އިސްތިއުފާ ދިން ސްޓާފް ޓޫރިޒަމް މިނިސްޓްރީއަށް ކުރި ތުހުމަތުތައް މަޖިލީހުން ބަލަނީ

ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ފްލޭނިން އޮފިސަރުކަމުން އިސްތިއުފާދިން ފާތިމަތު ޝަރުމާ --- ފޮޓޯ/ އިންސްޓަގްރާމް

ޓޫރިޒަމް މިނިސްޓްރީގެ ބައެއް ވެރިންނާއި މުވައްޒަފުންގެ ފަރާތުން ފުރައްސާރަ އާއި އަނިޔާ ލިބެމުންދާ ކަމަށް ބުނެ، ވަޒީފާއިން އިސްތިއުފާ ދިން މުވައްޒަފު މިނިސްޓްރީއަށް ކޮށްފައިވާ ތުހުމަތުތައް މަޖިލީހުގެ އާންމު ކޮމެޓީން ބަލަން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަންގަވައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގައި އެންމެ ރައްކާތެރި މަސައްކަތުގެ މާހައުލެއް ނެތް ކަމަށް ބުނެ އިސްތިއުފާ ދިނީ މިނިސްޓްރީގައި ސީނިއާ ޕްލޭނިން އޮފިސަރެއްގެ ވަޒީފާ އަދާކުރަމުން ދިޔަ ފާތިމަތު ޝަރުމާ އެވެ.

ޓޫރިޒަމް މިނިސްޓްރީ ހިންގުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ޝަރުމާ ފޮނުވި ސިޓީ، ފަހުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި މަޖިލީހުގެ ރައީސް އަށާއި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަށް ވެސް ފޮނުވައިފަ އެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި މަޖިލީހުގެ ރައީސް ވިދާޅުވީ އެ ސިޓީ ލިބިވަޑައިގެންފައިވާ ކަމަށާއި އެ ސިޓީގައި ފާހަގަކޮށްފައިވާ ކަންކަން އާއްމު ކޮމެޓީން ބެލުމަށް އަންގާ ކަމަށެވެ. އަދި އެ ސިޓީއާ ގުޅިގެން ކުރިއަށް ދާނެ ގޮތް ވެސް ނިންމާނީ އެ ކޮމެޓީން ކަމަށެވެ.

ޝަރުމާ ފޮނުވި ސިޓީގައި ބުނެފައި ވަނީ އޭނާ އަކީ 2016 ވަނަ އަހަރުން ފެށިގެން މިނިސްޓްރީގައި ވަޒީފާ އަދާކުރަމުން އަންނަ މީހެއް ކަމަށެވެ.

އަދި ސިވިލް ސާވިސްގެ މަގާމުގައި ހުރި މުވައްޒަފެއްގެ ހައިސިއްޔަތުން ދުވަހަކުވެސް އަހްލާގީ ނުވަތަ އެނޫންވެސް މައްސަލައެއްގައި އޭނާއާމެދު ފިޔަވަޅު އަޅާފައި ނުވާނެ ކަަމަށެވެ.

އޭނާ ބުނީ ކޮވިޑް19 އާ ގުޅިގެން ޓާސްކްފޯސްގެ މަސައްކަތްކުރި ދުވަސްވަރުގައި މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް މުވައްޒަފުންނާއި އެފަރާތްތަކަށް ވާގިވެރިވާ ބައެއް ސިވިލް ސާވިސް މުވައްޒަފުންގެ ފަރާތުން މެދުކެނޑުމެއްނެތި ސީދާ ގޮތުންނާއި ނުސީދާގޮތުން ފުރައްސާރަ ކުރަމުން ދިޔަކަމަށެވެ.

ހަމައެއާއެކު، އެކި މަސައްކަތްތަކުގައި އެ ފަރާތްތަކުން ނަފްސާނީގޮތުން ކުރަމުންދިޔަ އަނިޔާތަކުގެ ޝަކުވާ އޭރު މިނިސްޓަރު ކަމުގައި ހުންނެވި އަލީ ވަހީދާ ހިއްސާކުރުމުން، އެކި ފަހަރުމަތިން އެފަރާތްތަކަށް ނަސޭހަތްދެއްވާ އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާފައި ވާކަމަށް ވެސް ބުނެފައިވެ އެވެ.

ސިޓީ ނިންމާލަމުން ޝަރުމާ ބުނެފައި ވަނީ ސިޔާސީ އޮއިވަރެއްގައި ވަކި މަގުސަދެއް ހާސިލްކުރުމަށް މިނިސްޓްރީގައި ތިއްބެވި ގިނަ ސިޔާސީ މުވައްޒަފުންގެ ފަރާތުން ލިބެމުންދިޔަ ފުރައްސާރައާއި އަނިޔާގެ ޝިކާރާއަކަށް އޭނާ ވެފައިވާ ކަމަށެވެ.

އަދި އޭނާއަށް އިންސާފު ނުލިބި، އަބުރަށް އުނިކަން ލިބޭފަދަ ތަފާތު ވާހަކަ ދެކެވި މިނިސްޓްރީގައި ތިއްބެވި ސިޔާސީ ބައެއް މުވައްޒަފުންގެ ނުފޫޒުގެ ސަބަބުން ސިވިލް ސާވިސް މުވައްޒަފުންގެ ވަޒީފާގެ ބިރަށް އެފަރާތްތަކަށް އެއްބާރުލުން ދެއްވިކަމުގައި ވީނަމަވެސް، ޖެހިލުމެއްނެތި މިނިސްޓްރީގައި ކަންކަން ހިނގާފައިވާ ގޮތުގެ ހަގީގަތް ހާމަކޮށް ދިނުމުގައި އެންމެ މީހެއްގެ ގޮތުގައި ހުންނަން ޖެހުނަސް، އެކަންކުރާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

"ވީމާ، މަސައްކަތުގެ މާހައުލުގައި އަޅުގަނޑާއި މެދު އަމަލުކޮށްފައިވާ ގޮތުން މަސައްކަތުގެ މާހައުލަކީ އަޅުގަނޑަށް އަމާން އަދި ރައްކައުތެރި ތަނެއްގެ ގޮތުގައި ގަބޫލު ނުކުރެވޭތީ، މިއަދުން ފެށިގެން ވަޒީފައިން ވަކިވި ވާހަކަ ދެންނެވީމެވެ." ޝަރުމާގެ ސިޓީގައި ބުނެފައިވެ އެވެ.

comment ކޮމެންޓް