އަދީބު ފުރައިގެން ދިޔުން މަނާކުރަން އަމުރެއް ހޯދަނީ

އަދީބު ޝަރީއަތަށް ފަހު: ކޯޓުން ވަނީ އޭނާ ބަންދު ކުރެއްވެން ނެތް ކަމަށް ކަނޑައަޅާފައި --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ދައުވާތައް ބާތިލުކުރުމުން މިނިވަންވެފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ފުރައިގެން ދިޔުން ހުއްޓުވުމުގެ އަމުރަކަށް އެދޭނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް މިއަދު ކްރިމިނަލް ކޯޓުން ނިންމުމާއެކު އޭނާ ވަނީ މިނިވަންވެފަ އެވެ. ޕީޖީއިން ވަނީ މި މައްސަލަ އިސްތިއުނާފު ކުރުމަށް ނިންމަވާފަ އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައ "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ޕީޖީ ޝަމީމް ވިދާޅުވީ، އަދިބު ފުރުން މަނާ ކުރުުމުގެ އަމުރަށް އެދުމުގެ މަސައްކަތް މިހާރު އެ އޮފީހުން ކުރިއަށްދާ ކަމަށާއި ވަރަށް އަވަހަށް ކޯޓުގައި އެ އަމުރު ނެެރެދިނުމަށް ހުށަހަޅާނެ ކަމަށެވެ. އަދި އެ އަމުރު ކޯޓުން ނެރޭނެ ކަމުގެ ފުރިހަމަ ޔަގީންކަންވެސް އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުލުހުނަށް ދަންވާފައި ވަނީ ފުރުން މަނާ ކުރުމުގެ އަމުރެއް [ހޯދުމަށް]. މިއަދު އަޅުގަނޑުމެން އެޕީލް އެބަ ކުރަން [ކްރިމިނަލް ކޯޓުގެ ނިންމުން އިސްތިއުނަފު ކުރުމަށް]. އެޕީލް ކުރުމާ ގުޅިގެން ފުރުން މަނާ ކުރުމުގެ އަމުރަކަށް [އެދުމަށް] އެ ޕްރޮސެސް އެބަ ހިނގާ. އަޅުގަނޑު ހިތުން މާ ގިނަ އިރު ނުވެ އަޅުގަނޑުމެންނަށް އެ އަމުރު ލިބިގެންދާނެ،" ޕީޖީ ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މީގެ ކުރިންވެސް އަދީބަކީ ފިއްލަވާފާ ބޭފުޅެއް ކަމަށާއި ކުށުގެ ރިކޯޑުވެސް އޮތް މީހެއް ކަމަށެވެ. އެހެން ކަމުން ހައި ކޯޓުން މީގެ ކުރިން އެފަދަ މައްސަލައެއްގައި ނިންމާފައިވާ ނިންމުމަކަށް ރިއާޔަތްކޮށް އަދީބު ފުރުން މަނާ ކުރުމުގެ އަމުރެއް ނެރޭނެ ކަމަށް ދެކޭކަމަށް ޝަމީމް ވިދާޅުވި އެވެ.

އަދީބު ހައްޔަރުކޮށްފާނަންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޝަމީމް ވިދާޅުވީ، ހައްޔަރު ކުރަން ޖެހިއްޖެ ނަމަ، ހައްޔަރުކުރުމުގެ އަމުރަކަށް އެދުމަށްވެސް ފަހަތަކަށް ނުޖެހޭނެ ކަމަށެވެ.

ޝަމީމް މިއަދު ވަނީ ކްރިމިނަލް ކޯޓުން ނިންމި ނިމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާަފަ އެވެ.

comment ކޮމެންޓް