ހުޅުދުއްފާރުން ކަރަންޓީނާ ހިލާފުވި މީހަކު ހައްޔަރުކޮށްފި

ރ. ހުޅުދުއްފާރު

މާލެއިން ރ. ހުޅުދުއްފާރަށް ގޮސްފައިވާ މީހަކު ކަރަންޓީނުގެ އުސޫލުތަކާ ހިލާފަށް ރަށުތެރޭގައި އުޅެމުންދާތީ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ޖޫން މަހުގެ 30 ވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަަށް ކަރަންޓީނުގައި ބެހެއްޓުމުން، ކަރަންޓީނުގެ އުސޫލުތަކާ ހިލާފަށް ތަކުރާރުކޮށް ގެއިން ބޭރަށް ނުކުމެ އުޅެމުންދާތީ ރަށު ކައުންސިލުން ތަކުރާރުކޮށް ނަސޭހަތްތެރިވެ އަދި ފުލުހުންވެސް ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އޭނާ އެކަމަށް އިޖާބަ ނުދިނުމުން ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ވަނީ ދީފަ އެވެ.

އުނގޫފާރު ޕޮލިސް ސްޓޭޝަނުން އެ މައްސަލަ ބަލަމުން އަންނަ އިރު، މި މަހުގެ 12 ވަނަ ދުވަހު އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

އެމީހާ ދިރިއުޅެމުންދާ ގޭގައި އިތުރު މީހެއް ނޫޅޭކަމަށާއި އަދި އެމީހާއާއި އިތުރު އެހެން މީހަކާއި ޑައިރެކްޓް ކޮންޓެކްޓްއެއްވެސް ނުވާ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.

ރ. ދުވާފަރުގައި ހޯމް ކަރަންޓީނުގައި ތިބި ތިން މީހަކުވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

އޭގެ އިތުރުން އއ. ތޮއްޑޫގައި ހޯމް ކަރަންޓީނުގައި ހުރި ކުޑަ ކުއްޖަކުވެސް ވަނީ މިދިޔަ ހަފްތާތެރޭގައި ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި ހދ. ނޮޅިވަރަމުގައި ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

comment ކޮމެންޓް