ހަރުދަނާ ފިޔަވަޅުތަކާއެކު އަންނަ މަހު ފަތުރުވެރިންނަށް ސީޝެލްސް ހުޅުވާލަނީ

ސީޝެލްސްގެ ރިސޯޓެއް---

ހަރުދަނާ ފިޔަވަޅުތަކަކާއެކު އަންނަ މަހުގެ އެކަކުން ފެށިގެން ސީޝެލްސްގެ ބޯޑަރު ފަތުރުވެރިންނަށް ހުޅުވާލަން ތައްޔާރުވެއްޖެއެވެ.

އަންނަ މަހުގެ އެކަކުން ފެށިގެން އިންޓަނޭޝަނަލް ޕެސެންޖާ ފްލައިޓުތަކަށް އެ ގައުމުގެ ބޯޑަރުތައް ހުޅުވާލާއިރު ސީޝެލްސް އަށް އެތެރެވުމުގެ ހުއްދަ ދެނީ އެގައުމުން ކަނޑައަޅާފައިވާ ލޯ ރިސްކު އަދި މީޑިއަމް ރިސްކު ގައުމުތަކުންދާ ފަތުރުވެރިންނަށެވެ.

މި ގައުމުތަކުގެ ތެރޭގައި ތައިލެންޑް، ބެލްޖިއަމް، ނެދަލޭޭންޑްސް، ނިއުޒިލެންޑް، ފްރާންސް، އޮސްޓްރިއާ، ކެނެޑާ، ޖަރުމަނު، އިޓަލީ، މެލޭޝިއާ، ސިންގަޕޫރު، ސައުތުކޮރެއާ، ސްޕެއިން، ސްރީލަންކާ، ސްވިޒަލޭންޑް އަދި ޔޫއޭއީ ހިމެނެއެވެ.

މީޑިއަމް ރިސްކު ގައުމުތަކުގެ ތެރޭ 20 ގައުމެއް ހިމަނާފައިވާއިރު މެލޭޝިއާ، ޔޫއޭއީ، އިނގިރޭސި ވިލާތް، ސްރީލަންކާ ހިމެނެނީ މި ކެޓެގަރީގައެވެ.

ލޯ ރިސްކު ގައުމުތަކުގެ ތެރޭ 17 ގައުމެއް ކަނޑައަޅާފައިވާއިރު ޗައިނާ، މޮރިޝަސް ބެލްޖިއަމް އަދި ނިއުޒިލެންޑް ހިމެނެނީ ލޯ ރިސްކު ގައުމުތަކުގެ ތެރޭގައެވެ.

ސީޝެލްސް އަށް ދަތުރުކުރާ ފަތުރުވެރިން ފްލައިޓަށް ބޯޑު ކުރުމުގެ ކުރިން، ކޮވިޑް19 ޓެސްޓް ނެގެޓިވް ރިޕޯޓެއް ހުށަހަޅަން ޖެހެއެވެ.

އަދި މީޑިއަމް ރިސްކު ގައުމުތަކުގެ ގޮތުގައި ބަލާ ގައުމުތަކުގެ ފަތުރުވެރިން، ސީޝެލްސް އަށް ދާތާ 72 ގަޑިއިރު ތެރޭ ޕީސީއާރު ޓެސްޓު ހަދަން ޖެހެއެވެ. އަދި ލޯ ރިސްކު ގައުމުތަކުންދާ ފަތުރުވެރިން އެންޓިޖެން ޓެސްޓް ހަދަން ޖެހެއެވެ.

ކޮވިޑް ނެގެޓިވް ޓެސްޓު ރިޕޯޓާއެކު ސީޝެލްސްގައި ޗުއްޓީ ހޭދަކުރާ ރިސޯޓު/ހޮޓެލްގެ މައުލޫމާތު އަދި ދަތުރުކުރާ އެއާލައިނާއި ފްލައިޓުގެ މައުލޫމާތު އެގައުމުގެ ޕަބްލިކް ހެލްތަށް އީމެއިލް ކުރަންޖެހެއެވެ. މި މައުލޫމާތު ހިއްސާ ނުކޮށް އެގައުމަށް އެތެރެވާ މީހުން އެ ފަރާތެއް ދަތުރުކުރި ފްލައިޓުގައި އަނބުރާ ފޮނުވާލަން ވަނީ ނިންމައިފައެވެ.

އަދި އިމިގްރޭޝަން ޑެސްކަށް އެކޮމޮޑޭޝަން ބުކިން އާ ގުޅޭ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭއިރު ރެޖިސްޓާޑް ރިސޯޓު/ހޮޓެލް އަކުން ބުކިން ހެދުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ސީޝެލްސްއަށް އެތެރެވާ މީހުންގެ ޓެމްޕަރޭޗާ ބަލައި، ހެލްތު ފޯމެއް ފުރަންޖެހެއެވެ. ދަތުރުކުރާ މުއްދަތުގައި ފަތުރުވެރިޔާގެ އަތުގައި މެޑިކަލް އިންޝުއަރެންސް އޮންނަން ޖެހެއެވެ.

ހުޅަނގު އިންޑިއާ ކަނޑުގައި އޮންނަ ސީޝެލްސް އަކީ 115 ރަށުގެ މައްޗަށް އެކުލެވޭ ޖަޒީރާ ގައުމެކެވެ. ސީޝެލްސް އިން 100 މީހަކު ބައްޔަށް ޕޮޒިޓިވްވި އިރު 11 މީހަކު ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ.

comment ކޮމެންޓް