ލިޔުމުން ހުއްދަ ނުހޯދާ އެއްވުންތަކާއި ހިނގާލުން ނުބާއްވަން އަންގައިފި

ޖޫން 29، 2020: ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާގެ ތެރެއިން: ޖެންޑާ މިނިސްޓްރީ ކައިރިން ފެށި މުޒާހަރާ އަކީ، މިދިޔަ ހުކުރު ދުވަހު ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރުމަށް ފަހު އެމީހުން ބަންދުން ދޫކޮށްލުމާ ގުޅިގެން ކުރި މުޒާހަރާއެށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކާނިވާ ސަރަހައްދު ފިޔަވައި އެހެން އެއްވެސް ސަރަހައްދެއްގައި މުޒާހަރާތަކާއި އެއްވުންތައް ބޭއްވޭނީ ފުލުހުންގެ ފަރާތުން ލިޔުމުން ހުއްދަ ހޯދައިގެންކަން ހޯމް މިނިސްޓްރީން އަންގައިފި އެވެ.

އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނެސް، ފުލުހުންނަށް ކުރިން ނޯޓިސް ދިނުމަކާ ނުލައި އެއްވެ އުޅެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދަށް ކަމަށް ގާނޫނުގައި ލިޔުނީ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ޕީޕީއެމްގެ މެޖޯރިޓީގަ އެވެ. އެ އިސްލާހަށް އޭރުގެ އިދިކޮޅު، މިހާރު ސަރުކާރުގައި ތިބި އެމްޑީޕީ ޖުމްހޫރީ ޕާޓީ އަދި އަދާލަތުން ވެސް ވަރަށް ބޮޑަށް ފާޑުކިޔެވެ.

އެ އިސްލާހު އުވާލާނެކަމަށް ވެސް ވަނީ ވައުދުވެފަ އެވެ.

އެހެން ނަމަވެސް ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެއުޅުމުގެ ހައްގު ހަނިކޮށް، ގާނޫނަށް ގެނެސްފައި އިސްލާހުގެ މަތިން އަލުން ހަނދާން އާކޮށްދީފަ އެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނުގެ ދަށުން 31 އޯގަސްޓް 2016 ވަނަ ދުވަހު ހޯމް މިނިސްޓްރީން ކުރި އިއުލާނެއްގައި، ފުލުހުން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، ހެންވޭރު ކާނިވާ ސަރަހައްދުގައި ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

"ވީމާ މިކަން ހުރިހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ." އިއުލާނުގައިވެ އެވެ.

އެ އިސްލާހު އުވާލަން ސަރުކާރުން ވައުދުވި ނަމަވެސް، ވެރިކަން ބަދަލުވުމަށްފަހު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ އެ އިސްލާހު އުވާލައިފި ނަމަ މުޅި ނިޒާމަށް ބުރުއަރާނެ އެތައް ކަމެއް ކުރިމަތިވެދާނެ ކަމަށް ވިދާޅުވެފަ އެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ޕީޕީއެމްގެ ސަރުކާރުން އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނައި އިސްލާހު އޮތްގޮތަށް ބާއްވާފައި، އެއްވެ އުޅުމަށް އޭގެ ތެރެއިން ދެވެން އޮތް އެންމެ ފުޅާ ފުރުސަތެއް ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ހޯމް މިނިސްޓްރީން މިކަން އަލުން ހަނދާންކޮށްދީފައި ވާއިރު، ފަހަކަށް އައިސް މާލޭގެ އެކި ސަރަހައްދުތަކުގައި އަންނަނީ މުޒާހަރާތައް ބާއްވަމުންނެވެ. އެގޮތުން މަސައްކަތްތެރިންގެ ހައްގުގައާއި، އަންހެނުންނާ ކުޑަކުދިންނަށް ކުރާ އަނިޔާ ދެކޮޅަށް އަޑުއުފުލައި އަންނަނީ މުޒާހަރާތައް ބާއްވަމުންނެވެ.

މީގެ އިތުރުން ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ދިން ލުއިތަކާއެކު ކޭސްތައް އިތުރުވަމުންދާތީ، ކޮންމެހެން ބާއްވަން ޖެހިގެން ނޫނީ ބައްދަލުވުންތައް ނުބޭއްވުމަށާއި އެއްވުންތައް ނުބޭއްވުމަށް އެޗްޕީއޭ އިން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

comment ކޮމެންޓް