ކުޅުދުއްފުށީގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރަން ސާވޭއެއް

ކުޅުދުއްފުށީ ސިޓީގައި ސޯލާ ޕެނަލްތައް ހަރުކުރާނެ ކަމަށް ބުނާ ސަރަހައްދުތައް --- ފޮޓޯ : އެންވަޔަރަންމެންޓް މިނިސްޓްރީ

ކުޅުދުއްފުށީ ސިޓީގައި އިރުގެ އަލީން ހަކަތަ އުފައްދާ ނިޒާމު ގާއިމުކޮށް ކަރަންޓު ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް އެންވަޔަރަންމެންޓް މިނިސްޓްރީއިން ސާވޭއެއް ފަށައިފި އެވެ.

އެންވަޔަރަންމެންޓް މިނިސްޓްރީއިން މިއަދު ބުނެފައިވަނީ ކުޅުދުއްފުށީގައި އަވީގެ އަލީން ހަކަތަ އުފައްދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ދާނީ ވޯލްޑް ބޭންކާއި މިނިސްޓްރީއިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެކްސެލަރޭޓިން ރިނިއުވަބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ މަޝްރޫއުގެ ދަށުން ކަމަށެވެ.

މިނިސްޓްރީއިން ބުނެފައިވަނީ އެކަމާ ގުޅިގެން ފަށާފައިވާ ސާވޭގައި ހިއްސާކުރާ މައުލޫމާތަކީ ހަމައެކަނި ދިރާސާގެ ބޭނުމަށް ނަގާ މައުލޫމާތު ކަމަށެވެ. އަދި ސާވޭގައި ބައިވެރިވާ އެއްވެސް ފަރާތެއްގެ ޒާތީ މައުލޫމާތު އާންމު ނުކުރާނެ ކަމުގެ ޔަގީންކަން މިނިސްޓްރީއިން ވަނީ ދީފައެވެ.

މިނިސްޓްރީއިން ބުނެފައިވަނީ އެ މަޝްރޫއުގެ ދަށުން މައިގަނޑު ތިން މަސައްކަތެއް ކުރާނެ ކަމަށެވެ. އެއީ އިޔާދަކުރަނިވި ހަކަތައިގެ ނިޒާމު ގާއިމުކުރުމާއި ކަރަންޓް ގްރިޑް އަޕްގްރޭޑް ކުރުމުގެ އިތުރުން ބެޓެރި އެނާޖީ ސިސްޓަމެއް ގާއިމުކުރުމެވެ.

އިޔާދަކުރަނިވި ހަކަތައިގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ބިމުގައި ހާއްސަ ސްޓްރަކްޗާއެއް ބަހައްޓައި ސޯލާ ޕެނަލް ބަހައްޓައިގެންނެވެ. ސްޓްރަކްޗަރުގެ ބުޑުތައް ހެދުމަށް ހަމަޖެހިފައިވަނީ ކޮންކްރިޓް ބޭނުންކޮށްގެން ކަމަށް މިނިސްޓްރީއިން ބުންޏެވެ.

މިނިސްޓްރީއިން އިތުރަށް ބުނެފައިވަނީ މަޝްރޫއު ކުރިއަށްދާއިރު އެ މަޝްރޫއު ކުރިއަށްދާ ސަރަހައްދު ބަންދުކުރާނެ ކަމަށާއި އެ މަޝްރޫއަށް ފަސް މަސް ހޭދާ ވާނެ ކަމަށެވެ.

މިނިސްޓްރީއިން ބުނެފައިވަނީ ސޯލާ ޕެނަލް ޖެހުމަށް ހަމަޖެހިފައިވަނީ އެއާޕޯޓު ކައިރި ސަރަހައްދުތަކުގައި ކަމަށެވެ.

comment ކޮމެންޓް