ހުޅުމާލޭގައި ހަމަނުޖެހުން ހިންގި ބިދޭސީންގެ ބަންދަށް 15 ދުވަސް ޖަހައިފި

ހުޅުމާލޭގައި ބިދޭސީން ފުލުހުންނާ ކުރިމަތިލާ ވީޑިއޯގެ ސްކްރީން ޝޮޓެއް --

އިއްޔެ ހުޅުމާޅޭގައި ހަމަނުޖެހުން ހިންގައިގެން ހައްޔަރުކުރި ބިދޭސީންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ބިދޭސީ މަސައްކަތްތެރިންގެ ބަޔަކަށް ލިބެން ޖެހޭ މުސާރަ ނުލިބޭ ކަމަށް ބުނެ، އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ހުޅުމާލޭގައި ކުރި އިހުތިޖާޖަކާ ގުޅިގެން އެ ސަރަހައްދަށް ދިޔަ ފުލުހުންނާ ދިމާއަށް ގާއުކައި ވަނީ ހަމަނުޖެހުން ހިންގައިފައެވެ.

އެ ހަމަނުޖެހުމުގައި ފުލުހުންގެ ބަޔަކަށް އަނިޔާވެ، ފުލުހުންގެ ވެހިކަލަކަށާއި އާންމު ރައްޔިތުންގެ މުދަލަށް ގެއްލުންވި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިއްޔެގެ ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި 41 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަސް ޖަހައިފައިވާ ކަމަށެވެ.

ހުޅުމާލޭގެ އިތުރުން ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުންދާ ބ. އަތޮޅުގެ ބޮޑު ފިނޮޅުގެ ރިސޯޓެއްގައިވެސް މުސާރަ ނުދޭ ކަމަށް ބުނެ ބިދޭސީންތަކެއް ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުންދީ އެތަނުގައި ތިބި ދިވެހީންތަކެއް ރަހީނުކޮށްފައިވެއެވެ. އެ މައްސަލަ ހައްލުކުރީވެސް ފުލުހުން އެރަށަށް ގޮސްގެންނެވެ.

އެ މައްސަލައިގައި ބޮޑުފިނޮޅުން ހައްޔަރުކުރި 19 ބިދޭސީއެއްގެ ބަންދަށް މިމަހުގެ ހަތަރު ވަނަ ދުވަހު ވަނީ 15 ދުވަސް ޖަހައިފައެވެ.

comment ކޮމެންޓް