މިއަދު ޕޮޒިޓިވްވީ 31 މީހުން، ރަނގަޅުވީ ހަ މީހުން

މެއި 28، 2020: މާލޭގެ އެކި ސަރަހައްދުތަކުގައި އާރް އާރް ޓީމްތަކުން މަގުމަތިންދާ މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ރާއްޖެއިން 31 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 22 ދިވެހިންނާއި އަށް ބަންގްލަދޭޝް މީހުންގެ އިތުރުން އިންޑިއާ އެކަކު ކަމަށެވެ.

އިއްޔެއާ އަޅާ ބަލާއިރު މިއަދު ވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ދަށެވެ. އެގޮތުން އިއްޔެ އެކަނިވެސް ވައިރަސް އަށް 67 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

ފާއިތުވި ހަތް ދުވަހުގެ ތެރޭގައި ވައިރަސް އަށް ގިނަ އަދަދެއްގެ މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އެގޮތުން ފާއިތުވި ހަތް ދުވަހުގެ ތެރޭގައި ވަނީ 271 ޕޮޒިޓިވް ކޭސް ފެނިފައެވެ.

ފާއިތުވެދިޔަ ހަތް ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދުތައް:

ޖުލައި 13، 2020: 31 މީހުން

ޖުލައި 12، 2020: 67 މީހުން

ޖުލައި 11، 2020: 47 މީހުން

ޖުލައި 10، 2020: 64 މީހުން

ޖުލައި 9، 2020: 36 މީހުން

ޖުލައި 8، 2020: 16 މީހުން

ޖުލައި 7، 2020: 10 މީހުން

ރޭގެ 18:00 އިން ފެށިގެން މިއަދު 18:00 އާ ހަމައަށް 31 މީހަކު ވައިރަސް އަށް ޕޮޒިޓިވްވި އިރު އެ ވައިރަސް އިން ރިކަވާވެފައިވަަނީ ހަ މީހަކު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެއާއެކު ރާއްޖެއިން ވައިރަސް ޖެހި އެއަށްފަހު ރަނގަޅުވި މީހުންގެ އަދަދު ވަނީ 2،290 އަށް އަރާފައެވެ.

ކަމާބެހޭ ފަރާތްތަކުން ވަނީ މި ބައްޔަށް ޓެސްޓުކުރުމުގެ ގޮތުން 62،767 ސާމްޕަލްއެއް މިހާތަނަށް ނަގައިފައެވެ. މީގެ ތެރޭގައި ތަކުރާރުކޮށް ނަގަން ޖެހުނު ސާމްޕަލް ވެސް ހިމެނެ އެވެ.

ކޮވިޑް-19ގައި ރާއްޖެއިން މިހާތަނަށް ވަނީ 13 މީހަކު މަރުވެފައެވެ.

comment ކޮމެންޓް