ބިދޭސިންގެ މުޒާހަރާތަކާ ގުޅިގެން ކަމާބެހޭ ފަރާތްތަކާ ރައީސް މަޝްވަރާ ކުރައްވައިފި

25 މާޗް 2020: ރައީސް ސޯލިހު ނޫސްވެރިންގެ ބައްދަލުވުމެއްގައި -- ފޮޓޯ/ ރައީސް އޮފީސް

ފާއިތުވި ދުވަސްތަކުގައި ރާއްޖޭގައި މަސައްކަތް ކުރާ ބައެއް ބިދޭސިން ބާއްވަމުންދާ މުޒާހަރާތަކާއި ހަމަނުޖެހުންތަކާ ގުޅިގެން ކަމާބެހޭ ފަރާތްތަކާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރާއްޖޭގައި މަސައްކަތް ކުރާ ބައެއް ބިދޭސީން ބާއްވަމުންދާ މުޒާހަރާތަކާއި ހިންގަމުންދާ ހަމަނުޖެހުންތައް އިތުރުވުމާ ގުޅިގެން، ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (އެންއެސްސީ) އާއި، ކަމާގުޅޭ ދާއިރާތަކުގެ އިސްފަރާތްތަކާއި ރައީސް ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

އެގޮތުން މިހާރަކަށް އައިސް ރާއްޖޭގައި މަސައްކަތްކުރާ ބައެއް ބިދޭސީން އެއްވުންތައް ބާއްވައި ހަމަނުޖެހުން ހިންގައި ރާއްޖޭގެ ސަލާމަތީ ހިދުމަތްދޭ ފަރާތްތަކާ ކުރިމަތިލައި، އާންމު ރައްޔިތުންނާ ދައުލަތުގެ މުދަލަށް ގެއްލުން ލިބޭ ގޮތަށް ހިންގަމުންދާ އަމަލުތަކަކީ ދިވެހިރާއްޖޭގެ ދާހިލީ އަމްނާއި، ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ބައްދަލުވުމުގެ ބައިވެރިން ވަނީ ރައީސްއަށް ލަފާ އަރުވައިފައެވެ.

ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށާއި، އެއްވެސް ފަރާތަކަށް މިފަދަ ފުރުސަތެއް ނުދިނުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް މިބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ބިދޭސިންގެ މުޒާހަރާތައް ފެށުނީ ބ. ބޮޑުފިނޮޅުގައި މަސައްލަތް ކުރަމުންދިޔަ ބިދޭސިންތަކަކަށް އެ ތަނުގެ ކޮންޓްރެކްޓަރު ދޭންޖެހޭ މުސާރަ ނުދޭތާ ހަ މަސް ވެފައި ވާތީ، އެ ރަށުގައި މަސައްކަތް ކުރާ ބިދޭސިން އެކަމާ ހަމަނުޖެހުން ހިންގައި، މުޒާހަރާ ކުރުމުންނެވެ.

މި މުޒާހަރާތަކާޢި ހަމަނުޖެހުން ތަކުގައި ބޮޑުފިނޮޅުގައި ހުރި މުދަލަށާއި ތަކެއްޗަށް އަދި އިމާރާތްތަކަށް ގެއްލުންދީފައިވާއިރު ބިދޭސިނެް ކޮންޓްރޯލު ކުރުމަށް އެ ރަށަށް ދިޔަ ފުލުހުންނަށްވެސް ވަނީ ހަމަލާ ދީފައެވެ. މި ހަމަލާތަކުގައި ބައެއް ފުލުހުން ވަނީ ޒަހަމްވެސް ވެފައެވެ.

މި ހަމަނުޖެހުމުން ހިތްވަރު ލިބިގެން މިދިޔަ ހަފްތާގެ ހޯމަ ދުވަހު ހުޅުމާލޭގައި ސިފައިންގެ ފްލެޓުތަކުގެ މަސައްކަތްކުރާ އައިލެންޑް އެކްސްޕާޓުގެ މުވައްޒަފުން ވަނީ މުޒާހަރާކޮށްފައެވެ. އޭގެ ހަފްތާއެއް ފަހުން މިއަދު އެކުންފުނީގެ މުވައްޒަފުން ވަނީ ހަމަނުޖެެހުން ހިންގާ އާންމުންގެ މުދަލަށާއި ފުލުހުންގެ ވެހިކަލަކަށްވެސް ހަމަލާ ދީފައެވެ.

ބޮޑުފިނޮޅު މައްސަލާފައި 19 ބިދޭސީއަކު ހައްޔަރު ކުރި އިރު މުދަލަށް ގެއްލުންދިން މައްސަލައާ ގުޅިގެން 41 ބިދޭސީ މަސައްކަތްތެރިޔަކު މިއަދު ވަނީ ހައްޔަރު ކޮށްފައެވެ.

މި އަހަރު ނިމޭއިރު، ގަވާއިދާ ހިލާފަށް އުޅޭ 20،000 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލަން އަމާޒުހިފާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން 62،000 މީހުންނަކީ ގަވައިދާ ހިލާފަށް އުުޅޭ މީހުންކަމަށް އިމިގްރޭޝަންގެ ރެކޯޑުތަކުން ފާހަގަވާ ނަމަވެސް، އެ އަދަދު 80،000 އާއި ލައްކައަކާ ދޭތެރޭ އުޅޭނެކަމަށް ވަރަށް ބޮޑަށް ޔަގީންވާ ކަމަށެވެ.

ލިޔެކިޔުން ނެތި އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށް އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދިޔަ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި 43،000 މީހުން ވަނީ ރަޖިސްޓްރީވެފައެވެ. ލިޔެކިޔުން ނެތި އުޅޭ މީހުންގެ 95 ޕަސެންޓަކީ ބަންގްލަދޭޝް ރައްޔިތުންނެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން މިހާތަނަށް ބަންގްލަދޭޝްގެ 4،000 މީހުން އަނބުރާ ގައުމަށް ފޮނުވާލާފައި ވާއިިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 3،800 މީހުންނަކީ ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ މީހުން ކަމަށެވެ.

comment ކޮމެންޓް