ޕީޖީ ޝަމީމްގެ ފާޑުކިޔުން އަދީބުގެ މައްސަލަ ބެއްލެވި ގާޒީއަށް

ޖުލައި 14، 2020: ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާގެ މައްސަލަ ކްރިމިނަލް ކޯޓުން ބާތިލުކުރަން އެ ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު ނިންމެވި ނިންމެވުމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ފާޑުވިދާޅުވެއްޖެ އެވެ.

ކުރީގެ ދައުވާތައް އަނބުރާ ގެންގޮސް، ފަހުން އަދީބުގެ މައްޗަށް ދައުލަތުން އުފުލީ، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ. އެ ދައުވާތަކަށް ޝަރީއަތުގައި އިއުތިރާފުވާން އަދީބު ވަނީ ފުލުހުންނާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއެކު އެއްބަސްވެފައެވެ.

އަދީބުގެ މައްސަލަތައް ބެއްލެވީ ގާޒީ އިސްމާއިލް ރަޝީދެވެ. އޭނާ ވަނީ އެ މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ދައުލަތުން އަދީބާއެކު ހެދި އިއުތިރާފު އެއްބަސްވުމާ ގުޅޭ ގިނަ ސުވާލުތަކެއްކޮށްފައެވެ. އަދި އެއަށް ފަހު އެއްބަސްވުމުގެ ސައްހަކަމާމެދު ގޮތެއް ނިންމަން މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ އިސްމާއީލް ރަޝީދު ނިންމެވީ އަދީބުގެ މައްޗަށް ހަތް ދައުވާވެސް ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އެކަމުގެ މައްޗަށް ރިއާޔަތްކޮށް އެ މައްސަލަތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލެއްވިއެވެ.

ހުރިހާ ދައުވާއެއް ބާތިލް، އަދީބު މިނިވަންވެއްޖެ

އެކަމާ ގުޅިގެން މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވައި ޕީޖީ ޝަމީމް ވިދާޅުވީ، އިއުތިރާފު އެއްބަސްވުންތަކުގެ މައްސަލަތައް ކުރިއަށްގެންދަން ޖެހޭ ގޮތް ގާނޫނުގައި ބަޔާންކޮށްފައި އޮންނަ އިރު މި މައްސަލައިގައި ގާޒީ އަމަލުކޮށްފައި ވަނީ އެގޮތަށް ނޫން ކަމަށެވެ. މައްސަލަ ބާތިލު ކުރީވެސް ކުރަން ޖެހޭ ގޮތަށް ނޫން ކަމަށް ވިދާޅުވިއެވެ.

މައްސަލަތައް ކޯޓުން ބޭރު ކުރިއިރު، އަދީބުގެ މައްސަލައިގައި ހެއްކާއެކު 700އަށް ވުރެ ގިނަ ޑޮކިއުމެންޓު ހުށަހަޅާފައިވާނެ ކަމަށާއި އެއީ ހަމަައެކަނި އިއުތުރާފި ބަޔާނެއްގެ މައްޗަށް ބިނާވާ މައްސަލައެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، ކްރިމިނަލް ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށެވެ. އަދި އަދީބަށް ރާއްޖެއިން ބޭރަށް ފުރިޔަ ނުދިނުމުގެ އަމުރެއް ހޯއްދަވަން ހުށަހަޅުއްވާނެ ކަމަށް ވެސް ޕީޖީ ވިދާޅުވިއެވެ. އޭގެ އިތުރުން، ގާޒީ އިސްމާއިލް ރަޝީދުގެ ނިންމެވުމަށް ފާޑުވިދާޅުވެ، އޭނާގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، ގާޒީގެ މަސައްކަތަކަށް ވާން ޖެހޭނީ ގާޒީގެ ކުރިމައްޗަށް ހުށަހެޅޭ މައުލޫމާތަށް ރިއާޔަތްކޮށް ގޮތެއް ނިންމެވުން ކަމަށެވެ. ނަމަވެސް، އަދީބުގެ މައްސަލައިގައި ދައުލަތުންވެސް ހުށަނާޅާ މައުލޫމާތުތައް ގާޒީ އިސްމާއިލް ރަޝީދު ހުކުމުގައި ބަޔާންކޮށްފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ. އެގޮތުން އަދީބު ހައްޔަރު ކުރެވުނު ދުވަހާއި ކުރެވުނު ތުހުމަތުތަކުގެ ވާހަކަ ފާހަގަކުރައްވާފައިވާކަން ޝަމީމް ފާހަގަކުރެއްވިއެވެ.

އެހެންކަމުން، އަދީބުގެ މައްސަލަ ގާޒީ ނިންމަވާފައި ވަނީ ގާޒީއަށް އަމިއްލައަށް ފެނިވަޑައިގަންނަވާ ކަންކަމަށް ބިނާކޮށް ޝަރީއަތް ކުރުމުގެ މަގުވެސް ބަންދުކޮށްފައި ކަމަށް ޝަމީމް ވިދާޅުވިއެވެ.

"މި ހުކުމް އައިސްފަ އިން ގޮތެއް ހަމަ ޖެހޭ ކަމަކަށް ގާނޫނީ ގޮތުން އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ،" ޝަމީމް ވިދާޅުވިއެވެ.

"މި މައްސަލައިގައިވެސް ހުރީ ވާހަކަ، ގާޒީއަށް ފެނިވަޑައިގަންނަވާ ކަންތައްތަކެއްގެ ވާހަކަ. އެ ބެކް ކުރާނެ އެއްވެސް ވާހަކައެއް ސަބްސްޓެންސެއް އޮތް ވާހަކައެއް ދައްކަވާފައެއް ނެތް. އަދީބު ނުދައްކަވާ ވާހަކައެއް ގާޒީއަށް ފެނިވަޑައިގެން މިހެންނޭ މިހެންނޭ ކިޔައިގެން ވާހަކަތަކެއް ހުރީ. ސަބްސްޓެންސެއް ނެތޭ. މިކަހަލަ ވާހަކަތަކަކީ ގާނޫނީ މީހުން ލިޔާ އިރުގައި ހަވާލާދީގެން ރެފަރެންސް ދީގެން [ދައްކާ ވާހަކަތަކެއް]،"

އޭޕްރީލް 30، 2018: ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އިސްމާއިލް ރަޝީދު އައްޔަން ކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަދީބު ކޯޓުގައި ވިދާޅުވެފައި ވަނީ އިއުތިރާފު އެއްބަސްވުމުގައި ސޮއި ކުރެއްވީ ބޭސްފަރުވާ ހޯއްދަވަން ކަމަށެވެ. މިއަދު ގާޒީ އިސްމާއިލް ރަޝީދު ނިންމެވީ، ބޭސްފަރުވާ ފޯރުކޮށްދިނުމަކީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުން ވަކި މީހަކު ޒިންމާ ނަގަން ޖެހޭ ކަމަކަށްވާއިރު، އެފަދަ ނިޒާމެއްގެ ތެރެއަށް ވަނުމަށް ޕީޖީއަށް ބާރު ލިބިގެން ނުވާ ކަމަށެވެ. އެހެންވެ، ބޭސްފަރުވާއަށް ފޮނުވަން ޝަރުތުކުރުމަކީ ޕީޖީ އޮފީހަށް ކުރެވޭނެ ކަމެއް ނޫންކަމަށް ގާޒީ ނިންމެވިއެވެ.

އެކަމާ ގުޅިގެން ޝަމީމް ވިދާޅުވީ، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ބަންދު ކުރެވިފައި ތިބި މީހުންގެ ކަންތައްތައް ބެލުމަކީ ޕީޖީގެ ޒިންމާއެއް ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި ބަންދުގައި ތިބޭ މީހުންގެ ބޭސްފަރުވާއާ ގުޅޭ ކަންކަން ހިމެނޭ ރިޕޯޓެއް ތައްޔާރުކޮށް މިދިޔަ މަހުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން، ކްރިމިނަލް ކޯޓުންވެސް ބަންދުގައި ތިބޭ މީހުންގެ ބޭސްފަރުވާގެ ކަންކަމާ ގުޅޭ މައުލޫމާތު ހޯދަން ޕީޖީ އޮފީހަށް ސިޓީ ފޮނުވާކަމަށް އޭނާ ވިދާޅުވިއެވެ.

"މި ގާޒީ ސޮއި ކުރައްވާފައި ފޮނުވާފައި ހުރި ސިޓީ މި އޮފީހުގައި އެބަ ހުއްޓޭ މިވެނި ގައިދީއެއްގެ ބޭސްފަރުވާގެ ކަންތައްތައް ދަނީ ކިހިނެއްތޯ ސާފުކޮށްފައި އަންގާށޭ ކިޔާފައި. އެކަމަކު މިއަދުގެ ހުކުމުގައި ވިދާޅުވީ، ބޭސްފަރުވާގެ ކަންކަމަކީ ޕީޖީއާ ބެހޭ ކަމެއް ނޫނޭ. އެހެންވީމަ ކީއްވޭ ޕީޖީ ކުރެން އައްސަވަނީ ބޭސްފަރުވާގެ ކަންތައް ބެހޭ ކަމެއް ނޫނީވިއްޔާ މިއޮތް ހުރިހާ ދުވަހު،" ޝަމީމް ވިދާޅުވިއެވެ.

ގައިދީންނަށް ބޭސްފަރުވާ ދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމު ކަމެއް ކަމަށްވާއިރު، ބޭސްފަރުވާ ދިނުމަށް ޝަރުތުކޮށް، އިއުތިރާފުވާން ނޭދެވޭނެ ކަމަށްވެސް ގާޒީ އިސްމާއިލް ރަޝީދުގެ ނިންމުމުގައިވެއެވެ. އެހެންކަމުން މި މައްސަލައިގައި ނަގާފައިވާ އަދީބުގެ އިއުތިރާފު ބަޔާންތަކަކީ މަޖުބޫރުން ނެގި ބަޔާންތަކެއްގެ ގޮތުގައި ބެލެވޭނެ ކަމަށްވެސް އޭނާ ނިންމަވާފައިވެއެވެ. ބޭސްފަރުވާއަށް ޝަރުތުކޮށްގެން ހޯދޭ އިއުތިރާފަކީ، ދިވެހިރާއްޖެ ބައިވެރިވާ މުއާހަދާތަކުގެ ދަށުން "ޓޯޗާ"ގެ އަމަލެއްގެ ގޮތުގައި ބެލެވޭނެ ކަމަށްވެސް ކްރިމިނަލް ކޯޓުގެ ނިންމުމުގައިވެއެވެ. އަދި އެންޓި ޓޯޗާގެ ގާނޫނުގެ 10 ވަނަ މާއްދާގައި ބުނާ ފަދަ ޓޯޗާގެ އަމަލެއް ކަމަށް ބެލެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މިކަމާ ގުޅޭގޮތުން ޝަމީމް ފާހަގަކުރެއްވީ ގާޒީ އިސްމާއިލް ރަޝީދު އެގޮތަށް ނިންމެވި އިރު އަދީބު އަމިއްލަފުޅަށް އޭނާއަށް މަޖުބޫރު ކުރި ކަމަކަށްވެސް ވިދާޅުނުވާ ކަމަށެވެ. އަދީބު އިއުތިރާފުވީ އެއްބަސްވުމުގެ ދަށުން ބޭސްފަރުވާވެސް ހޯދައިގެން ރާއްޖެ ވަޑައިގެންނެވި ފަހުންކަން ޝަމީމް ފާހަގަކުރެއްވިއެވެ.

"މަޖުބޫރުކަމެއް އޮތް ނަމަހީވެސް އޮންނާނީ ބޭސްފަރުވާގެ ކުރިންތާއޭ. ބޭސްފަރުވާ ލިބުނީމަ ދެން މަޖުބޫރު ކަމެއް ނެތް،" ޝަމީމް ވިދާޅުވިއެވެ.

އޭގެ އިތުރުން، ގާޒީ އިސްމާއިލް ރަޝީދުގެ ލިޔުން ނިންމާލައްވަމުން ބަޔާންކޮށްފައިވާ ހުކުމްގެ ބަޔަށްވެސް ޝަމީމް ފާޑުވިދާޅުވިއެވެ. ހުކުމެއް ކަމަށް ލިޔުއްވާފައި ވަނީ ތިން ފޮޅުވަތް ކަމަށާއި، އޭގައި އެއްވެސް މާއްދާއަކާ ހަވާލާ ދީފައި ނުވާ ކަމަށާއި، ދައުވާތައް ބާތިލު ކުރީ ކިހިނެއް ކަމެއްވެސް ބަޔާންކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒާއި ކުރީގެ ޕީޖީ އައިޝަތު ބިޝާމް ގާނޫނާ ހިލާފުވެފައިވާ ކަމަށް ގާޒީ އިސްމާއިލް ރަޝީދުގެ ހުކުމުގައިވެއެވެ. އެކަމާ ގުޅިގެން ޝަމީމް ވިދާޅުވީ، އޭސީޕީ ރިޔާޒު ގާނޫނާ ހިލާފުވެވަޑައިގަންނަވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި އެފަދަ ބޮޑެތި ތުހުމަތުތައް ގާޒީއަކު ކުރުމަކީ ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

"ވަރަށް ސީރިއަސް ވާހަކަތަކެއް މި ދެއްކެނީ ގައުމެއްގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްއާ ގުޅިގެން މިކަހަލަ ވާހަކަތަކެއް ޕްރޮސެކިއުޓާ ޖެނެރަލްއާ ބެހޭގޮތުން މިކަހަލަ ވާހަކަތަކެއް އެހެން ހަމަ ހުރެފަކާއެއް ދެއްކިގެން ނުވެސްވާނެ. މިއީކީ އެއްގޮތަކަށްވެސް ދެއްކިގެންވާނެ ވާހަކައެއް ނޫން. އެކަހަލަ ޝަކުވާއެއް އުޅެންޏާ ކަމާ ބެހޭ އިދާރާއަކަށް ހުށަހަޅާނީ. އެކަހަލަ ބޮޑެތި ތުހުމަތުތައް މީހުންގެ މައްޗަށް ކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އަމުދުން ގާޒީއެއްގެ މަގާމުގައި ހުންނަވައިގެން ކުރައްވަން ހެޔޮވާވަރުގެ ކަމެއް ނޫން،" ޝަމީމް ވިދާޅުވިއެވެ.

މިއަދު އަދީބުގެ މައްސަލަތައް ކޯޓުން ބޭރުކޮށްލުމާއެކު އޭނާ ވަނީ މިނިވަންވެފައެވެ. މީގެ ކުރިން، ފިސްތޯލައެއް ގެންގުޅުނު މައްސަލައިގައި 10 އަހަރުގެ ހުކުމަކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލައިގައި 15 އަހަރުގެ ޖަލު ހުކުމެެއް އަދީބަށް އިއްވިއެވެ. އެ ދެ ހުކުމްވެސް ޝަރީއަތުގެ ފަހު މަރުހަލާ ކަމަށްވާ ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ. މާބިންހުރާ މައްސަލައިގައިވެސް އަށް އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. އެ މައްސަލަވެސް ބާތިލުކުރީއެވެ. އޭގެ އިތުރުން ޓަބްބޯޓެއްގައި ފިއްލެވި މައްސަލައިގައި އޭނާއަށް ކުރި ތިން މަހާއި 18 މަސް ދުވަހުގެ ޖަލު ހުކުމްވެސް މިހާރު ވަނީ ތަންފީޒުކޮށް ނިމިފައެވެ.

ޝަމީމް މިއަދު އިތުރަށް ވިދާޅުވީ އަދީބުގެ މައްޗަށް 150އަށް ވުރެ ގިނަ ދައުވާކޮށް، 806 އަހަރަށް ޖަަލަށް ލެވޭ ވަރަށް ހެކި ހިމެނޭ ލިޔުންތައް ތައްޔާރުކޮށްފައި އެބަ ހުރި ކަމަށެވެ. އަދި އިއުތިރާފު އެއްބަސްވުން ދެމެހެއްޓުމާ މެދު ވަކި ގޮތެއް ނުނިންމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް