މިހާރު ދިރާގު ޓީވީއިން މިސްޓަ ބަޖާޖު ބަލައިލެވޭނެ

ސްޓާޕްލަސްގެ ބައެއް ޑްރާމާތައް --

ދިވެހިންގެ މެދުގައި ހިންދީ ޑްރާމާތަކާއި ފިލްމުތައް އަބަދުވެސް މަގުބޫލެވެ. ދުވަހުގެ ޝެޑިއުލް އިން ބަޔެއް ޑްރާމާ ބަލަން ހާއްސަ ކުރެވެނީ އެކަމަށް އޮންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުންނެވެ. ޝޯ ދައްކާ ގަޑިއާއި ރިޕީޓު ދައްކާ ގަޑީގައިވެސް އެންމެ ކަމުދާ ތަރިން އުޅޭ ޑްރާމާތައް ބަލަން ޓީވީތައް ދޮށުގައި ޖައްސާނެއެވެ.

ހިންދީ ޑްރާމާ އާއި ފިލްމަށް މަރުދޭ މީހުންނަށް ދިރާގުން ދިން ހަދިޔާ އަކީ ދިރާގު ޓީވީ މެދުވެރިކޮށް "ސްޓާ"ގެ ޗެނަލްތައް ބަލައިލުމުގެ ފުރުސަތެވެ. ދިރާގު ޓީވީ މެދުވެރިކޮށް ބާރަތު، ސްޓާ ޕްލަސް، ސްޓާ ޕްލަސް އެޗްޑީ، ސްޓާ ގޯލްޑް، ސްޓާ ވިޖޭ އަދި އޭޝިއާ ނެޓް ބަލާލެވޭނެއެވެ. ބޭސިކް ޕެކޭޖުގައި ހިމެނޭ މި ޗެނަލްތަކުގެ އިތުރުން "އެޑް އޮން ފަން" ގެ ގޮތުގައި ސްޓާ ބާރަތު އެޗްޑީ، ގޯލްޑް އެޗްޑީ އަދި ސްޓާ ޖަލްޝާ އެޗްޑީ ބަލާލެވޭނެއެވެ.

ސްޓާ ޕްލަސް އިން ދައްކާ ޑްރާމާތަކަކީ ދިވެހިންގެ މެދުގައި މަގުބޫލު ޑްރާމާތަކަކަށް ވާއިރު، ކޮވިޑް19އާ ގުޅިގެން ޑްރާމާތަކުގެ ޝޫޓިންތައް ހުއްޓި، މި ފަހުން ދައްކާފައިވަނީ ކުރިން އެ ޗެނަލް އިން ދައްކާފައި ހުރި ކުރީގެ ޑްރާމާތަކާއި އެޕިސޯޑުތަކެވެ. ދިރާގު ޓީވީ އަށް މިދިޔަ ހުކުރު ދުވަހު ސްޓާގެ ޗެނަލްތައް ތައާރަފު ކޮށްފައިވާއިރު، ސްޓާ ޕްލަސް އިން މިހާރު ވަނީ ރެއިން ފެށިގެން އެ މީހުންގެ ޑްރާމާތަކުގެ އާ އެޕިސޯޑުތައް ދައްކަން ފަށައިފައެވެ. ބައެއް ޑްރާމާތަކުގެ އާ އެޕިސޯޑުތައް މިރޭވެސް އޮންއެއާ ކުރާނެއެވެ.

މިއާއެކު ކަސޯޓީ ޒިންދަގީކީ، ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ، ހޭ ރިޝްތޭހޭ ޕިޔާރް ކޭ، އަދި ޔޭ ހޭ ޗާހަތޭންގެ އާ އެޕިސޯޑުތައް ދިރާގު ޓީވީ މެދުވެރިކޮށްވެސް ދެން ބަލާލެވޭނެއެވެ.

ކަސޯޓީގެއާ އެޕިސޯޑުތަކަށް އިންތިޒާރުކުރާ ގިނަ މީހުން މިހާރު އެންމެ ބޮޑަށް އިންތިޒާރު ކުރަނީ މިސްޓަރ ބަޖާޖުގެ ގޮތުގައި ކަރަން ޕަޓޭލް ޑްރާމާ އިން ފެންނާނެ އިރަކަށެވެ.

ސްޓާޕްލަސް އިން ވަނީ "އަނޫޕާމާ"ގެ ނަމުގައި އާ ޝޯއެއް ވެސް ދައްކަން ފަށައިފައެވެ.

ކޮވިޑްއާ ގުޅިގެން ސްޓާގެ ޑްރާމާތަކުގެ މަސައްކަތްތައް ހުއްޓި، ޑްރާމާތަކުގެ އާ އެޕިސޯޑުތައް އޮންއެއާ ނުކުރާތާ 100 އަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އަނެއްކާވެސް ސްޓާގެ ފޭނުންގެ ސިޓިން ރޫމުތަކަށް "ޑްރާމާ"ތައް ގެނެސްދޭން ފަށާފައިވާއިރު ސްޓާގެ ޗެނަލްތަކުން ދައްކާ ފިލްމުތައްވެސް ދިރާގު ޓީވީ އާއެކު ދެން ބަލާލެވޭނެއެވެ.

comment ކޮމެންޓް