ޗައިނާއިން އެމެރިކާގެ ބައެއް މަސްއޫލުވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފި

ބެއިޖިން (ޖުލައި 14) : ޗައިނާއިން އެމެރިކާގެ އިސް ހަތަރު މަސްއޫލުވެރިއަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.

މި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ އެ ހަތަރު މަސްއޫލުވެރިން ޗައިނާއަށް ވަނުމުގެ ވިސާ ނުދިނުމާއި ޗައިނާގައިވާ އެބޭފުޅުންގެ އެސެޓްތައް ހިފެހެއްޓުމާއި ޗައިނާގެ ބޭންކްތަކުގައިވާ އެބޭފުޅުންގެ އެކައުންޓްތައް ފްރީޒް ކުރުމުގެ އިތުރުން ޗައިނާގެ މާލީ ނިޒާމުގެ ތެރެއިން އެއްވެސް މުއާމަލާތެއް ކުރުން އެބޭފުޅުންނަށް މަނާކުރުމެވެ.

މިއީ އެމެރިކާއިން ޗައިނާގެ ބައެއް މަސްއޫލުވެރިންނާ ދެކޮޅަށް ދާދިފަހުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން އެޅި ފިޔަވަޅުތަކެއްކަމަށް ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ. ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ހުވާޝުނިންގް ވިދާޅުވީ ޗައިނާއިން ފިޔަވަޅުއެޅީ އެމެރިކާގެ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުންކަމަށާ އިތުރަށް މައްސަލަ ހޫނުކުރުމުގެ ބޭނުމުގައި ނޫންކަމުގައެވެ.

ޗައިނާއިން ދަތިކުރުމުގެ ފިޔަވަޅުތައް އެޅި އެމެރިކާގެ މަސްއޫލުވެރިންގެ ތެރޭގައި ހިމެނެނީ އެމެރިކާ ސަރުކާރުގެ އިސް މަސްއޫލުވެރިއެއް ކަމަށްވާ ސާމް ބްރަވްން ބާކް އާއި ކޮންގްރެސް ގެ ތިން މެންބަރުންނެވެ.

އެމެރިކާއިން ޗައިނާގެ ބައެއް މަސްއޫލުވެރިންނާ ދެކޮޅަށް މީގެ ދެހަފްތާއެއްހާ ދުވަސްކުރިން ދަތިކުރުމުގެ ފިޔަވަޅުއެޅީ ޗައިނާގެ ވީގޫރު ސަރަހައްދުގެ މުސްލިމުންގެ އިންސާނީ ހައްގުތަކަށް ޗައިނާ ސަރުކާރުން އަރައިގަންނަ މައްސަލާގައި މުސްލިމުންގެ ދިފާއުގައި ކަމަށް ބުނެފައެވެ.

އެމެރިކާއަކީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އިސްލާމީ އެތަށް ގައުމަކަށް ހަމަލާދީ މުސްލިމުންގެ އެތަށް ބަޔަކު މަރައި މުސްލިމް އެތަށް އާއިލާއެއް ފަނާކުރުމުގެ ބޮޑެތި ޖަރީމާތަކެއް ހިންގާ ގައުމަކަށްވާއިރު ޗައިނާގެ ވީގޫރު މުސްލިމުންގެ ދިފާއުގައި ކަމަށްބުނެ އެމެރިކާއިން ޗައިނާގެ ބައެއް މަސްއޫލުވެރިންނާ ދެކޮޅަށް ފިޔަވަޅުއެޅުމަކީ ޖޯކެއްކަމަށް ޗައިނާގެ ރަސްމީ މިޑިއާ ބުނެއެވެ.

އެމެރިކާ ދާދިފަހުންވަނީ ހޮންގްކޮންގްގައި ޗައިނާ ތަންފީޒު ކުރަންފެށި އަމަނާބެހޭ ގާނޫނާ ގުޅިގެންވެސް ޗައިނާގެ ތިން މަސްއޫލުވެރިއަކާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. އެ ފިޔަވަޅުތަކަށް ވެސް ރައްދު ދޭނެކަމުގެ އިންޒާރު ޗައިނާގެ މަސްއޫލުވެރިން ވަނީ ދެއްވާފަ އެވެ.

ހޮންގްކޮންގްގައި ދާދުފަހުން ޗައިނާ ތަންފީޒު ކުރަންފެށި އަމަނާބެހޭ ގާނޫނަކީ ހޮންގްކޮންގް ގައި އޮތް އިނގިރޭސި އިސްތިއުމާރީ ވެރިކަން ނިމުމަކަށް ގެނަސް ހޮންގްކޮންގް ޗައިނާއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ޗައިނާއާއެކު ސޮއިކޮށްފައިވާ އެއްބަސްވުމާ ޚިލާފު އަމަލެއްކަމަށް ބުނެ އެމެރިކާއާއި އިނގިރޭސިވިލާތްވަނީ އެކަމާގުޅިގެން ޗައިނާ އަށް ފާޑުކިޔައި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ދީފައެވެ. ހޮންކޮންގްގައި އޮންނަ މިނިވަންކަމަށް، އެ ގާނޫނު ތަންފީޒު ކުރަންފެށުމާ ގުޅިގެން ބޮޑެތި ހުރަސްތަކެއް އެޅިފައިވާކަމަށް އެމެރިކާއާއި އިނގިރޭސިވިލާތުން ބުނެއެވެ.

ނަމަވެސް ޗައިނާ ބުނަނީ އަމަނާބެހޭ ގާނޫނު ތަންފީޒުކުރަންޖެހުނީ ބޭރުގެ މަދަދު ލިބިގެން ހޮންގްކޮންގްގައި ހިންގާ ވަކިވެގަތުމުގެ ހަރަކާތްތަކާއި ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމުގެ މަގްސަދުގައި ކަމުގައެވެ. މިމައްސަލާގައި ހޮންގްކޮންގް އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު އެމެރިކާ އެތަށްފަހަރަކު ދީފައިވެއެވެ. ނަމަވެސް ހޮންގްކޮންގައި އެމެރިކާއާއި އިނގިރޭސިވިލާތުގެ އިންވެސްޓްމަންޓްތައް ބޮޑުކަމުން އެސަރަހައްދާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅެއް އެޅުމަކީ ޗައިނާއަށްވުރެ ބޮޑަށް އެމެރިކާއާއި އިނގިރޭސި ކުންފުނިތަކަށް ވިޔަފާރީގެ ގެއްލުންވާނެކަމެއް ކަމަށްވާތީ އެފަދަ ފިޔަވަޅުތަކެއް އަޅަން އެދެގައުމަށް ނުކެރޭނެކަމަށް މާލީ ރިޕޯޓްތައް ބުނެއެވެ.

ހޮންގްކޮންގްގައި ހިންގާ ވަކިވެގަތުމުގެ ހަރަކާތްތަކުގެ ފަހަތުގައިވާ ބޭރުގެ ބާރުތަކަކީ އެމެރިކާއާއި އިނގިރޭސިވިލާތް ކަން ނުސީދާ ގޮތެއްގައި ދޭހަވާގޮތަކަށް ޗައިނާގެ މަސްއޫލުވެރިންވަނީ ވާހަކަ ދައްކަވާފައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު