ހުޅުމާލޭގައި ހަމަނުޖެހުން ހިންގައި ފުލުހުންނާ ކުރިމަތިލި މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުދީފި

ހުޅުމާލޭގައި ބިދޭސީން ފުލުހުންނާ ކުރިމަތިލާ ވީޑިއޯގެ ސްކްރީން ޝޮޓެއް --

މިއަދު ހުޅުމާލޭގައި ބިދޭސީ މަސައްކަތްތެރިން ހިންގި ހަމަނުޖެހުމުގައި މުދަލަށް ގެއްލުން ދިން މީހުންނަށް ގާނޫނުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފި އެވެ.

ފުލުހުންނާއި ސިފައިންގެ ފްލެޓުތަކުގެ މަސައްކަތް ކުރާ އައިލެންޑް އެކްސްޕާޓު ކުންފުނީގެ މުވައްޒަފުން މިއަދު ވެސް ވަނީ މުސާރަ ނުދޭ މައްސަލާގައި ހަޅުތާލުކޮށްފަ އެވެ.

މުދަލަށް ގެއްލުންދިން މައްސަލައާ ގުޅިގެން 41 ބިދޭސީ މަސައްކަތްތެރިޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. މިއަދުގެ ހާދިސާ އާ ގުޅޭ ގޮތުން ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ބިދޭސީ މަސައްކަތްތެރިންގެ ބަޔަކަށް ލިބެން ޖެހޭ މުސާރަ ނުލިބޭ ކަމަށް ބުނެ، އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ކުރި އިހުތިޖާޖަކާ ގުޅިގެން އެ ސަރަހައްދަށް ދިޔަ ފުލުހުންނާ ދިމާއަށް ގާއުކައި ހަމަނުޖެހުން ހިންގި ކަމަށެވެ. މި ހަމަނުޖެހުމުގައި ފުލުހުންގެ ބަޔަކަށް އަނިޔާވެ، ފުލުހުންގެ ވެހިކަލަކަށާއި އާންމު ރައްޔިތުންގެ މުދަލަށް ގެއްލުންވި ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

މި ހަމަނުޖެހުމާ ގުޅިގެން ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސްގެ ޕަބްލިކް ސޭފްޓީ އެންޑް ރެސްޕޮންޑް ޔުނިޓުގެ ޓީމެއް އެ ސަރަހައްދަށް ގޮސް އެއްވުމުގައި ބައިވެރިވި މީހުންގެ ތެރެއިން 41 މީހަކު ހައްޔަރުކުރި ކަމަށާއި އެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ބަޔާނުގައި ބުނީ މާލޭގެ މަގުތަކުގެ އަމާންކަން ނަގާލާ، ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުންދިނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"މި އަމަލު ހިންގުމުގައި ބައިވެރިވި މީހުންނާމެދު ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް މޯލްޑިވްސް ޕޮލިސް ސާވިސް އިން މިދަނީ ކުުރަމުންނެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ފުލުހުންގެ ބަޔާނުގައި ބުނީ މުސާރަ ނުލިބުން ފަދަ މައްސަލަތައް ހައްލުކުުރުމުގައި އެކަންތައް ހައްލުކުރުމަށް އެކަށައަޅާފައިވާ ގާނޫނީ އުސޫލުގެ ތެރެއިން އަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކުރާ ކަމަށެވެ.

"ގާނޫނު ތަންފީޒު ކުރުމަށް ތިބޭ ފުލުހުންނަށް ހަމަލާ ދިނުމާއި ދައުލަތުގެ މުދަލަށާއި އާންމު ރައްޔިތުންގެ މުދަލަށް ގެއްލުންދިނުން ފަދަ ކަންތައް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ދައުލަތާއި ރައްޔިތުންގެ މުދާ ހިމާޔަތްކުރަން އެޅެންހުރި އެންމެހާ ފިޔަވަޅުތައް އެޅުމުގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން ފަސް ނުޖެހޭނެ." އެ ބަޔާނުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް