އަދީބުގެ މައްސަލަތައް ބާތިލްކުރި ގޮތް ދެކޮޅެއް ނުޖެހޭ، އިސްތިއުނާފު ކުރާނަން: ޕީޖީ

ފެބްރުއަރީ 12، 2020: ޕީޖީ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ އުފުލާފައި ވަނީ ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށް ބުނެ، އެ ދައުވާތައް ބާތިލްކުރި ކުރުމާމެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށާއި، އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ފުލުހުންނާއި، އޭސީސީއާއި، އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ހިންގި ތަހުގީގުގެ މައްޗަށް ބިނާކޮށް، އަދީބުގެ މައްޗަށް އުފުލީ، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ. ދައުލަތާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އެ ހަތް މައްސަލައިގައިވެސްް އަދީބު ދައުވާއަށް އިއުތިރާފުވާނެ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލަތައް ނިމެންދެން އަދީބު ބަންދު ކުރަން މީގެ ކުރިން ކްރިމިނަލް ކޯޓުން ވަނީ ނިންމައިފައެވެ. ނަމަވެސް މި މައްސަލަތައް ބާތިލު ކުރުމަށް މިއަދު ނިންމި ނިންމުމާއެކު އޭނާ ވަނީ ބަންދުން މުޅިން މިނިވަންވެފައެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ މާދަމާ ނުވަތަ އަނެއް ދުވަހު އިސްތިއުނާފް މައްސަލައިގެ ލިޔުންތައް ހައިކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.

ޕީޖީ މިއަދު ވިދާޅުވީ ކްރިމިނަލް ކޯޓުގެ ހުކުމްގައި ހުރި ބައެއް ވާހަކަތައް ހަމަނުޖެހޭ ކަމަށާއި ކަންބޮޑުވާ ކަންތައްތަކެއް ވެސް ހުރި ކަމަށެވެ. އަދި ޕީޖީ ވަނީ މައްސަލަ ބެއްލެވި ގާޒީއަށް ވެސް ފާޑު ވިދާޅުވެފަ އެވެ.

ޕީޖީ ވިދާޅުވީ އަދީބު އެންމެ ފުރަތަމަ ހައްޔަރުކުރި އިރުގެ ލިޔުންތައް ޝަރީއަތަށް ހުށަހަޅާފައި ނުވާނެ ކަމަށެވެ. އެންމެ ފުރަތަމަ އަދީބު ހައްޔަރުކުރީ 26 އޮކްޓޫބަރު، 2015 ގައެވެ.

"މީން އެއްވެސް ލިޔުމެއް، ހައްޔަރުކުރި ދުވަހުގެ މައުލޫމާތެއް ވެސް، ހައްޔަރުކުރި ކުށުގެ މައުލޫމާތެއް ވެސް، ތުހުމަތު ކުރެވުނު ސަބަބެއް ވެސް، މި މައުލޫމާތު ތަކަކީ އަޅުގަނޑުމެން މި މައްސަލައިގައި ކްރިމިނަލް ކޯޓާ ހިއްސާކުރި މައުލޫމާތެއް ނޫން. ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ހުރި މައުލޫމާތެއް ނޫން. އެހެން ނަމަވެސް މި ހުކުމްގައި ވަރަށް ތަފްސީލްކުރި ހައްޔަރުުކުރި ދުވަހާ ހައްޔަރުކުރި ސަބަބާ ތުހުމަތު ކުރެވުނު ކަންތަކާ ހުރި. އަޅުގަނޑަކަށް ނޭނގޭ ފަނޑިޔާރު އެ އެއްޗެހި ހޯއްދެވީ ކޮންތާކުން ކަމެއް ވެސް،" ޕީޖީ ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ ފަނޑިޔާރު ރިއާޔަތްކުރަންޖެހޭނީ ކޯޓަށް ހުށަހެޅޭ ލިޔުންތަކަށާއި ކޯޓުގައި ދެ ފަރާތުން ދައްކާ ވާހަކަތަކަށް ކަމަށް ކަނޑައެޅިގެން ގާނޫނުގައި ލިޔެވިފައިވާ ކަމަށެވެ.

ޕީޖީ ވިދާޅުވީ މައްސަލައިގެ ހުކުމްގައި ދައުލަތުން ހުށަހަޅާފައި ނުވާ ލިޔުންތަކެއްގެ މައްޗަށާއި އަދީބު ވެސް ކޯޓުގައި ދައްކަވާފައި ނުވާ ވާހަކަތަކަށް ވެސް ގާޒީ ހަވާލާދެއްވާފައިވާ ކަމަށެވެ.

"އެހެންވީމަ މީ ކިހިނެތް ވީ ކަމެއް ކަަމެއް އަޅުގަނޑަކަށް، މި ހުކުމް އައިސްފައި އޮތް ގޮތެއް، ގާނޫނީގޮތުން ހަމަޖެހޭ ކަމަކަށް ގަބޫލެއް ނުކުރެވޭ،" ޕީޖީ ވިދާޅުވިއެވެ.

މީގެ އިތުރުން ބޭސްފަރުވާ ފޯރުކޮށްދިނުމަކީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުން ވަކި މީހަކު ޒިންމާ ނަގަން ޖެހޭ ކަމަކަށްވާއިރު، އެފަދަ ނިޒާމެއްގެ ތެރެއަށް ވަނުމަށް ޕީޖީއަށް ބާރު ލިބިގެން ނުވާ ކަމަށާއި ބޭސްފަރުވާއަށް ފޮނުވަން ޝަރުތުކުރުމަކީ ޕީޖީ އޮފީހަށް ކުރެވޭނެ ކަމެއް ނޫންކަމަށް ގާޒީ އިސްމާއިލް ރަޝީދު ކުރެއްވި ހުކުމްގައި ވިދާޅުވެފައި ވާތީ އެކަމަށް ވެސް ޕީޖީ ރައްދުދެއްވިއެވެ.

"ހަމަ އެ ގާޒީ، އެ ސެކްޝަނުން، އެ ކޯޓުން ތަކުރާރުކޮށް އެތައް ފަހަރު އަޅުގަނޑުމެންނަށް އަހާފައި އެބަހުރި މިވެނި ގައިދީއެއްގެ ބޭސްފަރުވާގެ ކަންކަން ކިހިނެތްހޭ ދަނީ. ލިޔުމުން އަހާފައި އެބަހުރި. އެ ކޯޓުގެ ހުރިހާ ސެކްޝަނަކުން ވެސް. އަދި މި ގާޒީ ވެސް. މި ގާޒީ ސޮއިކުރައްވާ ފޮޮނުއްވާފައި ހުރި ސިޓީ މި އޮފީހުގައި އެބަހުއްޓޭ މިވެނި ގައިދީއެއްގެ ބޭސްފަރުވާގެ ކަންކަން ދަނީ ކިހިނެތްތޯ ސާފުކޮށްފައި އަންގާށޭ ކިޔާފައި. ދެން މިއަދުގެ ހުުކުމްގައި ވިދާޅުވަނީ ބޭސްފަރުވާގެ ކަމަކީ ޕީޖީއާ ބެހޭ ކަމެއް ނޫނޭ. އެހެންވިއްޔާ ކީއްވެހޭ ޕީޖީ ކުރެން އައްސަވަނީ ބޭސްފަރުވާގެ ކަންކަން. މިއޮއް ހުރިހާ ދުވަހު. މިއަދުވެސް،" ޕީޖީ ސުވާލު އުފެއްދެވިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ގައިދީންނަށް ބޭސްފަރުވާ ދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމު ކަމެއް ކަމަށްވާއިރު، ބޭސްފަރުވާ ދިނުމަށް ޝަރުތުކޮށް، އިއުތިރާފުވާން ނޭދެވޭނެ ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ނަގާފައިވާ އަދީބުގެ އިއުތިރާފު ބަޔާންތަކަކީ މަޖުބޫރުން ނެގި ބަޔާންތަކެއްގެ ގޮތުގައި ބެލެވޭނެ ކަމަށް ނިންމެވުމުގައިވެއެވެ.

ޕީޖީ ވިދާޅުވީ އެއީވެސް ހަމަޖެހޭ ވާހަކައެއް ނޫން ކަމަށެވެ. މީގެ އިތުރުން މި ހުރިހާ ވާހަކަތަކެއް ގަޟިއްޔާ ނިންމި ގޮތުގެ ރިޕޯޓުގަައި ހުރި ނަމަވެސް، ހުކުމްގައި އެންމެ ތިންް ފޮޅުވަތް ލިޔުއްވާފައި ވާތީވެސް ވެސް ޕީޖީ ސުވާލު އުފެއްދެވިއެވެ.

"ހުކުމްގައި މި ހުކުމް ކުރެއްވި ސަބަބެއް ވެސް، ހަވާލާދެއްވި މާއްދާއެއް ވެސް، ބާތިލް ކުރެއްވީ ކިހިނެތް ކަމެއް ވެސް އެނގޭކަށް ނެތް،" ޕީޖީ ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ މައްސަލަ ބާތިލްކުރެއްވި އިރު، އެއްވެސް މާއްދާއަކާ ހަވާލާދެއްވާފައި ނުވާތީ މައްސަލަ ބާތިލްކުރި ހަމައެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގެ ތެރޭގައިވެސް އަދީބުގެ މައްޗަށް ގިނަ އަދަދެއްގެ ދައުވާތަކެއް ކުރި އެެވެ. ނަމަވެސް، އެއީ ސިޔާސީ ދައުވާތަކެއް ކަމަށް ބަލައި، މި އެ ހުރިހާ ދައުވާތައް އަނބުރާ ފޮނުވާލައި އަލުން ހަތް ދައުވާ ކުރީ އެވެ.

މީގެ ކުރިން، ފިސްތޯލައެއް ގެންގުޅުނު މައްސަލައިގައި 10 އަހަރުގެ ހުކުމަކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލައިގައި 15 އަހަރުގެ ޖަލު ހުކުމެެއް އަދީބަށް އިއްވިއެވެ. އެ ދެ ހުކުމްވެސް ޝަރީއަތުގެ ފަހު މަރުހަލާ ކަމަށްވާ ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ. މާބިންހުރާ މައްސަލައިގައިވެސް އަށް އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. އެ މައްސަލަވެސް ބާތިލުކުރީއެވެ. އޭގެ އިތުރުން ޓަގްބޯޓެއްގައި ފިއްލެވި މައްސަލައިގައި އޭނާއަށް ކުރި ތިން މަހާއި 18 މަސް ދުވަހުގެ ޖަލު ހުކުމްވެސް މިހާރު ވަނީ ތަންފީޒުކޮށް ނިމިފައެވެ. އެހެންކަމުން، އޭނާއަކީ މިހާރު މިނިވަނެކެވެ.

comment ކޮމެންޓް