ޒަމާނީ ޕޭމަންޓް ސިސްޓަމް ގާއިމްކުރެވޭނީ 2021އަށް: އެމްއެމްއޭ

އެމްއެމްއޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޒަމާނީ އިންސްޓެންޓް ޕޭމަންޓް ސިސްޓަމް ގާއިމް ކުރެވޭ ވަރު ވާނީ، އަންނަ އަހަރު ކުރީކޮޅު ކަމަށް ލަފާކުރެވޭ ކަމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފި އެވެ.

އެމްއެމްއޭއިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސިޓީއެއްގައި ވަނީ އެ އޮތޯރިޓީއިން ކުރިއަށް ގެންދާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވޮލޮޕްމަންޓް ޕްރޮޖެކްޓްގެ މަސައްކަތާއި އިންޓަނޭޝަނަލް ޕޭމަންޓް ގޭޓްވޭ ނުވަތަ ކްރޮސް ބޯޑާ އީކޮމާސްގެ ހިދުމަތް ރާއްޖެއަށް ފޯރުކޮށްދިނުމުގެ ގޮތުން މިހާރުކުރަމުންދާ މަސައްކަތުގެ ތަފްސީލް ހިއްސާކޮށްފަ އެވެ.

އެގޮތުން އެ ޕްރޮޖެކްޓްގެ ދަށުން އިންސްޓެންޓް ޕޭމަންޓް ގާއިމުކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ކުރީކޮޅު ފެށުމަށް ކުރިން ނިންމާފައިވާ ކަމަށްވެސްް ވަނީ ބުނެފަ އެވެ.

ކޮވިޑާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރުކުރުމަށާއި އެހެނިހެން ކަންކަމަށް އައި ހުރަސްތަކާއެކު އެ ޕްރޮޖެކްޓްގެ ތާވަލަށް ބަދަލު އަޔަސް އެ ޕްރޮޖެކްޓް ކުރިއަށް ގެންދާނެކަމަށް ވަނީ ބުނެފަ އެވެ.

" މިގޮތުން ސިސްޓަމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ މަސްތެރޭ ފެށުމަށް ތާވަލުކޮށްފައިވާއިރު 2021 ވަނަ އަހަރު ކުރީކޮޅު ސިސްޓަމް އޮޕަރޭޓްކުރުމަށް ފެށުމަށްޓަކައި ދަނީ މަސައްކަތް ކުރަމުންނެވެ،" އެމްއެމްއޭގެ ސިޓީގައިވެ އެވެ.

އެމްއެމްއޭއިން ބުނީ އިންޓަނޭޝަނަލް ޕޭމަންޓް ގޭޓްވޭ ނުވަތަ ކްރޮސް ބޯޑާ އީކޮމާސްގެ ހިދުމަތް ރާއްޖޭގައި ތައާރަފްކުރުމަށް މަގުފަހިވެފައި ނެތުމަކީ މިހާތަނަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އެނޫންވެސް ވިޔަފާރިތަކަށް އޮތް ބޮޑު ގޮންޖެހުން ކަމަށެވެ. އަދި ޕޭމަންޓް ސިސްޓަމް ގާއިމްކުރުމުން އެކަމަށް ހައްލު ލިބިގެންދާނެކަމަށް ވެސް ބުނެފައިވެ އެވެ.

އެ ޕްރޮޖެކްޓްގެ ދެވަނަ މަރުހަލާގެ ދަށުން ކްރޮސް ބޯޑާ ޓްރާންސެކްޝަންތައް ވެސް ރިއަލް ޓައިމްކޮށް ހިންގުމަށް މަގުފަހި ކުރުމަށްޓަކައި ރާއްޖޭގެ ގައުމީ ޕޭމަންޓް ސިސްޓަމާއި ދުނިޔޭގެ އެހެން ގައުމުތަކުގެ ނެޝެނަލް ޕޭމަންޓް ސިސްޓަމްތަކާއި އިންޓަގްރޭޓް ކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ދިވެހި ވިޔަފާރިވެރިން އީކޮމާސް ޕްލެޓްފޯމްތައް މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ފަރާތްތަކާއެކު ކުރާ ވިޔަފާރިން ލިބޭ އާމްދަނީ، އެ ފަރާތްތަކުން ރާއްޖޭގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް ޖަމާކުރުުމުގައި ދިމާވާ އުނދަގޫތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން އިތުރު މަސައްކަތްތަކެއް ކުރަމުންދާކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.

އެގޮތުން ޕޭޕަލްފަދަ ވަސީލަތްތައް މެދުވެރިކޮށް ވިޔަފާރިކުރައްވާ ފަރާތްތަކަށް ލިބޭ ފައިސާ، ސީދާ ރާއްޖޭގެ ބޭންކްތަކުގައި ހުޅުވާފައިވާ އެކައުންޓްތަކަށް ވަގުތުން ޖަމާކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށްޓަކައި އިންޓަނޭޝަނަލް ކާޑު އެސޯސިއޭޝަންތަކާއި ގުޅިގެން މަސައްކަތްކުރުމަށް ނިންމާފަިއވާކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.

comment ކޮމެންޓް