މެމްބަރުން ގަޑި ޖެހޭނަމަ މުސާރައިން ކަނޑަން މަޖިލިސް ރައީސް ހުށަހަޅުއްވައިފި

ޖޫން 1، 2020: 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 1 ވަނަ ޖަލްސާ -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މުސާރަ ދިނުމުގައި، މެމްބަރުން މަސައްކަތަށް ނުކުންނަވާ ގަޑިއަށް ބަލާގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައިދެއްވަމުން ރިޔާސަތުން އަންގަވާ އެންގުމެއްގެ ގޮތުގައި މަޖިލިސް ރައީސް ވިދާޅުވީ މަޖިލީހުގެ ގަވާއިދަށް ކުޑަ ބަދަލެއް ގެނެސްދެއްވުމަށް ގަވާއިދު ކޮމެޓީގައި އެދިވަޑައިގެންފައިިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ފަށާ ގަޑިއަކީ ހެނދުނު 8:30 އެވެ. އަދި މަޖިލީހުގެ ޖަލްސާ ފަށާ ގަޑިއަކީ 9:00 އެވެ.

މަޖިލިސް ރައީސް ވިދާޅުވީ ގަވާއިދު އިސްލާހުކުރަން ހުށަހެޅުއްވީ މެމްބަރުން މަޖިލީހަށް ވަޑައިގެން ހާޒިރީގައި ކުރައްވާ ސޮއިއާއި ޖެހިގެން ކޮލަމެއް އިތުރުކޮށް، މެމްބަރުން ހާޒިރުވެވަޑައިގެންނެވި ގަޑި ޖަހަން ޖެހޭ ގޮތަށް ހަމަޖެއްސުމަށް ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި ހާޒިރުވާ ގަޑިއާ މުސާރައާ ގުޅުން އޮންނާނެ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ ޖަލްސާ ބާއްވާ ދުވަސްތަކާ، ޖަލްސާ ބާއްވާ ގަޑިތަކާ، އެޖެންޑާ އައިޓަމްތައް، މަޖިލީހުގެ ގަވާއިދުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

"މިތަނުގައި އަޅުގަނޑު ދެކޭގޮތުގައި އެމިންވަރަށް އިއްޒަތްތެރި މެމްބަރުން މިތަނަށް ހާޒިރުވަޑައިގަތުމަކީ ތިޔަ އިއްޒަތްތެރި މެމްބަރުން ހުވާކުރައްވައިގެން ތިއްބެވި ކަމެއް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

ރައްޔިންތުންގެ މަޖިލީހުގެ މެމްބަރެއްގެ މުސާރައަކީ މަހަކު 42،500 ރުފިޔާއެވެ. މުސާރައިގެ އިތުރަށް މެމްބަރުންނަށް 40،000 ރުފިޔާއާ ހަމައަށް އެލަވަންސްވެސް ލިބެއެވެ. އެއީ 20،000 ރުފިޔާގެ ލިވިންގް އެލަވަންސާއި ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާއެވެ. އޭގެ ތެރެއިން ކޮމިޓީ އެލަވަންސަކީ މެމްބަރުގެ ކޮމިޓީ ހާޒިރީއަށް ބަލާފައި ދޭ އެލަވަންސެކެވެ.

ކޮވިޑް19 އާ ގުޅިގެން މަޖިލިސް މެމްބަރުންގެ މުސާރައިން 30 ޕަސެންޓު ވަނީ އުނިކޮށްފައެވެ. މިހާރު މަޖިލިސް މެމްބަރުންނަށް މުސާރައިގެ ގޮތުގަައި ލިބިވަޑައިގަންނަވަނީ 69،750 ރުފިޔާއެވެ.

comment ކޮމެންޓް