ފްރާންސުން ސިއްހީ މަސައްކަތްތެރިންގެ މުސާރަ ބޮޑު ކުރަނީ

ފްރާންސުގައި ސިއްހީ މަސައްކަތްތެރިންގެ މުސާރަ ބޮޑު ކުރުމަށް ގޮވާލާ ވަނީ މުޒާހަރާކޮށްފަ -- ފޮޓޯ: ގެޓީ

ޕެރިސް (ޖުލައި 14): ފްރާންސުން ސިއްހީ މަސައްކަތްތެރިންގެ މުސާރަ ބޮޑު ކުރުމަށްޓަކައި ނުވަ ބިލިއަން ޑޮލަރު ދޭން އެއްބަސްވެއްޖެ އެވެ.

ފްރާންސުގެ ސަރުކާރުން އެފަދައިން ނިންމީ، ކޮރޯނާވައިރަސް ބަލިމަޑުކަމުގެ ތެރޭގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ މުސާރަ ބޮޑު ކުރުމަށް ގޮވާލާ އެގައުމުގައި މުޒާހަރާ ކުރި ފަހުންނެވެ. އަދި ސިއްހީ މަސައްކަތްތެރިންގެ މުސާރާ ބޮޑު ކުރުމާ ބެހޭ ގޮތުން ސަރުކާރާއި ވިޔަފާރި ޔޫނިއަންތަކާ ދެމެދު ހަތް ހަފްތާ ވަންދެން މަޝްވަރާ ކުރުމަށް ފަހުގަ އެވެ.

ފްރާންސުން ސިއްހީ މަސައްކަތްތެރިންނަށް ދޭން ހަމަޖެހިފައިވާ ފައިސާގެ 8.5 ބިލިއަން ޑޮލަރަކީ ނަރުހުންނާއި ބަލި މީހުންނަށް އަޅާލާ އެހެން ކެޔާވޯކަރުންނަށް ހާއްސަކޮށްފައިވާ ފައިސާ އެވެ. އޭގެ ސަބަބުން އެމީހުންގެ މަހު މުސާރަ އެވަރެޖުކޮށް 208 ޑޮލަރަށް އިތުރުވެގެން ދާނެ އެވެ.

މީގެ އިތުރުން ޕަބްލިކް ސެކްޓަރުގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ މުސާރަ އިތުރު ކުރުމަށް 510 މިލިއަން ޑޮލަރު ހާއްސަކޮށްފައިވެ އެވެ.

"މިއީ އަޅުގަނޑުމެންގެ ސިއްހީ ނިޒާމަށް ވަރަށް ތާރީހީ ވަގުތުކޮޅެއްކަން އެންމެންވެސް އެއްބަސްވާނެ. މިއީ މި ބަލިމަޑުކަމާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ މީހުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ކުރާނެ ކަންތައްތަކުގެ ތެރެއިން އެންމެ ފުރަތަމަ ކަންތައް،" ފްރާންސުގެ ބޮޑުވަޒީރު ޖޯ ކަސްޓެކްސް ވިދާޅުވި އެވެ.

ފްރާންސުގައި މިހާތަނަށް 209،000އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 30,032 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް