އައިޖީއެމްއެޗުން އަލަށް ތައާރަފްކުރި ނަރުހުންގެ ޔުނީފޯމާ އެކު ތިން މިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށް އައިޖީއެމްއެޗް އިން ބުނެފި އެވެ.
އައިޖީއެމްއެޗްއިން އަނެއްކާ ވެސް ޔުނީފޯމްގެ ޑިޒައިންއަށް އިއްޔެ ވަނީ ބަދަލުގެނެސްފަ އެވެ. އެގޮތުން ދެ އަހަރު ވަންދެން ބޭނުންކުރި ޔުނީފޯމްގެ ބަދަލުގައި ދެން ބޭޏުންކުރާނީ މުޅިން "ޕްލެއިން" ނޫ ޔުނީފޯމްއެކެވެ.
އައިޖީއެމްއެޗްއިން އަލަށް ތައާރަފްކުރި ނަރުހުންގެ ޔުނީފޯމާއެކު ކުރީގެ ޔުނީފޯމާމެދު ހުށަހަޅާފައިވާ މައްސަލަތައް ހައްލުވެ، ހަރަދު ކުޑަކުރެވޭނެ ކަމަށް ކުރީން ވެސް ވަނީ ބުނެފަ އެވެ.
އައިޖީއެމްއެޗް އިން މިއަދު ބުނެފައި ވަނީ މީގެ ކުރީން ޔުނިފޯމް ފަހަމުން ގެންދިޔައީ އައުޓްސޯސްކޮށްގެން ކަމަށްވުމުން އޭގެ ސަބަބުން ވަރަށް ބޮޑު ހަރަދެއް ވެފައިވާ ކަމަށެވެ.
އެހެންނަމަވެސް މި ފަހަރުގެ ޔުނިފޯމަކީ ރާއްޖެއިން ބޭރުން ފޮތި ގެނެސްގެން އަމިއްލައަށް ފަހާފައިވާ ޔުނިފޯމްތަކަށް ވުމުން ބޮޑު ހަރަދެއް ސަލާމަތްކުރެވޭނެ ކަމަށް އައިޖީއެމްއެޗް އިން ބުންޏެވެ. އެގޮތުން ނަރުހުންގެ ޔުނިފޯމަށް 2.8 މިލިއަން ރުފިޔާ ސަލާމަތްކުރެވުނު އިރު ސަޕޯޓް ސްޓާފުންގެ ޔުނިފޯމަށް ދެ ލައްކަ ރުފިޔާ ސަލާމަތްކުރެވިފައިވާ ކަމަށް ވެސް އައިޖީއެމްއެޗް އިން ފާހަގަކޮށްފައިވެ އެވެ.
މިދިޔަ އާދިއްތަ ދުވަހު ބޭނުންކުރަން ފަށާފައިވާ ޔުނިފޯމަކީ ނަރުހުންނާއި އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ މަޝްވަރާކުރުމަށް ފަހު ފަރުމާކޮށްފައިވާ ޔުނިފޯމް ކަމަށް އައިޖީއެމްއެޗް އިން ވަނީ ބުނެފަ އެވެ.
ޔުނީފޯމް ބަދަލުކުރި ސަބަބާ ގުޅޭ ގޮތުން އައިޖީއެމްއެޗްއިން ބުނީ ކުރީގެ ޔުނީފޯމް ބޭނުންކުރަން ފެށީއްސުރެ އެކި ބާވަތްތަކުގެ ޝަކުވާ ލިބެމުންދިޔަ ކަމަށެވެ.