އީވާގެ އިންޒާރު ޑރ. އިޔާޒަށް: ހަބަރުދާރު! ދީނުގެ ނަމުގައި ފުރައްސާރަ ކުރަން ޖާގައެއް ނުދޭނަން

މަޖިލީހުގެ ގެލަރީ -- ފޮޓޯ/ މަޖިލިސް

ޖިންސީ ގޯނާ ލިބެނީ އަންހެނުން އަޅާ ހެދުމުގެ ސަބަބުން ކަމަށް ދޭހަވާ އިބާރާތަކުން ޑރ. މުހައްމަދު އިޔާޒް ކުރެއްވި ޓުވީޓަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، އީވާ އަބްދުﷲ ވަރުގަދަ ބަހުގެ ހަމަލާތަކެއް ރައްދުކުރައްވައިފި އެވެ.

ޖިންސީ ކުށުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު އީވާ ވިދާޅުވީ ޑރ. އިޔާޒް ކުރެއްވި ޓުވީޓުގެ ވާހަކަ ވަރަށް ގިނަ އަންހެނުން، އީވާއާ ހިއްސާކުރައްވާފައިިވާ ކަމަށެވެ.

"ޓުވިޓާ ހޭންޑަލްގެ ކުރިއަށް ޑޮކްޓަރު ޖަހާލާފައި، ޓީވީއަށް އަރާ އިނދެ ޝެއިޚް ކިޔާލާފައި މި ލިޔެލަނީ އަންހެން މީހާ އައުރަ ނިވާ ވީމާ ޖިންސީ އަނިޔާއެއް ނުހިނގާނޭ. މިހެން މި ލިޔެލަނީ. މީ މުޑުދާރު ވާހަކައެއް. މީ މުޑުދާރު ވާހަކައެއް،" އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ޖިންސީ އަނިޔާ ކުރާ މީހުން ކުށުން ބަރީއަކޮށް، އަނިޔާ ލިބެނީ އަންހެން މީހާ އަޅައިގެން ހުންނަ ހެދުމުގެ ސަބަބުން ނުވަތަ ދިޔަ ތަނެއްގެ ސަބަބުން ކަމަށް ބުނުމަކީ ގައުމުގައި ޖިންސީ އަނިޔާއަށް ކަނޑައެޅިގެން ހިތްވަރު ދިނުން ކަމަށެވެ.

ޝެއިޚުން ކަމަށް ބުނާ ބޭފުޅުން މިފަދަ ވާހަކަ ދެއްކުމަކީ އިސްލާމް ދީނަށާއި، ދީން ދަންނަ ބޭކަލުންނަށް ހުތުރު އެރުވުން ކަމަށް ވެސް އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ އިސްލާމް ދީނަކީ އަންހެނުންނަށް އިހްތިރާމް ކުރަން ގޮވާލައި، އަންހެނުން ބާރުވެރިކޮށް މުދާވެރި ކުރަން ގޮވާލައި، އޯގާތެރިކަމާއެކު އަންހެނުންނަށް އަޅާލަން ގޮވާލައި، އަންހެނުންގެ ހިމާޔަތުގައި އޮތް ދީން ކަމަށެވެ.

އެހެންކަމުން އެފަދަ ވާހަކަތައް ދެއްކުމަކީ އިސްލާމް ދީން ބޭނުންކޮށްގެން އުންމަތުގެ ހުރިހާ އަންހެނުންނަށް ފުރައްސާރަކުރުން ކަމަށް މެމްބަރު ވިދާޅުވި އެވެ.

"އަޅުގަނޑު ތި ޑރ. މުހައްމަދު އިޔާޒަށް ދަންނަވާލަން ބޭނުން ހަބަރުުދާރޭ! ހުއްޓާލާށޭ. ފަހަތަށް ޖެހޭށޭ. އަޅުގަނޑު ދަންނަވާލަން ބޭނުމީ ދީނުގެ ނަމުގައި ދިވެހި އަންހެނުންނަށް ފުރައްސާރަ ކުރާކަށް ތި ޓުވިޓާ ހޭންޑަލް ބޭނުން ކުރިއްޔާ މި މައިކް، ގަލޮޅު އުތުރުގެ މި މައިކް އަޅުގަނޑުގެ އަތުގައި އޮތްހާ ހިނދަކު އަޅުގަނޑު މި ދަންނަވަނީ، އަޅުގަނޑު އިރާދަކުރެއްވިއްޔާ ދިވެހި އަންހެނުންގެ ހިމާޔަތުގައި، އެ ކުރާ ފަޟީހަތް ކުރަން، އެ ކުރާ ގޯނާ ކުރަން ދިޔަކަ ނުދޭނަމޭ. އަޅުގަނޑު މި މައިކް އިރާދަކުރެއްވިއްޔާ އޭނާއާ ދެކޮޅަށް ބޭނުންކުރާނަމޭ،" އީވާ ވިދާޅުވިއެވެ.

އީވާ ވަނީ އަހަރު ނުފުރޭ ތުއްތު ކުއްޖާ ރޭޕްކުރަނީ، އަދި ބައްޕައިން އަމިއްލަ ދަރިން ރޭޕްކުރަނީ އެކުދިން ކޮން ހެދުމެއް ލައިގެން ތިބޭތީތޯ ސުވާލު އުފައްދަވައިފަ އެވެ.

އެހެންކަމުން މިއީ ވަހުޝީ ވާހަކަ ދައްކައިގެން މުޖުތަމައު ތެރޭގައި އަނިޔާވެރިކަން އިތުރުކޮށް، އަންހެނުންނަށް އޮތް ގަދަރު ކުޑަ ކުރަން ދައްކާ ވާހަކަ ކަމަށް އީވާ ވިދާޅުވިއެވެ.

"އަޅުގަނޑު ތި ޑރ. މުހައްމަދު އިޔާޒަށާ އަދި އެމޭރުމުން ޝެއިޚް ނަން ޖަހައިގެން އެ ވާހަކަދައްކާ އެންމެނަށާ، ނޫސްތަކުގައި މި މޭރުމުން ވާހަކަދައްކާ އެންމެނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ދައްކާނެ ވާހަކަ ނޭނގެންޏާ ވާހަކަ ނުދައްކާ ތިބޭށެ. ތި ދައްކާ ވާހަކައެއް ކަލޭމެންނަކަށް ނޭނގެއޭ،" އީވާ ވިދާޅުވި އެވެ.

"އިސްލާމްދީނަކީ އަންހެނުން ފުރަތަމަ މުދާވެރި ކުރުވި ދީން. އިސްލާމް ދީނަކީ މަންމާގެ ނަން ތިން ފަހަރަށް އައިސް ބައްޕަގެ ނަން އަންނާނީ ވެސް. އެހެންވީމަ އަޅުގަނޑުމެންނަށް ގަދަރުކުރަން، އަޅުގަނޑުމެންނަށް އިހްތިރާމްކުރަން މި ގޮވާލި ދީނުގެ ނަމުގައި ޝެއިޚް ކިޔައިގެން ދިވެހި އަންހެނުން ފުރައްސާރަކުރާތަން ބަލާކަށް އަޅުގަނޑޫމެން ނުތިބޭނަން،"

އީވާ ވިދާޅުވީ އެފަދަ ވާހަކަދައްކާ މީހުން އެކުރަނީ ކަނޑައެޅިގެން ކުށެއް ކަމަށާއި ފާހިޝް ކަންކަމަށް މަގުފަހިވާ ދޮރުތައް ބަންދުކުރަން ޑރ. އިޔާޒް ގޮވާލައްވާނަމަ އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އިޔާޒް ފަދަ ބޭފުޅުން ވާހަކަ ދެއްކިޔަ ދިނުން ހުއްޓާލުން ކަމަށެވެ.

"މި މޭރުމުން ވާހަކަ ދެއްކިޔަ ދިނުން ހުއްޓުވާލަންވީ. މީކީއެއް އެއްވެސް ހާލެއްގައި އިސްލާމް ދީނަށް ބާރުއަޅަނީކީއެއް ނޫން. މީ އެއްވެސް ހާލެއްގައި ފްރީޑަމް އޮފް ސްޕީޗެއް ވެސް ނޫން. މި މޭރުމަކުން އަޅުގަނޑުމެން ދިވެހި އަންހެނުނަނަކާ ބެހެމަކުން ނުދެވޭނެ،" އީވާ ވިދާޅުވި އެވެ.

comment ކޮމެންޓް