ބަންގްލަދޭޝް އަށް މީހުން ގެންދިޔުމަށް 20ވަނަ ދަތުރު ކޮށްފި

ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުންގެ ތެރެއިން ސައްހަ ލިޔެކިޔުން ނެތް މީހުންނާއި އެކި ސަބަބުތަކާ ހުރެ އެނބުރި ގައުމަށް ދާން ބޭނުން މީހުން ފުރުވާލުމަށް ސަރުކާރާއި މޯލްޑިވިއަން ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ދަށުން 20 ވަނަ ފްލައިޓު ބާއްވައިިފިއެވެ.

މިއަދުގެ ފްލައިޓުގައިވެސް ބަންގްލަދޭޝްގެ 200 މީހުން ވަނީ ފުރުވާލައިފައެވެ. މޯލްޑިވިއަންގެ ފްލައިޓުތަކުގައި މިހާތަނަށް 4000 އެއްހައި މީހުން ފުރުވާލާފައިވާއިރު މީގެ ތެރޭގިނައީ ސައްހަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅޭ ބިދޭސިންނެވެ.

ސަރުކާރާއި މޯލްޑިވިއަން އިން ގުޅިގެން ކުރިއަށްގެންދާ މި އޮޕަރޭޝަނުގެ ދަށުން ކޮންމެ ހަފްތާއަކު ދެފަހަރެއްގެ މަތިން ބަންގްލަދޭޝް މީހުން ގައުމަށް ގެންދިޔުމަށް ފްލައިޓުތައް ބާއްވައެވެ.

މި އޮޕަރޭޝަނުގެ ދަށުން މިހައިތަނަށް ސައްހަ ލިޔެކިޔުން ނެތް 3000 އަށް ވުރެ ގިނަ މީހުން ވަނީ ފުރުވާލައިފައެވެ.

މޯލްޑިވިއަންގެ ރިޕެޓްރިއޭޝަން ފްލައިޓުތަކުގެ އިތުރުން ދިވެހި ސަރުކާރުން ޗާޓަރުކުރި ބިމާން ބަންގްލަދޭޝް އެއާވޭސްގެ ފްލައިޓެއްގަ އާއި ބަންގްލަދޭޝް އަސްކަރިއްޔާގެ ފްލައިޓެއްގައި ވެސް ދެފަހަރެއްގެ މަތިން ވަނީ އެ ގައުމުގެ ރައްޔިތުން ފުރުވާލައިފައެވެ.

މި އަހަރު ނިމޭއިރު، ގަވާއިދާ ހިލާފަށް އުޅޭ 20،000 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލަން އަމާޒުހިފާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން 62،000 މީހުންނަކީ ގަވައިދާ ހިލާފަށް އުުޅޭ މީހުންކަމަށް އިމިގްރޭޝަންގެ ރެކޯޑުތަކުން ފާހަގަވާ ނަމަވެސް، އެ އަދަދު 80،000 އާއި ލައްކައަކާ ދޭތެރޭ އުޅޭނެކަމަށް ވަރަށް ބޮޑަށް ޔަގީންވާ ކަމަށެވެ.

ލިޔެކިޔުން ނެތި އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށް އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދިޔަ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި 43،000 މީހުން ވަނީ ރަޖިސްޓްރީވެފައެވެ. ލިޔެކިޔުން ނެތި އުޅޭ މީހުންގެ 95 ޕަސެންޓަކީ ބަންގްލަދޭޝް ރައްޔިތުންނެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން މިހާތަނަށް ބަންގްލަދޭޝްގެ 4000 މީހުން އަނބުރާ ގައުމަށް ފޮނުވާލާފައި ވާއިިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 3800 މީހުންނަކީ ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ މީހުން ކަމަށެވެ.

ގިނަ އަދަދެއްގެ ބަންގްލަދޭޝް މީހުން އެނބުރި ގައުމަށް ފުރުވާލަމުންދާއިރު ބަންގްލަދޭޝް މަސައްކަތްތެރިންލައްވާ މަސައްކަތް ކުރުވުމަށްފަހު މުސާރަނުދޭ މައްސަލަ ވަނީ ފެންމަތިވެފަ އެވެ. ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސިންތަކެއް މުސާރައިގެ މައްސަލާގައި ހަމަނުޖެހުން ހިންގާފައިވާއިރު ހުޅުމާލޭގައި މަސައްކަތްކުރާ ބިދޭސިންތަކެއް ވަނީ މުސާރަ މައްސަލާގައި މިއަދު ވެސް މުޒާހަރާ ކޮށްފަ އެވެ.

comment ކޮމެންޓް