ރާއްޖޭގެ ހާރިޖީ ސިޔާސަތާ ގުޅޭ ގޮތުން ރައީސް ޝާހިދާ މަޝްވަރާ ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮރިން މިނިސްޓްރީގެެ ވެރިންނާ ބައްދަލު ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19 އަށްފަހު ސަރުކާރުގެ ހާރިޖީ ދާއިރާގެ ހިދުމަތްތައް ކުރިއަށް ގެންދިއުމުގައި އަމާޒުހިފާނެ ގޮތްތަކާއި މެދު މަޝްވަރާ ކުރެއްވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެމިނިސްޓްރީގެ އިސްވެރިންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާވެފައިވާ މައިގަނޑު ދެ އަސާސަކީ އިންސާނީ ހައްގުތައް ކުރިއެރުވުމާއި ތިމާވެށި ހިމާޔަތްކުރުންކަން ކަމަށެވެ. އެކަންކަމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ރައީސް މިއަދު ފާހަގަ ކުރެއްވި އެވެ.

ކޮވިޑް-19 އަށްފަހު ބޭރުގެ އެހީ ހޯދުމާއި ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ފުރުސަތުތައް ފަހިކުރުމަށް ހާރިޖިއްޔާގެ ދައުރުގެ މުހިންމުކަން ފާހަގަ ކުރައްވާ ރައީސް ވަނީ ދިވެހި ހާރިޖީ ހިދުމަތް ހަރުދަނާކޮށް ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ތަސައްވުރު ރަނގަޅުކުރުމަށް މިނިސްޓަރު އަބްދުﷲ ޝާހިދު ކޮށްދެއްވާ މަސައްކަތްޕުޅު ފާހަގަކުރައްވައި، މިނިސްޓަރަށާއި އެ މިނިސްޓްރީގައި މަސައްކަތް ކުރައްވާ އެންމެހައި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓްރީން ވަނީ، ކޮވިޑް-19 އަށްފަހު ރާއްޖޭގެ އެކި ދާއިރާތަކަށް ކުރިމަތިވި ދަތިތަކުން އަރައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ މިނިސްޓްރީ އާއި، މިނިސްޓްރީގެ ދަށުން ހިންގަވަމުން ގެންދަވާ ޑިޕްލޮމެޓިކް މިޝަންތަކުގެ ދައުރު ފުޅާކޮށް، މަސައްކަތްތަކުގެ އަމާޒުހިފިދާނެ ކަންތައްތަކާއި ބެހޭގޮތުން ރައީސް އާއި މައުލޫމާތު ހިއްސާ ކޮށްފަ އެވެ.

މި ގޮތުން، ހާރިޖީ ހިދުމަތްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު ރާއްޖެއަށް ބޭރުގެ އެހީ ހޯދުމާއި، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމާއި، ވިޔަފާރި ކުރިއެރުވުމާއި، އިންވެސްޓްމަންޓުގެ ފުރުސަތުތައް އިތުރު ކުރުމަށް އަމާޒުހިފައިގެން މަސައްކަތްތައް ކުރިއަށް ގެންދެވިދާނެ ގޮތްތައް އެ މިނިސްޓްރީން ހިއްސާ ކުރި އެވެ.

ކޮވިޑާ ގުޅިގެން ގިނަ ގައުމުތަކަކުން އަދި މާލީ އިދާރާތަކުން ރާއްޖެއަށް ވަނީ ލޯނާއި ހިލޭ އެހީ ދީފަ އެވެ.

comment ކޮމެންޓް