އެއާޕޯޓްގެ ތައްޔާރީތައް ރައީސް ބައްލަވާލައްވައިފި

ރައީސް ސޯލިހް އެއާޕޯޓްގައި-

ކުރިއެކޭ އެއްގޮތަށް ބައިނަލްއަގުވާމީ ފްލައިޓްތައް އަލުން ރާއްޖެއަށް ފެށުމަށް ވަމުންދާ ތައްޔާރީތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްލަވާލައްވައިފިއެވެ.

އެގޮތުން ރައީސް ސޯލިހް މިއަދު ވަނީ އެއާޕޯޓްގެ އެކި ސަރަހައްދުތަކަށް ޒިޔާރަތްކުރައްވައި ބައްލަވާލައްވައިފައެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. އޭގެ ފަހުން ޒަރޫރީ ބޭނުމަށް ނުނީ އެއްވެސް ފްލައިޓެއް ބާއްވާފައެއް ނުވެއެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން އެޅި ފިޔަވަޅުތަކަށް ފަހު މާދަމާއިން ފެށިގެން ކޮމާޝިއަލް ފްލައިޓްތައް ފަށަން ވަނީ ނިންމައިފައެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނީ މާދަމާ ފުރަތަމަ ޖައްސާނީ ގަތަރު އެއާވޭސްގެ ފްލައިޓެއް ކަމަށެވެ.

އެމްއޭސީއެލް އިން އާންމުކޮށްފައިވާ ޝެޑިއުލްގައިވާގޮތުން މިހާތަނަށް 12 އެއާލައިނަކުން ވަނީ ރާއްޖެއަށް ދަތުރު ފަށަން ޝައުގުވެރިކަން ފާޅުކޮށްފައެވެ.

އެމިރޭޓްސް އިން ދަތުރުތައް ފަށަން ތާވަލުކޮށްފައިވަނީ ޖުލައި 16 އިން ފެށިގެންނެވެ. ދުބާއީއާއި މާލެއާ ދެމެދު ހަފްތާއަކު ފަސް ދުވަހު ފްލައިޓު ބާއްވަން ޝެޑިއުލްކޮށްފައިވާއިރު މި ދަތުރުތަކުގައި ބޭނުންކުރާނީ ބޮއިން777 މަރުކާގެ މަތިންދާ ބޯޓެވެ.

އިއްތިހާދު އެއާވޭސްގެ ދަތުރުތައް މިމަހުގެ 18 ގައި ފަށަން ތާވަލުކޮށްފައިވާއިރު އަބޫދާބީއާއި މާލެއާ ދެމެދު ހަފްތާއަކު ދެ ފްލައިޓު ބާއްވާނެއެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ އޭ320 މަރުކާގެ ބޯޓެވެ.

މީގެ އިތުރުން ދެން ރާއްޖެއަށް ދަތުރު ފަށަން ނިންމާފައިވާ އެއާލައިންތަކުގެ ތެރޭގައި، އޮގަސްޓުމަހުގެ ތެރޭ ދަތުރު ފަށަން ތާވަލުކޮށްފައިވާ ގަލްފް އެއާ، ބްރިޓިޝް އެއާވޭސް، ހޮންކޮންގް އެއާލައިންސް އަދި އިންޑިގޯގެ އިތުރުން ސިލްކް އެއާއާއި ސިންގަޕޯ އެއާލައިންސް އަދި ސްރީލަންކަން ހިމެނެއެވެ.

comment ކޮމެންޓް