ވާޗުއަލް ލާނިން އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް ނިންމާލައިފި

ދެ ދުހަށް ކުރިއަށް ގެންދިޔަ ވާޗުއަލް ލާނިން އެންޑް ޑިވެލޮޕްމެންޓް ކޮންފަރެންސްގެ ތެރެއިން --- ފޮޓޯ : މާްޕް

ރާއްޖޭގައި ބޭއްވި ފުރަތަމަ ވާޗުއަލް ލާނިން އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އިން ބުނީ އެ ކޮންފަރެންސް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އަދި މިދިޔަ އާދިއްތަ ދުވަހުގައި ކަމަށެވެ.

ރާއްޖޭގައި ފުރަތަމަ ބޭއްވި ލާނިން އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް މިދިޔަ އަހަރު ކާމިޔާބުކަމާއެކު ބާއްވާފައިވާއިރު ކޮންފަރެންސްގައި ސްމާޓް އެންޑް ކްރިއޭޓިވް ލާނިން އެންޑް ޑިވެލޮޕްމަންޓް ސްޓްރެޓެޖީސް ތަކާއި ޓެކްނީކްސްތައް އަދި ޗެލެންޖު ތަކާ ގުޅޭގޮތުން ވަނީ މައުލޫމާތު ދީފައެވެ.

މިއަހަރު ބޭއްވި ވާޗުއަލް ކޮންފަރެންސްގެ ތީމް އަކީ "ކްރިއޭޓިން އަ ވެލިއު ޑްރިވެން ލާނިން ކަލްޗާ" އެވެ. އެ ތީމްގެ ދަށުން ރާއްޖޭގެ އިތުރުން ދެކުނު އެފްރިކާ އާއީ ސިންގަޕޫރު އަދި އިނގިރޭސިވިލާތުން ޖުމްލަ 20 ފަރާތަކު ވަނީ ޝެޝަންތައް ނަގައިދީފައެވެ.

އެ ކޮންފަރެންސްގެ ކީ ނޯޓް ސްޕީކަރެއްގެ ގޮތުގައި ބައިވެރިވެފައިވަނީ މަޝްހޫރު ކަސްޓަމާ ސާވިސް "ގުރޫ" ރޮން ކޮޕްމަން އެވެ.

މިއަހަރުގެ ކޮންފަރެންސްގައި 150 އަށްވުރެ ގިނަ މީހުން ބައިވެރި ވެފައިވެއެވެ.

މާޕްގެ ރައީސް ހުސައިން އަފީފް ވިދާޅުވީ ވާޗުއަލްކޮށް ވާޗުއަލްކޮށް ކޮންފަރެންސް ކުރިއަށް ދިޔަ ނަމަވެސް ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެން ދިޔަ ކަމަށާއި އެކަމާ ހިތްހަމަ ޖެހޭ ކަމަށެވެ.

އަދި ކުރިއަށް އޮތްތަނުގައިވެސް އެފަދަ ގިނަ ކޮންފަރެންސްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އަފީފް ފާހަގަކުރެއްވިއެވެ.

މުޅި ކޮންފަރެންސް އަކީ ފްރީ އިވެންޓެއް ކަމަށާއި މިއީ ލާނިން އެންޑް ޑިވެލޮޕްމަންޓް ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ރަނުގެ ފުރުސަތެއް ކަމަށް އަފީފް ވަނީ ކުރީން ވިދާޅުވެފައެވެ.

comment ކޮމެންޓް