކުރިން ފިނޭސް މިނިސްޓަރު އަމީރު ވަނީ ވިދާޅުވެފައެވެ.

އެލަވަންސް ދިނުން ލަސްވެފައިވާތީ، ވީހާވެސް އަވަހަކަށް އެލަވަންސް ދިނުމަށް އެދި އިދިކޮޅު ޕީޕީއެމްގެ އިން ވަނީ ރައްޔިންތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށަހަޅާފައެވެ.

comment ކޮމެންޓް