އިންޑިއާއިން 61 ރަށެއްގައި އަޅާ ޖިމްތައް ރަސްމީކޮށް ހަވާލުކޮށްފި

އިންޑިއާގެ ސަރުކާރުން ހިލޭ އަޅައިދޭ 61 އައުޓްޑޯރ ޖިމް ރަސްމީކޮށް ދިވެހި ސަރުކާރާއި ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ "ދުޅަހެޔޮ ހަށިހެޔޮ" ސިއްހަތެއްގައި ރައްޔިތުން ބޭތިއްބުމުގެ ސިޔާސަތުގެ ތެރޭގައި ހިމެނިގެން އިންޑިއާގެ ސަރުކާރުގެ އެހީގައި ރާއްޖޭގެ 61 ރަށެއްގައި އެޅުމަށް ނިންމާފައިވާ އައުޓްޑޯ ޖިމުތަކަށް ބޭނުންވާ ސާމާނު ގެނެސް ރަސްމީކޮށް ދިވެހި ސަރުކާރާ ހަވާލު ކޮށްފި އެވެ.

ގައުމީ ފުޓުބޯޅަ ސްޓޭޑިއަމް، ގަލޮޅު ދަނޑުގައި މިއަދު ހަވީރު އޮތް ރަސްމިއްޔާތުގައި ރާއްޖޭގެ 61 ރަށެއްގައި އަޅާ ފެންވަރު ރަނގަޅު ޖިމުތަކުގެ ސާމާނުތައް ހަވާލުކޮށްދެއްވީ އިންޑިއާގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުރި ސަފީރު ސަންޖޭ ސުދީރު އެވެ.

އިންޑިއާގެ ސަރުކާރުން ހިލޭ އަޅައިދޭ 61 އައުޓްޑޯރ ޖިމް ރަސްމީކޮށް ދިވެހި ސަރުކާރާއި ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދުގެ މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެވެ. މީގެ އިތުރުން ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފްއާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި 61 ރަށެއްގައި ހަދާ އައުޓްޑޯ ޖިމަށް ބޭނުންވާ ސާމާނު ގެނައުމަށް ޔޫތު މިނިސްޓްރީއިން ހަވާލުކުރި ސްޕޯޓްސް ކޯޕަރޭޝަނާ އެކު އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހު އެވެ.

މި އެއްބަސްވުމުގެ އަގަކީ ގާތްގަނޑަކަށް ނުވަ ވަރަކަށް މިލިއަން ރުފިޔާ ކަމަށާއި، ޖިމްގެ ސާމާނު ރާއްޖެ ގެނެސް އަތުރާ ނިންމާލުމަށް އިތުރަށް 20 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް މިނިސްޓްރީން ވަނީ ކުރިން ބުނެފަ އެވެ. މި ހުރިހާ ޚަރަދެއް ވެސް ކުރާނީ އިންޑިއާ ސަރުކާރުންނެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، މިކަމުން ދޭހަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހަށިހެޔޮ ދުޅަހެޔޮ ރައްޔިތުންތަކެއް ބިނާ ކުރުމަށް ކުރަމުންގެންދާ މަސައްކަތް ކަމަށާއި، އަދި ދިވެހި ސަރުކާރުން ރައްޔިތުންނާއި ވީހާވެސް ގާތުން ކުރަމުން ގެންދާ މަސައްކަތްތަކާއި ޕްރޮޖެކްޓް ތަކުގައި އިންޑިއާގެ ސަރުކާރުން ވެދެއްވާ އެހީތެރިކަން ކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ މިއަދު ހަދިޔާ މިކުރެވޭ 61 ޖިމް ރަށްރަށުގައި ގާއިމްވެ، ރާއްޖޭގެ ރައްޔިތުންނަށް އޭގެ ބޭނުން އަވަހަށް ހިފޭނެ ގޮތަކަށް މަސައްކަތްތައް ރޭވިގެން ދިއުން،" ޝާހިދު ވިދާޅުވި އެވެ.

އިންޑިއާގެ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ މިކަމަކީ މީގެ ދެ އަހަރު ކުރިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ހަމަޖެހިގެން ދިޔަ ކަމެއް ކަމަށާއި، އެ ދަތުރު ފުޅުގައި 80 މިލިއަން ޑޮލަރުގެ ބޮޑެތި ޕްރޮޖެކްޓްތަކާއި 8 މިލިއަން ރުފިޔާގެ ކުދި ޕްރޮޖެކްޓްތަކެއް ރާއްޖެއަށް ހަދިޔާ ކުރައްވަން ނިންމެވި ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު މަހްލޫފް ވިދާޅުވީ މިއަދަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ވެގެން ދިޔަ ދުވަހެއް ކަމަށާއި، އިންޑިއާއިން މިހާރު ވެސް ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ކުރަމުންދާ ގިނަ ކަންކަމަށް ޝުކުރު ދަންނަވާ ކަމަށެވެ.

އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު ޒަމާންވީ ގުޅުމުގެ މައްޗަށް ވާހަކަ ދައްކަވާފަ އެވެ. އަދި ކުރީ ސަރުކާރުގެ ފަސް އަހަރުގައި އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ހީނަރުވީ ކަމަށް ދެކެވުނު ނަމަވެސް އެއީ ކުށްހީއެއް ކަމަށާއި، ރާއްޖޭގެ ރައްޔިތުންނަށް އިންޑިއާގެ ގުޅުމާއި ނުލައި ދިރިއުޅެން އުނދަގޫވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް